ކ. ހުވަފެންފުށި ކައިރީ އޮންނަ ފަސްގަނޑަކަށް ދަތުރު ގޮސް އުޅެނިކޮށް ގެއްލުނު ތަސްލީމް މުހައްމަދުގެ މައްސަލާގައި ފުލުހުން ޖިނާއީ ތަހުގީގެއް ފަށައިފި އެވެ.
ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވިދާޅުވީ ތުހުމަތު ކުރެވޭ ސީރިއަސް ގިނަ ކަންތައްތަކެއް ހުރުމުން އެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.
ހުވަފެންފުށި ކައިރީގައި އޮންނަ ފަސްގަނޑަށް ތަސްލީމާ އެކު 15 މީހުން ދިޔަ ކަމަށް ވެ އެވެ. އެކަމަކު، އަދި އެއްވެސް މީހަކާ ފުލުހުން ރަސްމީކޮށް ސުވާލެއް ނުކުރެ އެވެ.
އުމުރުން 43 އަހަރުގެ ތަސްލީމް ގެއްލިގެން ހޯދަަން ފެށިކަން ފުލުހުން އިއުލާނުކުރީ މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރު ފަހު އެވެ. އޭނާ ގެއްލުނީ އޭގެ 24 ގަޑިއިރު ކުރިންނެވެ.
އެމްއެންޑީއެފުން ކުރިން ބުނި ގޮތުގައި، ދަތުރު ދިޔަ ފަހުން ތަސްލީމް ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓް ފުލުހުން ދިނުމާ އެކު، ފުލުހުން ފަށާފައިވާ އޮޕަރޭޝަންގައި އެންއެންޑީއެފުން ބައިވެރިވެ ފިނޮޅުގެ ވަށައިގެން 5،000 އަކަފޫޓުގެ ސަރަހައްދެއް ސްނޯކަލްކޮށްގެން ވަނީ ބަލައިފަ އެވެ. އަދި ކޯސްޓް ގާޑުގެ ޑައިވަރުން 3،000 އަކަފޫޓުގެ ސަރަހައްދެއް ޑައިވްކޮށްގެން ބެލި އެވެ.
ދަތުރުދިޔަ ކަމަށް ބުނާ ތަނަކީ ހިއްކާފައި އޮތް އަދި ރުއްގަސް ނެތް ތަނެކެވެ. އެއީ މާލެއާ 14 ވަރަކަށް މޭލު ދުރުގައި އޮންނަ ތަނެކެވެ.
އެކަމަކު މީހާ ގެއްލިފައި ވަނީ މޫދަށްކަން ކަށަވަރުވެފައި ނުވާ ކަމަށާއި އެހެންވެ މެރިޓައިމް ސާޗް އެންޑް ރެސްކިއު ކޭސްއެއްގެ ގޮތުގައި މި ހާދިސާ އަދި ކަނޑައަޅާފައި ނުވާ ކަމަށް އެމްއެންޑީއެފުން އޭރު ބުންޏެވެ.
ފުލުހުން ކުރިން ބުނި ގޮތުގައި، ތަސްލީމް ގެއްލުނު ކަމަށް ބުނަނީ މި މަހުގެ 30 ވަނަ ދުވަހު އެވެ. ތަސްލީމް އެންމެ ފަހުން ފެނުނީ އޭނާއާ އެކު ދަތުރު ދިޔަ މީހުންނަށް އެ ދުވަހުގެ 10:00 އާއި 11:00 އާ ދެމެދުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.