ރޯދަމަހާ ދިމާކޮށްް، ދިވެހިރާއްޖެ ހިމެނޭހެން އޭޝިޔާގެ މުސްލިމުންނަށް އަމާޒުކޮށް ނަސޯރާދީން ފެތުރުމަށް މިޝަނަރީ އެލަން ހެރިސް ކިޔާ ޖަމާއަތުން މަސައްކަތްފަށައި، އެމަސައްކަތް ފާޅުގައި ފުޅާކުރަން ފަށައިފިއެވެ.
ލިޓުލް ބައިބުލް މިނިސްޓްރީ ނަމަކަށްކިޔާ ޖަމާއަތަކާ ގުޅިގެން އެލަން ހެރިސްއިން އެންމެ ފުޅާކޮށް ކުރާ މަސައްކަތަކީ ޖީބަށް ލެވޭވަރުގެ ކުދި އަދި ނަސޯރާ ދީނުގެ ބައިބުލްގައި ހިމެނޭ އިސްލާމްދީނާ ފުށުއަރާ ބައެއް ބައިތައް ހިމެނޭހެން ޕްރިންޓްކޮށްފައިވާ ކުދި ފޮތްތައް ބެހުމެވެ. އެފޮތް އިނގިރޭސި ބަހުންނާއި ބައެއް ގައުމުތަކުގެ ބަހަށް ތަރުޖަމާކޮށްގެންވެސް ބަހަމުން ގެންދެއެވެ.
އެ މިޝަނަރީއިން ބަހަމުން ގެންދާ ކުޑަ ފޮތުގައި ބަޔާންކޮށްފައިވާ ގޮތުގައި ކާމިޔާބު ދިރިއުޅުމަކަށް ޚިޔާރުކުރަންވީ ދީނަކީ ނަސޯރާދީނެވެ. އެއީ ނަސީބާއި މަދަދުވެރިކަމަށް މަގު ހުޅުވާލަދޭ ދީން ވެސް މެއެވެ.
ތައިލެންޑްގެ މުސްލިމުންނަށް އަމާޒުކޮށް ޓްރެފިކް ލައިޓްތައް ކައިރީ، ސޫޓްލައިގެން ތިބި ބަޔަކު އެފޮތްތައް ބަހަމުންދާކަން ފާހަގަކޮށް އެކަމާ ސަމާލުވުމަށް ވަނީ މުސްލިމް ޖަމާއަތްތަކުން އަންގާފައެވެ. އިންޑޮނޭޝިއާ އާއި ބަންގްލަދޭޝްގެ ބައެއް އާންމުންނަށް ދުވަހު އުޖޫރަ ދީގެން ނަސޯޯރާ ދީނުގެ ޖީބު ފޮތް ބަހާކަން އޮތީ ފަޅާ އަރާފައެވެ.
ލިޓްލް ބައިބަލް މިނިސްޓްރީ އާއި އެލަން ހެރިސް މިޝަނަރީން ވަނީ މުސްލިމު ފަގީރުންނަށް އަމާޒުކޮށް އެމީހުންގެ ދިރިއުޅުން ރަނގަޅުކޮށް ދިނުމުގެ ނަމުގައި ނަސޯރާދީން ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ރާވައި އެކަމަށް ބޭނުންވާ ފަައިސާ އާއި އެހެނިހެން އެހީތެރިކަންވެސް ނަސޯރާދީނުގެ މިޝަނަރީތަކުން ހޯދާފައެވެ.
ދާދި ފަހުން ރާއްޖެއިން ވެސް ނަސޯރާ ދީން ފެތުރުމަށް މަސައްކަތްކުރަމުން ގެންދިޔަ ޔޫރަޕުގެ ގައުމަކަށް ނިސްބަތްވާ ދެމަފިރިއަކު ވަނީ ހައްޔަރުކޮށްފައެވެ.