2040 ވަނަ އަހަރު އަންނަންވާއިރު ރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި އޮތުމަށް ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެހެން ވިދާޅުވީ މިހާރު ކުރިޮއަށްދާ އދ. ގެ 79 ވަނަ އާންމު މަޖިލިސްގައި ތަގުރީރު ކުރައްވަމުން ނެވެ. އެ ތަގްރީރުގައި އެމަނިކުފާނު ދިވެހިރާއްޖެއާ މެދު ގެންގުޅުއްވާ ވިޝަން ހިއްސާ ކުރައްވަމުން ވިދާޅުވީ އެމަނިކުފާނު ބޭނުންވެވަޑައިގަންނަވަނީ 2040 ވަނަ އަހަރު އަންނަންވާއިރު ރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި އޮތުމަށް ކަމަށެވެ.
އެމަނިކުފާނުގެ ތަގުރީރުގައި ވިދާޅުވީ ރާއްޖެއަކީ އެހެން ގައުމުތަކުގެ އިހްތިރާމް ލިބިފައިވާ މުހިއްމު އަދި ދިމާވާ މައްސަލަތަކާ ކުރިމަތިލުމުގެ ގާބިލުކަން ލިބިފައިވާ ގައުމަކަށްވުން ކަމަށާއި، އަދި އިންސާފުވެރި އަދި އެންމެންގެ ބައިވެރިވުން ލިބޭ މުޖްތަމައެއް ގާއިމްވެފައިވާ ގައުމަކަށްވުންކަމަށެވެ.
ރައީސް ދިވެހިރާއްޖެއާ މެދު ގެންގުޅުއްވާ ތަސައްވުރު ހިއްސާ ކުރައްވަމުން އެމަނިކުފާނު އިތުރަށް ވިދާޅުވީ ރާއްޖޭގެ ހައުސިން މައްސަލަ އެއްކޮށް ހައްލުކޮށް، ޓުއަރިޒަމް ފުޅާކޮށް މިހާރަށް ވުރެ ބޮޑަށް ގައުމު ތަރައްގީ ކުރުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމަށެވެ.
އެމަނިކުފާނުގެ ތަގުރީރުގައިވަނީ މާޒީގައި ދިވެހިން ގައުމު ތަރައްގީކުރުމުގައި ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރައްވައި، 1965 ވަނަ އަހަރު ރާއްޖެއަށް މިނިވަންކަން ލިބުނުއިރު ރާއްޖެ އޮތް ހާލަތާ މިއަދު ރާއްޖެ އޮތް ހާލަތުގެ ތަފާތުކަން ފާހަގަކުރައްވައި، ތަރައްގީވަމުން އަންނަ ގައުމެއްގެ ގޮތުގައި މިހާރު ރާއްޖެ އޮތުމުން ފަޚުރުވެރިވާކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ 1965 ވަނަ އަހަރު މިނިވަންކަން ލިބުނުއިރު ރާއްޖެއަކީ ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށާއި، ރާއްޖޭގެ އާބާދީގެ ތިން ބައިކުޅަ އެއް ބައި މީހުންނަކީ ލިޔަންކިޔާކަށް ނޭނގޭ މީހުން ކަމަށެވެ. ރާއްޖޭގައި ވިހާ ކޮންމެ 10 ކުއްޖަކުން 1 ކުއްޖަކު ދިޔައީ މަރުވަމުން ކަމަށާއި، ރާއްޖޭގައި އާމްދަނީ ލިބޭނެ އެއްވެސް އިންޑަސްޓްރީއެއް ނެތްކަމަށެވެ.
އެހެންކަމުން ދިވެހިރާއްޖެއަކީ ތަރައްގީވެފައި އޮތް ގައުމަކަށް ހެދުމަކީ ބުރަ އަދި ދުރު މުސްތަގުބަލެއްގައި ނޫނީ ނުވާނެ މަސައްކަތެއް ކަމަށް ބެލެވުނު ނަމަވެސް ޕްލޭނެއް އޮވެގެން މަސައްކަތް ކުރުމުން އެކަންވެސް ހާސިލް ވާނެކަމަށާއި، ދަތިތަކުން އަރައިގަނެ ކުރި ހޯދުމަކީ ދިވެހިންނަށް އާ ކަމެއް ނޫން ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ތަގްރީރުގައި ފާހަގަކުރެއްވިއެވެ.