އާސަންދައިން އޭޑީކޭ ހޮސްޕިޓަލަށް ދައްކަން ޖެހޭ 250 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ލިބިފައި ނެތް ކަމަށާއި ދައުލަތުން ލިބެން ޖެހޭ ފައިސާނުލިބި އޮތުމުން އެ ހޮސްޕިޓަލް ނުހިންގޭ ހިސާބަށް ގޮސްފައިވާ ކަމަށް، ހޮސްޕިޓަލް ހިންގާ އޭޑީކޭ ގްރޫޕްގެ ޗެއާމަން އަހުމަދު ނާޝިދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން ނާޝިދު ވިދާޅުވި ގޮތުގައި އާސަންދައިގެ ފައިސާގެ ބެކްލޮގު ބޮޑުވަމުން ދިއުމާ ގުޅިގެން މިދިޔައަހަރުގެ އޮކްޓޯބަރު މަހު ފިނޭންސް މިނިސްޓްރީއަށް ސިޓީއެއް ފޮނުވި ކަމަށެވެ. އޭރު ނުލިބި ވަނީ 166 މިލިއަން ރުފިޔާ އެވެ.
އޭގެ ފަހުން ވެސް ނޮވެމްބަރު މަހު ފިނޭންސަށް ސިޓީއެއް ފޮނުވި ކަމަށް ނާޝިދު ވިދާޅުވި އެވެ. ޑިސެމްބަރު މަހު އާ ސަރުކާރުގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގުއާ ބައްދަލުކުރައްވައި އެ ކަންބޮޑުވުން ހިއްސާކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ. އޭރު ބެކްލޮގަށް 200 މިލިއަން ރުފިޔާ ވަނީ އަރައިފަ އެވެ.
އާސަންދަ ހިދުމަތުގެ ދަށުން ދޫކުރާ ގިނަ ބޭސްތަކުގެ އަގު ވެސް އުފުލިފައިވާ ކަން ފާހަގަ ކުރައްވައި ނާޝިދު ވިދާޅުވި ގޮތުގައި މިހާރު ދަރާފައިވާ ޖުމުލަ އަދަދު251 މިލިއަން ރުފިޔާއަށް ވަނީ އަރައިފަ އެވެ. މި ރޭޓުގައި ދާ ނަމަ އަހަރު ދުވަހުގެ ތެރޭގައި 400 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވިދާޅުވި އެވެ.
މާލިއްޔަތު ކޮމިޓީއަށް އޭނާ ހިއްސާކުރެއްވި ގޮތުގައި ފިނޭންސް މިނިސްޓްރީން އޭޑީކޭއަށް ކޮންމެ މަހަކު ފޮނުވަނީ 25 މިލިއަން ރުފިޔާ އެވެ. އެއީ އާންމުކަމަކަށް ވެގެން ދިޔައިރު އެ ގޮތަށް ހިނގާ ނަމަ އޭޑީކޭ ހިންގުމުގެ ހަރަދު ފޫނުބެއްދޭނެ ކަމުގެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
"އޭޑީކޭ ހޮސްޕިޓަލުގެ އޮޕަރޭޓިން ކޮސްޓް، ކޮންމެ ދުވަހަކަށް 1.5 މިލިއަން ރުފިޔާ، އެހެންވީމަ ކޮންމެ މަހަކު 45 މިލިއަން އެބަ އަރާ އޮޕަރޭޓިން ކޮސްޓަށްއެކަނި، ދެން 25 މިލިއަން ރުފިޔާއިން ދެކޮޅު ނުޖެއްސޭނެ،" ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަން ވެސް ކުރެއްވި ނާޝިދު ވިދާޅުވި އެވެ.
މި މައްސަލައަށް ހައްލެއް ނުލިބި ގޮސްފިނަމަ ހިދުމަތް އިތުރަށް ދިނުމަށް އާސަންދައަށް ބަރޯސާވާން ނުޖެހޭ ގޮތަށް ކަންކަން ބަދަލުކުރަން ޖެހިދާނެ ކަަމަށްއޭނާ ވިދާޅުވި އެވެ