ހަލާކުވެގެން މިދިޔަ އަހަރުގެ ތެރޭގައި ދިވެހި ފައިސާގެ 391،957 ނޫޓު ނައްތާލާފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި ނައްތާލި 391،957 ނޫޓުގެ އަގު 22.9 މިލިއަން ރުފިޔާއަށް އަރައެވެ.
އަދި މަރުކަޒީ ބޭންކުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ބޭންކުން އެންމެ ގިނައިން ނައްތާލާފައިވަނީ 20 ރުފިޔާގެ ނޫޓެވެ. އެމްއެމްއޭއިން ނައްތާލި ނޫޓްތަކުގެ 39.9 އިންސައްތަ ތެރޭގައި ހިމެނީ 20 ރުފިޔާއެވެ.
މިދިޔަ އަހަރު އެމްއެމްއޭއިން ނައްތާލާފައިވާ ނޯޓްތަކުގެ ތަފާސްހިސާބުތައް:
- 1000 ރުފިޔާ – %0.4
- 500 ރުފިޔާ – %3.2
- 100 ރުފިޔާ – %19
- 50 ރުފިޔާ – %19.7
- 20 ރުފިޔާ – %39.9
- 10 ރުފިޔާ – %13.5
- 5 ރުފިޔާ – %4.3
އެމްއެމްއޭއިން މީގެ ކުރިން ބުނެފައިވާ ގޮތުގައި 2016-2022 އަށް ޖުމްލަ 1.28 މިލިއަން ނޫޓު ނައްތާލާފައިވެ އެވެ. އެ ނޫޓުތަކުގެ ފައިސާގެ އަގު 106.3 މިލިއަން ރުފިޔާއަށް އަރައެވެ.
އެމްއެމްއޭއިން ހަލާކުވެގެން އާއްމުން ގެންނަ ނޫޓުތައް ވަކި އުސޫލެއް ދަށުން ބަދަލުކޮށްދެއެވެ. އެމްއެމްއޭއިން ބުނީ ބަދަލުކުރުމަށް ލިބުނު ފައިސާގެ އަދަދު 2022 ވަނަ އަހަރާއި އަޅާ ބަލާއި 16.3 އިންސައްތަ ދަށް ކަަމަށެވެ.
ރާއްޖޭގައި މިހާރު ބޭނުންކުރާ ރުފިޔާގެ ނޫޓުތަކަކީ ޒަމާނީ ގިނަ ބަދަލުތަކަކާއެކު 2016 ވަނަ އަހަރު ތައާރަފްކޮށްފައިވާ ނޫޓު ސީރީޒެކެވެ.