ދިވެހި ޒުވާނުންނަށް މުހާތަބުކޮށް އަބަދުވެސް އިވޭ އަޑަކީ އެމީހުންނަށް ކޮންމެ މީހަކުވެސް ނަސޭހަތުގެ ބަހެއް އިއްވާލާތަނެވެ. އެމީހުން ގައުމަށް ހިދުމަތް ކޮށްދޭންޖެހޭ ވާހަކައެވެ. ގައުމު ބިނާކުރުމުގައި އެވެރިންނަކީ ވަރަށްވެސް މުހިންމު ދައުރެއް އަދާކުރަންޖެހޭ ބައެއްކަމެވެ. އެވެރިންނަކީ ގައުމުގެ މުސްތަޤުބަލުކަމެވެ.
އެހެނަސް ޒުވާނުން ކުރިއަރައި ދާން ފަހި ފުރުސަތުތަކެއް ތަނަވަސްކޮށްދިނުމަށް ކުރެވެން ހުރި އަދި ކުރާނެ މަސައްކަތެއް ބުނެދެވޭތަނެއް ނުފެނެއެވެ.
އަދުގެ ޒުވާން ޖީލު ހެސްކިޔާފައި މަސައްކަތް އެބަކުރެއެވެ. އެކަމަކު އެ ކުރާ މަސައްކަތުން ނެރެވޭ ނަތީޖާއަކީ ހަމައެކަނި ދިރިއުޅުމުގެ ހަރަދު ހަމަޖެއްސުމެވެ.
އަދުގެ ޒުވާނުންގެ ތެރޭގައި އެތަކެއް މޮޅެތި ހިޔާލާއި ވިސްނުމާއި، ގައުމަށް ފައިދާކުރަނިވި އެތަކެއް ކަންތައް ކުރަން ވިސްނައިގެން ތިބި ބައިވަރު ބަޔަކު އެބަތިއްބެއެވެ. އެހެނަސް އެ ހުވަފެނުގައި ކުލަޖައްސާނެ މަގެއް ފެންނާކަށް ނެތެވެ.
ކަމެއް ކުރަން ވިސްނާއިރު އެކަމެއް ކުރުމަށް ބޭނުންވާ ކެޕިޓަލް އެއް ލިބެނީ ލޯނެއް ނަގައިގެން ކަމަށްވާއިރު އެ ލޯނުގެ އިންޓްރެސް ރޭޓް ބޮޑުކަމުން އެވަރުގެ ރިސްކެއް ނަގަންކެރޭ މީހެއް މަދެވެ. ވިޔަފާރިއެއް ނުވަތަ ކަމެއް ކުރަން ބޭނުންވާނެ ޖާގައެއް ހޯދަން ބަލާއިރު އެތަނެއްގެ ކުލި އެ ކުރާ ކަމަކުން ލިބޭނެ އެއްޗަކާ ނުބައްދަލެވެ.
މިކަމަށް ހައްލެއް ހޯދައި ނުދެވި އަހަރުމެން ގައުމުގެ ކުރިއެރުމަށް މަސައްކަތްކޮށް ދިނުމަށް އަދުގެ ޒުވާނުންނަށް ކިތަންމެ ނަސޭހަތެއް ދިނަސް އަދި އެވެރިން އެކަން ކުރަން ކިތަންމެ ބޭނުންވިޔަސް އެއީ ކުރެވޭނެ ކަމެއް ނޫނެވެ.
ހައްލު އެބައޮތެވެ. މިކަމަށް ހައްލު ހޯދަދެވެން އޮތީ ސަރުކާރަށެވެ. ސަރުކާރުން ނުވަތަ ސަރުކާރުގެ ކުންފުނިތަކުން ހިންގާ ބޯހިޔާވަހި ކަމުގެ ޕްރްޖެކްޓްތަކުގައި ހިމެނޭ އިމާރަތްތަކުން ކޮމާޝަލް ބޭނުމަށް ދޫކުރާ ތަންތަނުގެ އަގުތައް ހަމައެކަނި ބޮޑެތި ވިޔަފާރިވެރިންނަށް ދެއްކޭ ކުއްޔަކަށް ހެދުމުގެ ބަދަލުގައި އެއީ ވަކި އުސޫލުތަކެއްގެ ދަށުން ކުޑަ ކުއްޔެއްގައި ދެވޭނެ ތަނަކަށް ނެހެދެންވީ ކީއްވެހެއްޔެވެ.
މިހާރު އެ ޕްރޮޖެޓްތަކުގެ ދަށުން ކޮމާޝަލް ބޭނުމަށް ދޫކުރާ ތަންތަނުން ހަމައެކަނި ފެންނަނީ ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހޯލްސޭލް ނުވަތަ އެހެންވެސް ބޮޑު ވިޔަފާރިއެއް ކުރަމުން އަންނަ ބައެއްގެ ރީޓެއިލް ފިހާރަ ހަދަން ނުވަތަ އެވެރިންގެ ދެވަނަ ބްރާންޗެއް ހުޅުވަން ދީފައިވާ ތަނަށެވެ.
މީގެ ސަބަބުން ކުދި ވިޔަފާރިތައް ކުރަން ބޭނުންވާ ފަރާތްތަކަށް ތަނެއް ހޯދަން އެއްވެސް ޖާގައެއް ނުލިބޭ ތަނުގައި މިގޮތަށް މުޅި މާކެޓް ކޮންޓްރޯލް ކުރާ ވަކި ބަޔަކު ހުރިހާތަނެއްގައި ވަކި ހިއްޕާފައި އޮތުމުން ދެން އެކަމަށް އެހެން އެއްވެސް މީހަކަށް ފުރުސަތެއް ނޯވެއެވެ.
މިއީ ހަގީހަތެއްކަން ހުޅުމާލެ ދެވަނަ ފޭސްގައި އެންމެ ފަހުން މީހުން އާބާދުވި ވިނަރެސް ފްލެޓްތައް ހިމެނޭ ސަރަހައްދު ބެލުމުން ހާމަވެއެވެ. މުޅިންވެސް ތިބީ މުޅި ގައުމުގައި ފުޅާ ދާއިރާގައި ބޮޑެތި ވިޔަފާރިތައް ކުރަމުން އަންނަ ވިޔަފާރިވެރިންގެ ފިހާރަތަކެވެ. ހަމައެކަނި މި ފްލެޓްތަކެއް ނޫންނެވެ، ކުޑަމިނުން ހިޔާ ފްލެޓްތަކުގައި ހުރި ކުދި ކުދި ކޮންވީނިއަންޓް ޝޮޕްސްތަކުގައިވެސް ވަކި ހިއްޕާލާގެންތިބީ އެވެރިންނެވެ.
އައު މަސައްކަތެއް ކުރަން ބޭނުން މީހުންނަށް މިފަދަ ތަނަކުން ކުޑައަގެއްގައި ތަނެއް ކުއްޔަށް ނެގޭނެ އިންތިޒާމް ހަމަޖައްސައި ނުދެވެންވީ ކީއްވެހެއްޔެވެ. މީހުން މީހުންނަށްވަނީ މިހުން މީހުންނަށް ހެދީމައެވެ. ކަންކަން ކުރުމަށް މަގުދައްކާ މަގު ކޮށައިދޭނެ ބަޔަކު ތިބެގެންނެވެ. އެހެނަސް އަހަރުމެންގެ ޒުވާނުންނަށް މި މަގު ކޮށައިދޭނެ ނުވަތަ މަގު ދައްކައިދޭނެ ބަޔަކު އެބަ ތިބި ހެއްޔެވެ.