logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ކޮރަޕްޝަނާއި ފަސާދަ ޒަމާނީ ފެޝަނަކަށްވެއްޖެ

އިބުނި ބަތޫތާ ފަދަ ސަހުސިއްޔަތަކު ރާއްޖޭގެ ތާރީޚު މިހާރު ލިޔާއިރު، ރާއްޖެއަކީ ވަގުން ނެތް، ވަގަށް ނުގޮވާ ގައުމެއްގެ ގޮތުގައި ފަހުވެރިކަމާއެކު ލިޔާނެ ޖާގަ ލިބޭނެ ހެއްޔެވެ؟ ނޫނެކެވެ. އޭގެ ބަދަލުގައި އެފަދަ ލިއުންތައް މުއްސަނދި ކުރާނީ ބޮޑުން ވައްކަން ކުރާ ގޮތުގެ ވާހަކައާއި އާންމުން ވެރިންނަށް ވަގަށް ގޮވާލެއް ގިނަ ކަމުގެ ވާހަކަތަކުންނެވެ. ދިވެހިންނާމެދު ފަޚުރުވެރިވި ތާރީޚީ ޢިލްމުވެރިން އޭރު ދިވެހިންގެ ސިފަކުރި ގޮތަށް މިހާރު ސިފަކުރަން އިންތިހާއަށް ދަތިވާނެއެވެ.
ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ މީހުންނާއި އިހުގެ ޓެކްސީ ޑްރައިވަރުންގެ އަމާނާތްތެރިކަމުގެ ވާހަކައަކީ ދުނިޔޭގެ ފަތުރުވެރިން އެކަމަކަށްޓަކައި ވަރަށް ބޮޑަށް ފަޚުރުވެރިވި ކަންކަމެކެވެ.

ނަވާރަސަތޭކައިގެ އަހަރުތަކުގައި ރާއްޖެ އައި އިނގިރޭސި ދެމަފިރިން ރިސޯޓުގައި ތިބެފައި އައިލެންޑް ހޮޕިންއަށް ވެރިރަށް މާލެ އައިސް، މާލެ ވަށާ ބުރެއް ޖަހާލުމަށް ޓެކްސީ އަކަށް އެރިއެވެ. ގާތްގަނޑަކަށް ގަޑިއެއްހާއިރުގެ ސައިޓް ސީން ބުރަށް ފަހު އެމީހުން އެދުނު ގޮތަށް ނަސަންދުރަ ޕެލެސް ހޮޓަލަށް ދަތުރު ހުސްކުރިއެވެ. އެމީހުން ހޮޓަލަށް ބޭލުމަށް ފަހު، ބަނދަރާ މާދުރުނޫން ހިސާބެއްގައި ކާރު ބޭއްވުމަށް ފަހު މެންދުރުގެ ކެއުމަށް ކާރުން ފައިބަން އުޅެނިކޮށް ފަހަތު ސީޓުގައި އޮތް މުށި ކުލައިގެ ކުޑަ ދަބަހެއް ފެނުނެވެ. އެއީ ކާރުގައި އެންމެ ފަހުން ދަތުރުކުރި ދެ ފަތުރުވެރިންގެ އެއްޗަކަށްވެދާނެ ކަމަށް ގަބޫލުކޮށް، އެ ދަބަސް ގެންގޮސް އެ ދެމަފިރިންނާ ހަވާލުކުރުމުން އެމީހުންނަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. އެމީހުން ދަބަސް ހުޅުވާލިއިރު އޭގައި ތަރުތީބުން އަތުރާލާފައި ހުރީ ފައިސާގެ ނޫޓުތަކެވެ. ފަށްފަށުން ޝުކުރު އަދާކޮށް ޓެކްސީ ޑްރައިވަރަށް މެންދުރުގެ ކެއުމާއި ފައިސާގެ ހަދިޔާއެއް އެ ދެމަފިރިން ދިނެވެ. އެ ހާދިސާ މިހާރުގެ ރާއްޖޭގެ ހާލަތާ ގުޅުވާލައިފިނަމަ ބުނާނީ ކީކޭ ހެއްޔެވެ؟ އެ ތެދުވެރިކަމާއި އެ އަޚުލާގު އެބަ ފެނޭ ހެއްޔެވެ؟ ނޫނެކެވެ. މީ ހަގީގަތެވެ.

ވައްކަމާއި ހިޔާނާތުގެ ތުހުމަތު އާންމުންގެ ދުލުން ސަރުކާރުގެ ވެރިންނަށް އަމާޒުވުމަކީ ރާއްޖޭގައި މިހާރު އާދައިގެ ކަމެކެވެ. ވައްކަމުގެ ތުހުމަތުވާ ދިވެހި ވެރިންނަށްވެސް މިހާރު އެއީ މާބޮޑު ކަމަކަށްނުވެއެވެ. ލަދެއް ވެސް ނުގަނެއެވެ.
ދިވެހިންގެ އަމާނާތްތެރިކަމާއި ތެދުވެރިކަން ބަޔާންކޮށްދެއްވަމުން އިބުނި ބަތޫތާ ލިއުއްވާފައިވާ ގޮތުގައި ރުއްދޮށަށް ވެއްޓިފައި އޮންނަ ކާއްޓެއްހާ ހިސާބުވެސް އޭގެ ވެރިމީހާ ނޫން މީހަކު އަތެއް ނުލާނެއެވެ. އަވީލާފައި ހުންނަ މަސްކޮޅާއި ބިންބިކުރާތައް މީހުން ހިލަމެއް ނުވާ ހިސާބުތަކުގައި ބަހައްޓާފައި ހުންނައިރުވެސް، އޭގެ ވެރިމީހާ ނޫން މީހަކު އެވެރިކޮށެއް ނޫޅެއެވެ. އަހުރެން ރާއްޖޭގެ ރަށްރަށުން ވަގުންނެއް ނުދެކެމެވެ.

ގެދޮރު ކުއްޔަށް ދިނުމުގެ ނަމުގައި އޮޅުވާލައި ވައްކަން ކުރަނީއެވެ. ރީތި ނަމެއް ކިޔާ ގޭމެއްގެ ގަމުގައި ޖުވާ ކުޅުމުގެ ހުއްޖަތުގައި މީހުން ޖައްސާ މިލިއަނުން ހިޔާނާތްވެ ވައްކަން ކުރަނީއެވެ. މުދަލާއި ތަކެތި ސަޕްލައި ކޮށްދޭނެ ކަމަށް ބުނެ ލާރި ހޯދައި، ފަހުން އެނގޭ ކަމަށް ވެސް ހަދާ ނުލައި އެތިބެނީ ވަގުންނެވެ.

ދައުލަތުގެ އިދާރާތަކުގެ ޕްރޮކިއުމަންޓާއި އެނޫންވެސް ނުފޫޒުގަދަ މަގާމުތަކުގައި އެކި ދަރަޖައިގެ ވަގުން އެބަ ތިއްބެވެ. އަހަރެންގެ ބަހެއް ނޫނެވެ. އާންމު ރައްޔިތުންގެ ބަހެވެ. އާންމުން ސަރުކާރުގެ ވެރިންނާއި މުވައްޒަފުންނަށް އަމާޒުކުރާ ވަގު ބަދުނާމުން ސަލާމަތް ވެވެނީ މަދު ބަޔަކަށެވެ. ކޮންމެ ވެރިކަމެއްގައި ވެސް ކޮންމެ ބަޔަކުވެސް އޮތީ ގޯސް ހަދާފައެވެ. ވައްކަން ކޮށްފައެވެ. ހިޔާނާތް ވެފައެވެ. މިއީ އާންމު އާދައަކަށް ވަމުން އެދަނީއެވެ. ޒަމާން ދަސްކޮށްދިން ނުރައްކާތެރި ފެޝަނަކަށް ވެ ނިމިދަނީއެވެ.

މިއީ ހައްލު ބޭނުންވާ ނުރައްކާތެރި ބައްޔެކެވެ. އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީސް ޒިންމާދާރުވާން ޖެހެއެވެ. އޭރުން ވައްކަމާއި ހިޔާނާތް ބަލާ މުވައްސަސާތަކަށް ލޯމަރާލައިގެން ނޯވެވޭނެއެވެ. އެމީހުން ޒިންމާދާރުވާނެއެވެ. އަދި އެތަންތަނުން ތަހުގީގުކޮށްފައި ފޮނުވާ އޮއްޓަރު ހެޔޮ މައްސަލަތަކަށް ޝަރީއަތުން އިހުމާލެއް ވެސް ނުވެވޭނެއެވެ. އެހެންކަމުން ވަގުންގެ ކިބައިން ގައުމު ސަލާމަތްކޮށް ވައްކަމާ ދުރު ސަގާފަތެއް އުފެއްދުމަށް ފުރަތަމަ ފިޔަވަޅަކީ ރައްޔިތުންގެ މަޖިލީސް ޒިންމާދާރުވުމެވެ. ދެން ދައުލަތުގެ އެންމެ މަތީ ވެރިމީހާ އަށް ޕްރޮޖެކްޓްތަކުން ލިބޭ ނާޖާއިޒު ފައިދާގެ އުސޫލު ނިމުމަކަށް ގެނައުމެވެ. އެއީ ކުދި ސޯބު އެނބުރޭނީ ބޮޑު ސޯބު އެނބުރޭ ގޮތަށް ކަމަށް ވާތީއެވެ. އެހެން ނޫނީ ތިބޭނީ ހަމަ ވަގުންނެވެ. ހުސް ވަގުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *