ރާމާމަކުނުގެ ރާއްޖޭގައި ވެރިކަން ކުރަނީ ހިޔަޅުންނެވެ. އެޕާޓީގައި ހިމެނެނީ މުޅިންވެސް ހިޔަޅެވެ. އެކި ވަރުވަރުގެ، އެކި ސިފަސިފައިގެ ދެ ޖިންސްގެ ހިޔަޅެވެ. އެމީހުންގެ ވެރިޔަކަށް ހުރި ހިޔަޅު ދޮގުހަދައި، އަނެކުންގެ ބޯކާލެއް މޮޅުކަމުން އޭނާގެ ނަމުގެ ކުރިއަށް ޑޮކްޓަރު އިތުރުކޮށްގެން މަކުނު ރާއްޖޭގެ ހިޔަޅުތައް ކިޔައިއުޅެއެވެ.
ރާމާމަކުނުގެ ބައިމަދަސް އެއީ ފިސާރި އަޑުގަދަ ސިޔާސީ ގޮތުން ހިތަށް ތަދުވާ ގޮތަށް ކުދި އުނދަގޫކުރާ ޕާޓީއެކެވެ. އެމީހުންގެ ވެރިއަކަށް ހުންނެވީ ހިޔަޅު ޕާޓީގެ މެމްބަރުން ދެކޭ ގޮތުގައި ބޮޑު ވަގެކެވެ. މަކުނު ރާއްޖޭގެ ވެރިކަން ކުރިއިރު ގައުމަށް ހިޔާނާތްވި ގައްދާރެކެވެ.
ރާމާމަކުނާއި ހިޔަޅު ޕާޓީގެ ސިޔާސީ ވާދަވެރިކަން އޭގެ އިންތިހާއަށް ގޮސްފައި ވަނީ ހިޔަޅު ޕާޓީން ވެރިކަމަށް ވާސިލްވި ގޮތުން ރާމާމަކުނު ޕާޓީން އިންތިހާއަށް ނުރުހިގެން ހިޔަޅުތަކާ ދިލާލަށް ހިތުހުރި އެއްޗެއް ކިޔަން ފެށުމުންނެވެ. މިހާރު ދެޕާޓީގެ ހަރުގެ ޖަލްސާގައި އޮންނަނީ ގުދޯގުދޯ ގޮވުމެވެ. ވެރިކަމުގައި އޮތް ހިޔަޅު ޕާޓީގައި ތިބި ވަގު ތުހުމަތު އެޅިފައިވާ ވަގުންތައް ނުކުމެ، ރާމާމަކުނު ޕާޓީގެ މަކުނުތަކާ ދިމާއަށް ވަގަށް ގޮވަނީއެވެ. ރާމާމަކުނު ޕާޓީގެ މައިކުތަކުން އިވެނީ ހިޔަޅަކީ އެއްވެސް ހާލަތެއްގައި ހެޔޮ އެދޭނެ އަދި ހެޔޮ ބުއްދުއެއް ގެންގުޅޭނެ އެއްޗެއް ނޫން ކަމަށާއި އެމީހުންނާ ބައިއަތު ހިފާނީވެސް ހިޔަޅުން ކަމަށެވެ.
ރާމާމަކުނު ޕާޓީގެ ވެރިއަކީ ޒާތަކަށް މޫނު ހަދައިގެން އިންނަ އިގްތިސާދަށް މާބޮޑު މަކުނެކެވެ. އެސޮރު އަބަދުވެސް ދައްކާނީ އިގްތިސާދީ ވާހަކައެވެ. އޮއްޓަރު ހެޔޮ ވާހަކަ ދައްކަވައެވެ. އެއީ ހިޔަޅު ޕާޓީން އެބުނާ ބޮޑު ވަގެވެ. އެކަމަކު މަކުނުންގެ ލީޑަރު އެކަމެއް ގަބޫލެއް ނުކުރެއެވެ. ހައްތަހާވެސް ބުނަނީ ހެޔޮވަރު ތަހުގީގެއް ހިންގައިފިނަމަ ހިޔަޅުންގެ އިސް ހިޔަޅުތައް ކަސްތޮޅު އަޅުވާފައި ކޮށިކޮށީގައި ބަންދުކުރަން ޖެހޭނެ ކަމަށެވެ. އެވަރަށް މަނުކު ރާއްޖޭގައި ހިޔާނާތާއި ފަސާދަ ހިންގާފައިވެއެވެ. މިއީ ވައްކަމާއި ހިޔާނާއި މަނީލޯންޑަރިންގެ ދައުވާ އުފުލާފައިވާ މަކުނު ޕާޓީގެ ވެރިމީހާ ދެކިލައްވާ ގޮތެވެ.
ހިޔަޅުންގެ ބޮޑު މީހަކީ ދީނީ ކަންކަމަށް ފިސާރި ހުށިޔާރު ހިޔަޅެކެވެ. އެކަމަކު އެހިޔަޅު މަޑުމައިތިރިކަމާއެކު ދައްކާ ފެންނުހިފޭ ވާހަކަތަކާއި ދައްކާ ވާހަކަތައް ހަގީގަތަށް ނުވެދާތީ، މަކުނު ޕާޓީން އެ ހިޔަޅު ސިފަކުރަނީ ޑރ. ކައްޒާބުގެ ގޮތުގައެވެ. ބޮޑު ދޮގުވެރިޔާގެ ގޮތުގައެވެ. ފެއިލިއަރެއްގެ ގޮތުގައެވެ. އެކަަމަކު މަކުނު ޕާޓީން ވެރިކަން ކުރިއިރު އެހިޅަކީ މަކުނުންގެ އިތުބާރު ލިބުފައިވާ ވަޒީރެކެވެ. މަކުނުގެ ފިކުރު ދޫކޮށް ހިޔަޅުގެ ފިކުރުގެ ވެރިއަކަށް ވީހިސާބުން މަކުނުންނަށް އެއީ ލާދީނީ ހިޔަޅަކަށް ވެއްޖެއެވެ. ދޮގުވެރި ހިޔަޅަކަށް ވެއްޖެއެވެ. ފޭރޭ ހިޔަޅަކަށް ވެއްޖެއެވެ.
މިއޮތީވާ ކަމެކެވެ. ރާމާމަކުނު ޕާޓީގެ އިސް މަކުނަކީ ބޮޑު ވަގެކެވެ. ހިޔަޅު ޕާޓީގެ އިސް ހިޔަޅަކީ ބޮޑު ދޮގުވެރިއެކެވެ. ދެޕާޓީގެ ހަރުގެ ޖަލްސާތަކުގައި މިބީދައިން މުހާތަބުކޮށް އުޅޭތީ ވަކި އަތެއް ނުނަގާ ތިބި މަކުނާއި ހިޔަޅުތައް މިހާރު ވަނީ ސިޔާސީ ކަންކަމުގެ މަތިން ފޫހިވެފައެވެ. އެމީހުން ބުނަނީ ކޮންމެ ޕާޓީއަކުންވެސް ވެރިކަން ލިބުމުން ރައްޔިތުންގެ މަސްކެއުން ނޫން ކަމެއް ނުކުރާ ކަމަށެވެ.
ރާމާމަކުނު ޕާޓީގެ މީހުން ދެކޭ ގޮތުގައި އެމީހުންގެ ވެރިއަކީ އާދަޔާޚިލާފު ބުއްދުއެއް ލިބިފައިވާ ވަރުގަދަ މަކުނެކެވެ. ދޫހެލޭ، ތަންދޮރު ދަންނަ މަކުނެކެވެ. އާއިލީ މުއްސަނދިކަމުގައި ބޭރުކަރަކަރައަށް ގޮސް އުޅުނު މަކުނެކެވެ. ހިޔަޅު ޕާޓީން ދެކޭ ގޮތުގައި އެމީހުންގެ މައިހިޔަޅަކީ ޢިލްމީ އަދި ވަރަށް ގާބިލް ހިޔަޅެކެވެ. ރައްޔިތުން ބޭނުންވާ ގޮތަށް މޮޅަށް ވެރިކަން ކުރައްވާ ނަމޫނާ ހިޔަޅެކެވެ.
ރާމާމަކުނުން ދެކޭ ގޮތުގައި ހިޔަޅު ޕާޓީން ވެރިކަން ހޯދީ މަކުނު ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލައިގެން ނުރަނގަޅު ސިޔާސީ ވިސްނުންތަކެއް ހީލަތްތެރި ގޮތަކަށް ވިއްކައިގެންނެވެ. އަދި ހަމައެހެންމެ ހިޔަޅުންނަށް ގާނޫނު ހަދާ މަޖިލީހުގެ ގިނަ ގޮނޑިތައް ލިބުނީ ހިޔަޅުގެ އަސްލު ސިފަކަމުގައިވާ ބިރުދެއްކުމާއި އަނެކުންގެ ހައްގުތަކަށް އަރައިގަތުމާއި ލަދުހަޔާތް ކުޑަކަމުން ކަމަށް މަކުނުން ގަބޫލުކުރެއެވެ. އަދި އެމަޖިލީހުގެ ވެރިއަކަށް ހިޔަޅުން ކަނޑައެޅި ރައީސަކީ ޖާލިހެއް، ވަގެއް، ކުޑަ ކައްޒާބެއް ކަމަށް މަކުނުން ގަބޫލުކުރެއެވެ. އެއީ ޢިލްމީ ގޮތުންނާއި އަހްލާގީ ގޮތުން އިންތިހާއަށް ދަށުގައިވާ އެހިޔަޅަކީ މާޒީގައި ވައްކަންކޮށް، އަދި މަކުނުންނާ ގުޅިގެން ވެރިކަން ކުރި ޒަމާނުގައި މަކުނު އާއިލާގެ ރައްޔިތުންގެ މިލްކިއްޔާތުން ބޮޑެތި އަދަދުތަކުން ވައްކަންކޮށް މުއްސަނދިކަން ހޯދާފައިވާ ހިޔަޅަކަށްވާތީއެވެ. އެކަން އޭނާ ދޮގެއް ނުކުރެއެވެ. އޭގެ ބަދަލުގައި އޭނާ ބުނަމުން ގެންދަނީ މަކުނުންގެ ވެރިއަކީ އެންމެ ބޮޑު ވަގު ކަމަށާއި އަދި އެންމެ ބޮޑު ހަސަދަވެރި ކިބުވެރިޔާ ކަމަށެވެ.
ރާމާކަމުނާއި ހިޔަޅުންގެ މެދުގައި މިހާރު ވަނީ ބޮޑު އަރައިރުމަކާއި ރުޅިވެރިކަމެއް އުފެދިފައެވެ. ކުރިން އެއް ހަށިގަނޑެއްހާ ގާތް މި އެކުވެރިންނަކީ މިހާރު ބޮޑެތި ދުޝްމަނުންނެވެ. ޖަންގަލިތެރޭން އެކަނި ފެނިއްޖެނަމަ ހިފައިގަންނަ ހިސާބަށް އެކަން މިހާރު އޮތީ ގޮއްސައެވެ. އެހެންވެ، މަކުނުންގެ ވެރިންނާއި ހިޔަޅުންގެ ވެރިންވެސް ތިބެނީ ހަށިފާރަވެރިންގެ ހިމާޔަތް ހޯދައިގެންނެވެ. އެއީ މަކުނުން ހިޔަޅުންނަށް އަދި ހިޔަޅުން މަކުނުންނަށް އިތުބާރު ނުކުރާތީއެވެ. ކޮންމެ ފަދަ ވަގުތެއްގައި ކޮންމެ ފަދަ ލަނޑެއްވެސް، ގެއްލުމެއްވެސް ދީފާނެކަން ދެބައި މީހުންވެސް ގަބޫލުކުރާތީއެވެ.