ހަނިމާދޫ ޓޫރިޒަމް ޒޯން ހިންގުމަށް ކަނޑައަޅާފައިވާ ބިމުން 5000 އަކަފޫޓުގެ 14 ބިމެއް ޓޫރިޒަމްގެ ބޭނުންތަކަށް ކުއްޔަށް ދޭން ކަނޑައަޅައި އެކަން ހަނިމާދޫ ކައުންސިލުން އާންމުކޮށް ހުޅުވާލައިފިއެވެ.
ކައުންސިލުން ބުނި ގޮތުގައި ރަށަށް އާމްދަނީ އިތުރުކޮށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކުރުމަށް އަމާޒުކޮށް ބިން ކުއްޔަށް ދޫކުރަން ނިންމާފައި ވަނީ 50 އަހަރަށެވެ. ބިންތައް ދޫކުރަނީ ޓޫރިޒަމްގެ މަސައްކަތްތަކަށް ފަހިވާ ގޮތަށް، ބީޗް ސަރަހައްދުންނެވެ.
މިމަޝްރޫޢުގެ ބީލަން ހުޅުވާލުން އޮންނާނީ މިމަހުގެ 30ވަނަ ދުވަހު، 13:00ގައެވެ. މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ބައިވެރިވުމަށް 1000 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެއެވެ.
މިދިޔަ އަހަރުވެސް ހަނިމާދޫން ފަތުރުވެރިކަމަށް 12 ބިމެއް ދޫކުރަން ހުޅުވާލިއެވެ. އެއީ 10،000 އަކަފޫޓުގެ 4 ބިމާއި 5000 އަކަފޫޓުގެ 8 ބިމެއް ވިޔަފާރީގެ އުޞޫލުން ދޫކުރުމަށެވެ. މީގެތެރެއިން 10،000 އަކަފޫޓުގެ ބިންތައް ދޫކޮށްފައިވަނީ 40 އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި 5000 އަކަފޫޓުގެ ބިންތައް ދޫކުރީ 30 އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެ ފުރުޞަތަށްވެސް 75 ވިޔަފާރި ކުންފުންޏަކުން ޝަޢުގުވެރިކަން ފާޅުކުރިއެވެ.
ހަނިމާދޫ އެއާޕޯޓް ލަހެއްނުވެ އިންޓަނޭޝަނަލް އެއާޕޯޓަކަށް ވެގެންދާނެ ކަމަށް ސަރުކާރުން އިއުލާންކޮށްފައިވާތީ، ހަނިމާދޫ ބީޗު އޭރިޔާއިން ޓޫރިޒަމްގެ ބޭނުމަށް ބިން ކުއްޔަށް ހިފުމަށް ގިނަ ބަޔަކު ޝައުގުވެރިވުން ވަރަށް ގާތެވެ.