ފުއްޕާމޭގެ ކެންސަރާ ދެކޮޅަށް އުފެއްދި ވެކްސިން ތަޖުރިބާ ކުރުމަށް ފުރަތަމަފަރަށް އިނގިރޭސި ވިލާތުގައި އިންސާނެއްގަޔަށް ޖަހައިފިއެވެ.
ފުއްޕާމޭގެ ކެންސަރު ބައްޔަށް އުފައްދާފައިވާ ވެކްސިންގެ ޓްރައަލް ފަށާފައިވަނީ ފުއްޕާމޭގެ ކެންސަރަށް ފަރުވާ ހޯދަމުން އަންނަ މީހަކަށް މި ވެކްސިން ދީގެންނެވެ،
މި ވެކްސިން އުފައްދާފައިވަނީ ކޮވިޑް19 އާ ދެކޮޅަށް ކާމިޔާބު ވެކްސިން އުފެއްދި ބައޯއެންޓެކް އިންނެވެ،
ބީއެންޓީ116 ގެ ކޯޑް ނަން ދީފައިވާ މި ވެކްސިނަކީ އެމްއާރްއެންއޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ ވެކްސިނެކެވެ
މި ވެކްސިން ފުރަތަމަ ދީފައިވަނީ އިނގިރޭސިވިލާތުގެ އުމުރުން 67 އަހަރުގެ ޖަނޫޒް ރޭޒް އަށެވެ. އޭނާގެ ގަޔަށް ވެކްސިންގެ 6 ސިރިންޖް ޖަހާފައިވެއެވެ. އެއިން ކޮންމެ ސިރިންޖެއްގައި ޓިއުމަރުގެ އެކި ބައިތަކަށް ފޮނުވާލާ ޖެނެޓިކް މެޓީރިއަލްސް އެކުލެވިގެންވާއެވެ.
ވެކްސިން ޖެހި 67 އަހަރުގެ ޖަނޫޒް ބުނެފައިވަނީ ކީމޯއާއި ޙިލާފަށް މި ވެކްސިން ޖެހުމުގެ ސަބަބުން އެއްވެސް ތަދެއް ނުވަތަ ތަކުލީފެއް އިހްސާސްކުރަން ނުޖެހުނު ކަމަށެވެ.
ޑޮކްޓަރުން ބުނެފައިވަނީ ކީމޯތެރަޕީއަށް ވުރެ މި ވެކްސިން އިފެކްޓިވްވެފައި މިއީ ބަލި ޖެހިފައިވާ ސެލްތަކަށް ޓާގެޓެޑް އެއްޗެއް ކަމުން ސައިޑް އިފެކްޓްތައްމަދުވާނެ ކަމަށެވެ. އަދި ކީމޯ ތެރަޕީއާއި ޙިލާފަށް މި ވެކްސިންގެ ސަބަބުން ބަލި ނުޖެހޭ ސެލް ތަކަށް އެއްވެސް ގެއްލުމެެއް ކުރިމަތިނުވާނެކަމަށެވެ. އަދި ކީމޯ ތެރަޕީން އިހްސާސްކުރަންޖެހޭ ވޭންވެސް ތަހައްމަލުކުރަން ނުޖެހޭނެ ކަމަށެވެ.
މިހާރު ކުރިއަށްދާ ޓްރައިލްގައި ފުއްޕާމޭގެ ކެންސަރު ޖެހިފައިވާ ގާތްގަނޑަކަށް 130 މީހުން ބައިވެރިކޮށްފައިވާއިރު މިކަމުގައި އިނގިރޭސިވިލާތުގެ 6 ހޮސްޕިޓަލެއް ބައިވެރިވެފަ އެވެ.
ޔުނިވާސިޓީ ކޮލެޖް ލަންޑަން ހޮސްޕިޓަލް އިން ސްކައި ނިއުސް އަށް ދީފައިވާ އެކްސްކްލޫސިވް އިންޓަވިއުއެއްގައި ބުނެފައިވަނީ ފުޅާދާއިރާއެއްގައި މުޅިދުނިޔޭގައި މި ތަހުލީލުތައް ކުރުމަށް އިނގިރޭސި ވިލާތުގެ ޑޮކްޓަރުން މިހާރު ތައްޔާރުވެފައިވާކަމަށެވެ.