ހައިރާނެއް ނުވޭ ހެއްޔެވެ؟ ފަލަސްތީނަށް އދ.ގެ ފުރިހަމަ މެންބަރުކަން ދިނުމަށް ދުނިޔޭގެ ގިނަ ގައުމުތަކުން އިއްތިފާގުވެ ގަރާރެއް ފާސްވިތާ މާގިނަ ދުވަހެއް ނުވަނީސް ބޮސްނިއާގެ މުސްލިމުންނަށް ހެޔޮ އެދިގެން މާ ކުއްލި ގޮތަކަށް އދ. އަށް ގަރާރެއް ހުށަހެޅީ އިއްތިފާގަކުން ހެއްޔެވެ؟ ނޫނެކެވެ. އެއީ އެމެރިކާ އާއި އިޒްރޭލާއި އެދެގައުމަށް ވާގިވެރިވާ ފަރާތްތަކުން ދަމައިގެން އުޅޭ ގުއި ރޯނެކެވެ. ފާޅުގައި ދުއްވާ ދެބޯގެރިއެކެވެ.
މާޒީވެ ނިމި ގޮސްފައިވާ ބޮސްނިއާ ހަނގުރާމައިގެ ވާހަކައަކީ އދ.ގައި ވަރަށް ގިނަ ފަހަރަށް ބަހުސްކޮށް، އަދި ބައިނަލް އަގުވާމީ ލޯޔަރުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުން ހިމެނޭ ގޮތަށް ދިރާސާތައްކޮށް ރިޕޯޓްތައް އާންމުކޮށްފައިވާ މައްސަލައެކެވެ. އޭގެ ތެރޭގައި ބޮސްނިއާ ސާބްސްއަށް ނިސްބަތްވާ ހަމަރާމަވެރި ޖަމާއަތަކުން ބޮސްނިއާގެ މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލުއާންމާއި ހިންގި އުދުވާނާ ގުޅޭ ތަފްސީލު ދިރާސާތައްވެސް އެހުރީ ގޫގަލްކޮށްލިއަސް ފެންނާށެވެ.
ބޮސްނިއާގެ މިވާހަކައިގެ ތެރެއަށް ދިވެހިންވެސް ވަދެއްޖެއެވެ. ސިޔާސީ އަދި ދީނީ ވިސްނުންތައް އިސްކޮށްގެންނެވެ. މިކަމާ ގުޅިގެން ދެކެވޭ ވާހަކަތަކަށް ސަރުކާރުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެފައި ވަނީ ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނީ ބޮސްނިއާގެ މުސްލިމުންގެ ދިފާއުގައެވެ. މިއީ ސިޔާސީ އަދި ދީނީ ވިސްނުން އެއްކިބާކޮށް ވިސްނާލުން ރަނގަޅު ވާހަކައެކެވެ.
ސަރުކާރުން ބޮސްނިއާގެ ވާހަކަ ދައްކާފައި މިވަނީ ބޮސްނިއާ ހަނގުރާމައިގެ ތެރެއިން ބޮސްނިއާ ސާބްސްއަށް ނިސްބަތްވާ މިލިޓަރީ ގްރޫޕަކުން ހިންގި ގަތުލްއާންމު ބަލައިގަތުމަށް އ.ދ ގައި ނެގި ގަރާރުގައި ރާއްޖެއިން އެއްވެސް ކޮޅަކަށް ވޯޓު ދީފައި ނުވާތީވެ އެކަމާއި ގުޅޭ ގޮތުން ރައީސް އޮފީހުގައި ބޭއްވި ކޮންފަރެންސް ގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި އެވެ.
އެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރާއްޖެ އަދި މި ސަރުކާރުން މަސައްކަތްކުރަނީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ މުސްލިމުންނަށް ރަނގަޅު ގޮތްވުމަށް ކަމަށެވެ.
އދ. އަށް ހުށެހީ ބޮސްނިއާ ގަރާރު ފާސް ކުރީ 84 ގައުމުގެ ތާއީދާއެކު އެވެ. ގަރާރު ފާސް ކުރުމާ ދެކޮޅަށް ވޯޓު ދިނީ އެންމެ 19 ގައުމެވެ. ނަމަވެސް އެއްވެސް ކޮޅަކަށް ވޯޓުނުލާ 68 ގައުމެއް ތިއްބެވެ. ރާއްޖެ ހިމެނޭ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ 56 މެމްބަރު ގައުމުގެ ތެރެއިން ވޯޓުގައި ބައިވެރިވީ 48 ގައުމަކުންނެވެ.
އަދި 8 މެންބަރު ގައުމަކުން މިވޯޓުގައި ބައިވެރިވެފައެއްނުވެ އެވެ. ވޯޓުގައި ބައިވެރިވި ގައުމުތަކުގެ ތެރެއިން ގިނަ ގައުމުތަކުން މިގަރާރަށް ތާއީދުކޮށްފައި ނުވެ އެވެ.
މިކަމުގައި ރާއްޖެއިން ސްޓޭންޑް ނަގާފައި އެވަނީ ޑިޕްލޮމެޓިކް ވިސްނުމަކުން ވިސްނާއިރު ތަހުޒީބީ ވިސްނުމަކުންނެވެ. އަދި އެކަމުގެ ނުފެންނަ ނަތީޖާ ވެސް ރަނގަޅަށް ދިރާސާކޮށްފައެވެ. އޯއައިސީގެ 18 ގައުމަކާ އެއްގޮތަށް ރާއްޖެއިން ވެސް ހިޔާރުކޮށްފައިވަނީ އެ ގަރާރާ ސިދާ ދެކޮޅަށް ވޯޓު ދިނުމުގެ ބަދަލުގައި ވަކި ކޮޅަކަށް ވޯޓު ނުދިނުމަށެވެ.
ރާއްޖެއިން ބޮސްނިއާ މައްސަލައިގައި ވޯޓުދީފައިނުވަނީ ފަލަސްތީނަށް އދ ގެ ފުރިހަމަ މެމްބަރުކަން ދޭން އދ ގެ އާންމު މަޖިލީހުން ފާސްކޮށްފައިވާ ގަރާރު އަރަބި ގްރޫޕުގެ ފަރާތުން ހުށަހެޅި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ. އާ އެއްވިސްނުމެއްގައެވެ. އަދި ބޮސްނިއާ އެންޑް ހަޒެގޮވިނާގެ މި މައްސަލައިގައި އިސްކޮށް އުޅޭ ގައުމުތަކުގެ ތެރޭގައި އިޒްރޭލަށް ފާޅުގައި ވާގިވެރިވާ ގައުމުތައް ހިމެނޭތީއެވެ.
ދުނިޔޭގެ ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން މިކަމާ ބުނެފައިވަނީ އެމެރިކާ އާއި އިޒްރޭލުން ހާމަކޮށްދޭން ބޭނުންވީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން އެގެންދަނީ ދުނިޔޭގެ ތާރީޚުގައި އާކަމެއް ނޫން ކަމާއި އެބައެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ތަންތަން ސުންނާފަތި ކުރުމާއި ނަސްލު ނައްތާލުން ވެސް އެންމެ ރަނގަޅު ކަމަށެވެ.،
"މިއީ ނުރަނގަޅު ނިޔަތެއްގެ މައްޗަށް ބިނާވެފައި އޮތް ގަރާރެއް. ބޮސްނިޔާގެ މައްސަލައާ އިޒްރޭލުން މިހާރު ގާޒާފައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އެހިންގާ ލާއިންސާނީ ޖަރީމާއަކާ އެއްގޮތަކަށް ވެސް އަޅާ ނުކިއޭނެ. އިޒްރޭލުން މިހާރު އެވަނީ ދުނިޔޭގެ ހުރިހާ ގާނޫނަކާ ޚިލާފުވެފައި، އިންސާނިއްޔަތުކަމުން ބޭރުވެފައި. ލާއިންސާނިއްޔަތުކަމުގެ ދެވަނައެއް ނެތް މިންވަރަށް އިޒްރޭލުގެ އަނިޔާވެރިކަން ގޮސްފައިވާއިރު، ބޮސްނިޔާގެ މުސްލިމުންނަށް އަނިޔާކުރި ހަނގުރާމަވެރި ގްރޫޕެއްގެ ވާހަކަ މިހާރު ނަގައިގެން އިޒްރޭލުން ފަލަސްތީނުގެ މީހުންނަށްކުރާ އަނިޔާވެ ވާހަކައިން ހިމާޔަތެއް ނުލިބޭނެ،" ދުނިޔޭގެ މަޝްހޫރު ޑިޕްލޮމެޓަކު ވިދާޅުވެފައިވެއެވެ.
އޯއައިސީގެ ގައުމުތަކުގެ އިތުރުން، އެ ގަރާރާ ދެކޮޅަށް ޗައިނާއިން ވޯޓުލާފައިވާއިރު އިންޑިޔާ، ލަންކާ، ނޭޕާލް، ބޫޓާން އަދި އެފްރިކާ ބައްރުގެ ގިނަ ގައުމުތަކުންވެސް ވޯޓު ލާފައިވަނީ ދިވެހިރާއްޖެއާ އެއްގޮތަށެވެ.
މި ގަރާރުގައި ހިމެނޭ ގައުމުތަކުން ވެސް ގަރާރާ ގުޅިގެން އިއްތިފާގު ވެފައި ނުވާތީ އާއި އދގެ މައި ޝަރުއީ ގުނަވަން ކަމުގައިވާ އައިސީޖޭ އިން ނިންމަވާފައިވާ މައްސަލައެއްގައި، އިތުރު ނުތަނަވަސް ކަމެއް އުފެއްދުމަށް ބޭނުންވަނީ ކީއްވެގެންކަމާ މެދު ދިވެހި ރާއްޖެއާއި ރާއްޖެއާ ބައިވެރިވި އެހެން ގައުމުތަކުންވެސް ވަނީ ސުވާލު އުފައްދާފައެވެ.