ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް ބެލެވޭތީ، މާދަމައިން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖެ ސަރަހައްދަށް އާންމުކޮށް ވައިބާރުވެ، ކަނޑުތައް ވަރަށް ގަދަވެ، ވިއްސާރަކުރާނެތީ އެކަމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުން ބުނީ ކުރިއަށްއޮތް ފަސް ދުވަހު އާންމު ގޮތެއްގައި 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާ ދެމެދުގެ ބާރު މިނަށް ވައިގަދަވާނޭކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރާކަމަށާއި، ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނޭ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމާއެކު ފިޔަވަޅުތައް އެޅުމަށް އެދޭކަމަށެވެ.
Southwest monsoon is likely to intensify over the Maldives in the coming days. pic.twitter.com/bcPSoDyK6f
— Maldives Meteorology (@MetMaldives) May 15, 2024
މިހާރު ފެށިގެން މިއުޅެނީ ހުޅަނގު މޫސުމުގެ ތިން ވަނަ ނަކަތް ކަމަށްވާ "ކެތި" ނަކަތެވެ. ކެތި ނަކަތުގައި ވައި ހުންނާނީ ޖުމްލަ ގޮތެއްގައި 20.37 ކިލޯމީޓަރުގެ ބާރު މިނުގައެވެ.މި ނަކަތާ ގުޅޭގޮތުން މޫސުމާ ބެހޭ އިހުގެ ތަޖުރިބާކާރު ބޭފުޅުން ވިދާޅުވެފައިވަނީ، "ކެތި" މި ނަކަތަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ފެށިގެން އަންނަ ނަކަތެވެ. މި ނަކަތުގައި އާއްމުގޮތެއްގައި އުޑުމަތި އޮންނާނީ ބަނަކޮށެވެ. ދޭތެރެ ދޭތެރެއިން ވާރޭ ވެހޭއިރު، މި ނަކަތުގައި 7 ކޮޅިގަނޑު ލައިގަންނާނޭކަމަށް އިހުގެ މީހުންގެ ފަރާތުން ވާހަކަ އައިސްފައި އޮވެއެވެ.
ކުރިއަށް އޮތީ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރަކަމުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ސަމާލުވުމަށް އިލްތިމާސްކޮށްފައިވާއިރު، މޫސުމަށް ބެލުމެއްނެތި ދަތުރުކުރުމުން މިފަދަ ދުވަސްވަރު ރާއްޖޭގައި ކަނޑުމަތީގެ ވަރަށް ނުރައްކާތެރި ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. މިގޮތުން ލޯންޗު ބަންޑުން ޖަހާލުމުގެ ހާދިސާތަކުގައި މީހުންގެ ފުރާނަވެސް ގެއްލިފައި ހުރިކަންވެސް ފާހަގަކޮށްލެވެއެވެ.