logo minivan

English

ބުދަ, 15 ޖެނުއަރީ 2025

ކަނޑުން ބައެއް ގެއްލުނު މައްސަލަ އަދިވެސް ދިރާސާކުރުމުގައި

މޮރިޝަސްއިން ރާއްޖެއާއި ދެކޮޅަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ހުށަހެޅި މައްސަލައިގައި ރާއްޖެއާއި ގުޅޭ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނުކަމަށް ބުނާ މައްސަލަ ދިރާސާކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އެކުލަވާލި ވިލަރެސް ކޮމިޓީގެ ރިޕޯޓު ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެންމެ ބޮޑަށް އެމަނިކުފާނުގެ ސަރުކާރަށް ކުރި ތުހުމަތަކީ ރާއްޖެ – މޮރިޝަސްކަނޑުގެ ސަރަހައްދު ފުށު އަރާ މައްސަލައިގައި އިންޓަނޭޝަނަލް ޓަރައިބިއުނަލް ލޯ އޮފް ދަ ސީސް (އިޓްލޮސް) ގައި ގޮތް ނިންމާފައި ވަނީ ގެއްލުން ލިބޭ ގޮތަށްކަމަށާއި އޭގެ ސަަބަބުން ދިވެހި ކަނޑުން ބޮޑު ބައެއް ގެއްލިގެން ގޮސްފައިވާކަމަށް ތުހުމަތު ކުރި އެވެ. އަދި ރާއްޖެއިން ސްޓޭންޑު ބަދަލުކޮށް މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީއެއް ފޮނުވުމުގެ ފަހަތުގައި ވެސް ޑީލްތަކެއް ވާކަމަށް އޭރު ވާހަކަ ދެކެވުނެވެ.

ގެއްލުނުކަމަށް ބުނާ ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމަކީ، ހަފްތާ 14 ގެ ދަށުން ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ރިޔާސީ ވައުދެކެވެ. އަދި އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރުމަށް ބޭރުގެ އެކްސްޕާޓުންނާއި އެކު އެކުލަވާލި ރިޕޯޓުގެ މައުލޫމާތުތައް މިދިޔަ ފެބްރުއަރީ މަހު އޭޖީ އޮފީހުން ހާމަކުރި އެވެ. ރިޕޯޓުގައި ގިނަ ތަފްސީލުތައް ހިމަނައި ބުނެފައި ވަނީ، ކަނޑުގެ މައްސަލައިގައި ކުރީ ސަރުކާރުން އަމަލު ކުރީ ޒިންމާދާރުކަން ކުޑަގޮތަކަށް ކަމަށެވެ.

މި މަސައްކަތް ގޮސްފައިވާ ހިސާބާ މެދު ސުވާލު އުފެއްދި ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވިދާޅުވީ ދިވެހިންގެ ކަނޑުގެ ސަރަހައްދު އަލުން އަނބުރާ ހޯދައި، ބޭރުގެ އަސްކަރިއްޔާ ފޮނުވާލާނެކަމަށްވި ވައުދު ފުއްދައިދޭނެ ކަމަށެވެ. އިންޑިއާގެ ސިފައިން ރާއްޖެ ދޫކޮށް ގޮސްފައިވާއިރު، ބޭރުގެ ބާރުތަކަށް ރާއްޖޭގެ މައްޗަށް ނުފޫޒާއި ބާރު ފޯރުވުމުގެ އެއްވެސް ފުރުސަތެއް ނުދޭނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުން ދައްކާ ގޮތުން، އެ މަސައްކަތުގެ 80 އިންސައްތައަށް ވުރެ ބޮޑުބައި ވަނީ ނިމިފަ އެވެ. އެކަމަކު ދާދިފަހުން ކަނޑުގެ މައްސަލައިގައި އެކުލަވާލި އެކްސްޕާޓުންގެ ރިޕޯޓުތައް ދައްކާ ގޮތުގައި، އެއީ އުނދަގޫ މަސައްކަތަށްވެފައި ކަނޑުގެ ސަރަހައްދު ނުލިބުމުގެ ފުރުސަތު ބޮޑެވެ.

ސަރުކާރުން މިހާރު މިކަމުގައި އަމަލު ކުރަމުން ދާ ގޮތަކީ ކޮބައިތޯ ސުވާލު ކުރުމުން، އުޝާމް ވިދާޅުވީ އިޓްލޮސް މައްސަލައިގައި އެކުލަވާލާ ފުލް ރިޕޯޓު މިހާރު ލިބިފައިވާކަމަށެވެ. އަދި އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ދިރާސާ ކުރަމުން ގެންދާކަމަށާއި، އެއަށް ފަހު ކެބިނެޓަށް ހުށަހަޅައި ގޮތެއް ނިންމާނެކަމަށް އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ އެ މަސައްކަތް ކެބިނެޓާއި ހަމައަށް ހުށަހަޅައި، މީޑިއާތަކަށް މައުލޫމާތުތައް ހިއްސާ ކުރާނެ ކަމަށެވެ.

ކަނޑުގެ މައްސަލައިގައި ރައީސް ސޯލިހު މޮރިޝަސް ބޮޑުވަޒީރަށް ފޮނުވި ސިޓީ ވެސް ސަރުކާރުން ވަނީ އާންމުކޮށްފަ އެވެ. ބައިނަލްއަޣްވާމީ ގައުމުތަކުގެ މެދުގައި ބަހުސްއެއް އަދި ނެތް ވަގުތެއްގައި ދިވެހި ސަރުކާރުން މިފަދަ ސިޓީއެއް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވަން ޖެހުނު ސަބަބާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.

ޗާގޮސްގެ ސިޔާދަތީ ބާރުގެ މައްސަލަ ޒަމާނުއްސުރެ ފެންމަތިވެފައިވާތީ، އެތަނުގެ އިން އެއްވެސް އިރެއްގައި ވަކިކޮށްފައި ނެތެވެ. ސަރަހައްދީ އިން ވަކި ކުރުމުގައި އެއްބަސް ނުވެވޭ ހާލަތެއްގައި، ދެން އަމަލު ކުރަން ޖެހެނީ އިކުއިޑެސްޓެންސަށް ބަލައިގެންނެވެ. އެކަމަކު ރާއްޖެއަށް ބޮޑުބައި ލިބެން ވަކާލާތު ކުރެވެން އޮއްވައި ގަސްތުގައި އެ ގޮތް ދޫކުރީކަމަށް ތުހުމަތު ކުރެވެ އެވެ.

ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލައިގައި ގޮތެއް ނިންމުމަށް ކުރިޔަށް ދިޔަ ހުކުމް މަޖިލީހުގައި އިޓްލޮސްއިން ނިންމާފައިވާ ފުށު އަރާބައި އިކުއިޑިސްޓެންސްގެ އުސޫލުން ބަހާލުމަށެވެ.

ޗާގޯޒްގެ މި މައްސަލަ އަކީ އިނގިރޭސިވިލާތާއި މޮރިޝަސް ދެމެދުގައިވާ މައްސަލައެކެވެ. 2010 ގައި ”ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފަށް“ ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްގެ ސަރަހައްދު ކަނޑައަޅައިދޭން އެދުމުން އެކަމަށް އިއުތިރާޒުކޮށް އެކަން އދ. ގެ ސެކްރޭޓަރީ ޖެނެރަލަށް ހުށަހެޅީ މޮރިޝަސްއިންނެވެ. އދ އަށް ހުށަހެޅި އެ މައްސަލައިގައި މޮރިޝަސްއިން އިއުތިރާޒު ކުރީ ރާއްޖޭގެ ހުށަހެޅުމުގައި ޗާގޯޒްގެ ހާއްސަ އިގްތިސާދީ ސަރަހައްދު ފާހަގަކޮށްފައި ނުވާތީ އެވެ. އަދި ރާއްޖޭން ހުށަހެޅި ސަރަހައްދާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ކަަމަށް ބުނެފައި ވެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *