މުހިއްމު ގިނަ ދާއިރާތަކަކުން އަމިއްލަ ފުދުންތެރިކަން އިތުރު ކުރުމަށްޓަކައި ޗައިނާއިން ގެންދަނީ ދުރުރާސްތާގެ އަމާޒުތަކަކަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ކޮމާޝަލް އެއާކްރާފްޓް އުފައްދައި މިހާރު ވަނީ ވައިގެ ދަތުރުފަތުރުގައި ބޭނުންކުރަން ފަށާފައެވެ. އެއަށް ފަހު އަމިއްލަ ޕްސެންޖާ ލައިނާ ބަނދެ، އޭގެ ދަތުރުތައްވެސް ފަށައިފިއެވެ. މިލިޓަރީ ގާބިލްކަން ވަރުގަދަކުރުމަށްޓަކައި ދެން އުފައްދަން ފެށީ އެއާކްރާފްޓް ކެރިއާއެވެ. މިގޮތުން ޗައިނާއިން އުފައްދައި ޚިދުމަތަށް ނެރުނު ތިން ވަނަ އެއާކްރާފްޓް ކެރިއާގެ ފުރަތަމަ ދަތުރު ކާމިޔާބު ކަމާއެކު ވަނީ ނިންމާލާފައެވެ.
މި އުޅަނދު ޚިދުމަތަށް ނެރުމާއެކު ޗައިނާގެ އަސްކަރިއްޔާގެ ބާރުވެރިކަން އިތުރު ހަރުފަތަކަށް އަރައިގެންދާނެ ކަނޑުމަތީގައި އޮންނަ އުޅަނދެއްގެ ޑެގްމަތިން އަސްކަރީ މަތިންދާ ބޯޓެއް ނައްޓާލުމަށް ބޭނުންކުރާ އިލެކްޓްރޯމެގްނެޓިކް ކެޓަޕަލްޓް ސިސްޓަމެއް ތަރައްޤީކޮށް މިހާތަނަށް ބޭނުންކުރަމުން ދިޔައީ ހަމައެކަނި އެމެރިކާގެ އަސްކަރިއްޔާގެ މަތިންދާބޯޓް އުފުލާ މަނަވަރުތަކުގައެވެ. އެހެންނަމަވެސް ޗައިނާ މިހާރުވަނީ މި ޓެކްނޮލޮޖީގައި އެމެރިކާއާއި އެއްހަމަކޮށް އެފަދަ ސިސްޓަމެއް އަމިއްލައަށް ތަރައްޤީކުރުމަށްފަހު، ފޫކިޔެންގައި އެ ނިޒާމު ބަހައްޓާފައެވެ.
އިލެކްޓްރޯނިކް ކެޓަޕަލްޓް ސިސްޓަމަކީ މަނަވަރުގެ ޑެކްމަތީގައި އޮންނަ ރަންވޭ ކުރުނަމަވެސް ރައްކާތެރިކަމާއެކު މަތިންދާ ބޯޓް އުދުއްސާލުމަށް ބޭނުންކުރާ ނިޒާމެކެވެ. މިނިޒާމްގެ ބޭނުންކޮށްގެން ތިން ސިކުންތެއްހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ބޯޓެއް ވައިގެ ތެރެއަށް ފޮނުވާލެވެއެވެ. ފޫކިޔެންގެ އަށް ދުވަހުގެ ފުރަތަމަ މަރުހަލާގެ ޓެސްޓުތަކުގައި މައިގަނޑުގޮތެއްގައި ބެލީ އުޅަނދުގެ ގާބިލުކަމާއި، ރާޑަރު، ނެވިގޭޝަން އަދި މުވާޞަލާތާއި އެހެނިހެން އާލާތްތައް މަސައްކަތް ކުރާ މިންވަރުގެ ޓެސްޓްތަކެވެ.
ގިނަ ދުވަސްތަކެއްގެ ދިރާސާތަކާއި ހޯދުންތަކުގެ އަލީގައި އެންމެ މިޒަމާނުގެ ވަސީލަތްތައް ގާއިމްކޮށްފައިވާ މި އުޅަނދާ ބެހޭ ގޮތުން އެމެރިކާ އާއި ނޭޓޯގެ ގައުމުތަކުން މިހާރު ގެންދަނީ އިތުރު މައުލޫމާތުތައް އެއްކުރަމުންނެވެ. އަދި ރަޝިޔާއާ މިކަމާ އެއްވެސް ގުޅުމެއް ވޭތޯވެސް އެބަ ފާރަވެރިވެއެވެ.
މަތިންދާ ބޯޓް ޖެއްސުމާއި ފުރުމާއި އެކިބާވަތުގެ ހަނގުރާމަތީ ވައިގެ އުޅަނދުތައް ޖައްސާ ފުރުމާއި ހަނގުރާމައިގެ މައިދާނެއްގައި ހިނގާނެ ހުރިހާ ކަމެއްގެ ޓެސްޓްތަކުގެ ސިލްސިލާ މި އުޅަނދުގައި އަދި ކުރިޔަށް ދާނެއެވެ. ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީއަށް މި އުޅަނދު ހަވާލުކުރާނީ ޓެސްޓުގެ ހުރިހާ މަރުހަލާތަކެއް ނިންމުމަށްފަހުއެވެ. ޗައިނާއިން މިހާރު ދަނީ ހަނގުރާމަމަތީ މަތިންދާ ބޯޓް އުފުލާ 4 ވަނަ މަނަވަރެއްވެސް ބަންނަމުންނެވެ. މި މަނަވަރުގެ ފެންވަރު އަދިވަނީ ސިއްރެއްގެ ގޮތުގައެވެ. ޚަބަރުފަތުރާ ވަޞީލަތްތަކުގެ ލަފާކުރާގޮތުން ޗައިނާގެ 4 ވަނަ މަނަވަރުވާނީ ނިއުކްލިއަ ޕަވާގައި ދުއްވުމުގެ ބާރު ލިބިފައިވާ މަނަވަރަކަށެވެ. އަދި އެމަނަވަރުގައި ބޭނުންކުރާ ޓެކްނޮލޮޖީއަކީ އެމެރިކާގައި މިހާރު ހުރި އެންމެ ޒަމާނީ ޓެކްނޮލޮޖީއަށްވުރެވެސް ކުރިއަރާފައިވާ ޓެކްނޮލޮޖީއަށް ވާނެއެވެ.
އެމެރިކާ އާއި ނޭޓޯއިން ކަންބޮޑުވަނީ ރަޝިޔާއާ ގުޅިގެން އަސްކަރީ އުޅަނދުފަހަރާއި ހަތިޔާރު އުފައްދައި، އީރާން މެދުވެރިކޮށް އެތަކެތި ޓެސްޓްކުރުމަށް ފުރުސަތު ދީފާނެތީއެވެ.
އެމެރިކާގެ މިލިޓަރީ އިންޓެލިޖެންސް އޮފިސަރަކު ވިދާޅުވެފައިވާ ގޮތުގައި ޗައިނާގެ އެޑްވާންސް އުފެއްދުންތަކުގެ ކަންބޮޑުވުން އެމެރިކާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް އެބައޮތެވެ. އަދި ޗައިނާއިން އެމީހުންގެ އަސްކަރީ ގާބިލްކަމުގެ ތެރެއަށް ޒަމާނީ ޓެކްނޮލޮޖީ އެހާ ބޮޑަށް ވައްދާފައިވާކަން އެމެރިކާއަށް ސާފުކޮށް އެނގުނީ ދާދި ފަހުން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.