ރާއްޖޭގެ އެކި މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ޗައިނާއިން ވަނީ 1.37 ބިލިއަން ޑޮލަރުގެ ލޯނު ނަގާފައި ވާނއިރު، މިއީ ބޭރު ގައުމުތަކުން ނަގާފައިވާ ދަރަނީގެ ގާތްގަނޑަކަށް 20 އިންސައްތަ އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ދަރަނި ބޮޑުވުމަކީ ޗައިނާ އިން ވެސް ކަންބޮޑުވާ ކަމެއް ކަމަށެވެ. އެހެންކަމުން ޗައިނާއިންވެސް އިސްކަން ދެނީ ދަރަނި އިތުރު ނުވާނެހެން މަޝްރޫއުތަކަށް ފައިސާގެ ހިލޭ އެހީ ދޭން ކަމަށް ސަފީރު ވޭންގް ވިދާޅުވި އެވެ.
ޗައިނާއިން ދޭ އެހީ އަކީ ދަރަނީގެ ދަންތުރައެއް ކަމަށް ދެކެވޭ ވާހަކަައަށް އިޝާރާތް ކުރައްވައި ސަފީރު ވިދާޅުވީ ޗައިނާއިން ރާއްޖެއަށް އެހީ ފޯރުކޮށްދެނީ އަމިއްލަ މަންފާއެއް ހާސިލުކުރުމުގެ ބޭނުމުގައި ނޫން ކަމަށެވެ. އަދި ރާއްޖެއަށް އަބަދުވެސް އިހުތިރާމު ކުރާކަމަށް ސަފީރު ވަނީ ވިދާޅުވެފަ އެވެ.
"ޗައިނާ އިން ރާއްޖޭގައި ހިންގާ ހުރިހާ މަޝްރޫއުއަކީ ވެސް ދިވެހި ސަރުކާރުން އެދިގެން ކޮށްދޭ ކަންކަން. ޗައިނާ އިން އަމިއްލައަށް އެދިގެން ނޫނީ އަންގައިގެން ރާއްޖޭގައި ހިންގާ އެއްވެސް ކަމެއް ނޯންނާނެ،" ސަފީރު ވިދާޅުވި އެވެ.
ރާއްޖޭގެ ޓުއަރިޒަމް އަށް އެކަނި ބަރޯސާ ނުވެ ކުރެވޭނެ އައު ކަންކަން ދެނެގަނެ ލޯނު ނުނަގައި ގައުމަށް އާމްދަަނީ ވަންނާނެ ކަންކަން ކުރުމަކީ މުހިންމު ކަމެއްކަން ސަފީރު ފާހަގަކުރެއްވި އެވެ. އާމްދަނީ ހޯދުމުގެ މުހިންމުކަމާއި ކޮންމެ ކަމެއް ލޯނު އެހީގައި ކުރުމަށް ބަރޯސާ ވުމަކީވެސް ރަނގަޅު ކަމެއް ނޫންކަމަށް ވޭންގް ވަނީ ވިދާޅުވެފަ އެވެ.