logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ދެ އަތުން ދެ ވަޅި ހިފައިގެން ހިންގީ ޓެރަރިޒަމްގެ އަމަލެއް: މުޖުތަމައަށް ނުރައްކަލުގެ ރަނގަބީލެއް

ފުލުހުންގެ ޓީމެއް ކުއްލި ހާލަތަކަށް ގެނައީ ލިބުނު ނުރައްކާތެރި ހަބަރަކުންނެވެ. މާފަންނުކޮޅުގައި ހުރި ގެއެއްގެ ތެރޭގައި އަންހެނަކު ރަހީނުކޮށްގެން އުޅޭކަމުގެ މައުލޫމާތެވެ. ފުލުހުން އެތަނަށް ދިޔައިރު ފެނުނީ ވަރަށް ތަފާތު މަންޒަރެކެވެ. ޒުވާން ފިރިހެނެއްގެ އަތުގައި ދެ ވަޅި އޮތެވެ. އޭނާވަނީ އެދެ ވަޅި ބޭނުންކޮށްގެން ޒުވާން އަންހެނަކު ޒަހީނުކޮށްފައެވެ. އެއްވަޅު ޖައްސާފައި ހުރީ ކަރުގައެވެ. ދެވަނަ ވަޅި ހުރީ ކިރިޔާ އަންހެން މީހާގެ ބަނޑަށް ނުހެރޭވަރުގައެވެ.

ސީންއަށް ފުލުހުން ދިއުމާއެކު ފިރިހެން މީހާ އެދުނީ އޭނާ ބޭނުންވާ ތަނަކަށް ދިއުމަށް ފުރުސަތު ދީފިނަމަ އަންހެން މީހާއަށް އަނިޔާއެއް ނުދީ ދޫކޮށްލާނެ ކަމަށެވެ. ހާލަތު ނިޔާކުރި ގޮތުން ފުލުހުންނަށް މަޖުބޫރުވީ އަންހެން މީހާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ޓެރަރިސްޓްގެ އެދުމަށް ދޫދޭށެވެ. އޭނާ ބޭނުން ތާނަކަށް ދިއުމަށް ދޫކޮށްލާށެވެ.

ޓެރަރިސްޓްގެ އެދުމަށް އަންހެން މީހާ ގެއިން ނުކުމެ މަގުގެ އެއް ފަރާތުގައި ޕާކުކޮށްފައި ހުރި ސައިކަލަކަށް އެރިއެވެ. އޭރުވެސް އޭނާގެ ކަރުގައި ފިރިގެން މީހާ ހުރީ ވަޅި ޖައްސައިގެންނެވެ.

އެ ބިރުވެރި ހާލަތުގައި މާލޭގެ އެކި ހިސާބުތަކުގައި، ފިރިހެން މީހާގެ އަމުރަށް ސައިކަލް ދުއްވުމަށް ފަހު، ޓެރަރިސްޓް މީހާ ބޭނުންވި ތަނަށް ސައިކަލް މަޑުކުރުމާއެކު ފުލުހުންގެ ޓީމް އޭނާ ވަށާލިއެވެ. ކައިރިއަކު ނޫނެވެ.

ފުލުހުން އޭރުވެސް ގެންދިޔައީ އޭނާއާ ވާހަކަދައްކަމުންނެވެ. އަންހެން މީހާއަށް އަނިޔާއެއް ނުދީ ދޫކޮށްލުމަށް ތަކުރާރުކޮށް ނަސޭހަތްދީ، ނެގޯޝިއޭޓް ކުރަމުންނެވެ. އޭނާގެ ކުރިމަތީގައި ތިބި ފުލުހުންނާއި އާންމުންގެ އަމަލުތަކަށް ފަރުވާތެރިކަމާއި ހުށިޔާރުކަމާއެކު ބަލަން ސައިކަލް ފަހަތުގައި އިން ފިރިހެން މީހާ ކުއްލިއަކަށް ބިންމައްޗަށް ވެއްޓޭތީ ފެނުނެވެ. ފަހަތުން ފުލުހުން އޭނާގެ ބޮލަށް ދިން ކުއްލި ސިހުމުގެ ހަމަލާއެއްގެ ސަބަބުންނެވެ. އޭރުވެސް އަންހެން މީހާގެ ކަރުގައި ހުރީ ވަޅި ޖައްސާފައެވެ.

ވެއްޓުމާއެކު ފުލުހުން އޭނާ އޮބިއަޅަން މަސައްކަތްފެށިއެވެ. އެވަގުތު އޭނާ މަސައްކަތްކުރީ އަންހެން މީހާގެ ބަނޑަށް ވަޅި ހަރާލާށެވެ. އެހެންނަމަވެސް ޓެރަރިސްޓްގެ އެމަލާއިން އަންހެން މީހާ ސަލާމަތްވީ ފުލުހެއްގެ އަތުން ހުރަސް އެޅުމުންނެވެ. ފުލުސް މީހާ އެނެގި ރިސްކުން އޭނާގެ އަތް ޒަހަމްވިއެވެ.

ދިވެހި ޓެރަރިސްޓް މުހިންގި ރަހީނުކުރުމުގެ އަމަލަކީ އެތައް ބައެއްގެ ހިތަށް ބިރުވެރިކަން ވަދެގެން ދިޔަ ކަމެކެވެ. މުޖުތަމައު ނުރައްކަލަށް ހުށަހެޅިފައި އޮތް މިންވަރާމެދު ކަންބޮޑުކުރުވި ހާދިސާއަކަށް އެކަން ވެގެން ދިޔައެވެ.

މިއީ އެންމެންގެ ލޯމަތީގައި ހިންގި ފާޅުކަން ބޮޑު ޓެރަރިސްޓް އަމަލެކެވެ. ތޫނު ހަތިޔާރަކުން ބިރު ދެއްކީއެއް ނޫނެވެ. އެގޮތަށް މާނަ ނުކުރަމާހެއްޔެވެ؟ މިއީ ޓެރަރިސްޓް އަމަލެކެވެ. ފާޅުކަން ބޮޑު ގޮތެއްގައި އެތައް ބައެއްގެ ލޯމަތީގައި ހިންގި ޓަރަރިޒަމްގެ އަމަލެކެވެ.

މައްސަލައިގެ މުގޫ ގުޅިފައިވަނީ ދެލޯބިވެރިންގެ މެދުގައި ހިނގި ޒުވާބަކާ ކަމަށްވިއަސް، ކުށުގެ ދިގު ރެކޯޑެއް އޮތް ފިރިގެން މީހާގެ ނުރައްކާތެރިކަން މުޖުތަމައަށް އޮތް މިންވަރު މިހާދިސާއިން ދޭހަވެއެވެ. އަދަބު ލުއި ކުރުމުގެ ސިޔާސަތުގެ ދަށުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޖަލުން މިނިވަންވި މި ކުށްވެރިޔާއަކީ ދޫވެފައި ހުންނަން ޖެހޭ މީހެއް ނޫންކަން މިހާރު އެންމެންވެސް ގަބޫލުކުރާނެއެވެ.

އޭނާ މިހާރު ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ. ކޯޓުން ވަނީ ދިގު ބަންދުގެ މުއްދަތެއް ޖަހާފައެވެ. ނުރައްކަލަށް ނިސްބަތްކޮށެވެ.

މިހާރު އަޑު އިވެނީ ޖަލު ގޮޅީގައި އޭނާ އަމިއްލައަށް ދަން ޖެހި މަރުވާން އުޅުނު ވާހަކައެވެ. އެކަމުގެ ސަބަބުން އޭނާގެ ހާލު ސީރިއަސްވެ މިހާރު ގެންދަނީ ހޮސްޕިޓަލުގައި ކުއްލި ފަރުވާ ދެމުންނެވެ.

އޭނާ މަރުވިއަސް އޭނާ އެހިންގި ނުރައްކާތެރި ޓެރަރިސްޓް އަމަލުގެ މަތިން ދިވެހިން ހަނދާނެއް ނުނެތޭނެއެވެ. މިއީ ވަރަށް ގިނަ ކަންކަމަށް ލޯހުޅުވާލަދިން ހާދިސާއެކެވެ.

މިއީ އެންމެ މީހެއްގެ ސަބަބުން މުޖުތަމައަށް އޮތް ނުރައްކަލުގެ ވާހަކައެވެ. މިފަދަ އެތައް ބަޔަކު މުޖުތަމަތަމައަށް ދޫވެފައި އެބަތިއްބެވެ. ވަގުންނެވެ. ޑްރަގް ޑީލަރުންނެވެ. ފޭރޭ މީހުންނެވެ. ޖެހިލުމެއް ނެތި ތޫނު ހަތިޔާރުން އަނެކުންނަށް ހަމަލާދޭ މީހުންނެވެ. މަސްތުވާ މީހުންނެވެ.

މި އެންމެން ވަކިވަކިން ޕްރޮފައިލްކޮށް ފާރަވެރި ނުވެއްޖެނަމަ މިމީހުންގެ ސަބަބުން މުޖުތަމައަށް އޮތް ނުރައްކާ ކުޑައެއް ނުކުރެވޭނެއެވެ. އިމިގްރޭޝަނުން އެހިންގާ ގޮތަށް ފުލުހުންވެސް މަގުތަކަށް ނުކުމެގެންނާއި އިންޓެލިޖެންސްގެ އެހީގައި ވަރުގަދަ ކެމްޕޭނެއް ހިންގައި މިފަދަ މީހުން ބަންދުކުރެވޭނެ ގޮތެއް ހަދައިގެން މެނުވީ ބިރުވެރިކަމަށް ހައްލެއް ނެތެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *