logo minivan

English

ހޮނިހިރު, 19 އޮކްޓޯބަރ 2024

200 އަށް ވުރެ ގިނަ ބައިވެރިންނާ އެކު އައިސީއައިއޭ ފަށައިފި

މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން ބާއްވާ އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗުއަލް އެޑްވާންސްމަންޓް (އައިސީއައިއޭ) ގެ ނުވަ ވަނަ ކޮންފަރެންސް 200 އަށްވުރެންގިނަ ބައިވެރިންނާއެކު މިއަދު ފަށައިފި އެވެ.

ރާއްޖެ އާއި ރާއްޖޭން ބޭރުގެ 204 ބައިވެރިންނާ އެކު ދެ ދުވަހުގެ މުއްދަތަކަށް، އައިޔޫއެމްގައި ކުރިއަށް ގެންދާ މި ކޮންފަރެންސް މިއަދު ހެނދުނު ފަށްޓަވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އެވެ.

އައިޔޫއެމްގެ ސެންޓާ ފޯ ރިސާޗް އެން ޕަބްލިކޭޝަންސްގެ ކުރީގެ ޑީން ޑރ. ޝަފީއު މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިދާޅުވީ ސައިންޓިފިކް އިލްމަކީ ތައުލީމުގެ އެންމެ މަތީ ހަރުފަތުގެ ބިންގާ ކަމަށާއި، އޭގެ ސަބަބުން ހަރުދަނާ ސިޔާސަތުތައް އެކުލަވާލުމަށް ވެސް ފަސޭހަވެގެންދާ ކަމަށެވެ.

"އަޅުގަނޑަށް ޔަގީންކަން އެބައޮތް މި ކޮންފަރެންސުން، ބައިވެރިންގެ ވިސްނުން މަތިވެ، އާ ހިޔާލުތައް ނެރެވޭނެ ކަމުގެ،" ޑރ. ޝަފީއު ވިދާޅުވި އެވެ.

މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ޑރ. ޝަފީއު ވަނީ އައިޔޫއެމްގެ ޕޯސްޓް ގްރެޖުއޭޓް ލައުންޖާއި، ދެ ރިސާޗް ޖާނަލް އިފްތިތާހުކޮށްދެއްވައިފަ އެވެ. އެ ޖާނަލްތަކަކީ އިންޓަނޭޝަނަލް ޖާނަލް އޮފް އިމާޖިން ޕާސްޕެކްޓިވްސް އިންއެޑިއުކޭޝަން (އައިޖޭއީޕީއީޑީ) އާއި އިންޓަނޭޝަނަލް ޖާނަލް އޮފް އިމާޖިން އިޝޫސް އިން މެނޭޖްމަންޓް، އެކައުންޓިން އެންޑް ޓެކްނޮލޮޖީ (އައިޖޭއީއެމްއޭޓީ) އެވެ.

މި ކޮންފަރެންސަށް 113 ދިރާސީ ކަރުދާސް ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސި ބަހުން ހުށަހަޅާފައިވާ 83 ކަރުދާހާއި ދިވެހި ބަހުން ހުށަހަޅާފައިވާ 12 ކަރުދާހެއްގެ އިތުރުން އަރަބި ބަހުން ހުށައަޅާފައިވާ 18 ކަރުދާހެކެވެ.

އެހެން އަހަރުތަކާއި ހިލާފަށް މި ފަހަރުގެ ކޮންފަރެންސްގައި ވަނީ ވަރަށް ގިނަ އަދަދަކަށް ޕްރީ ކޮންފަރެންސް ވޯކްޝޮޕް ބާއްވައިފަ އެވެ. މި ފަހަރު ބޭއްވި 12 ވޯކްޝޮޕުގެ ތެރެއިން ކޮންމެ ވޯކްޝޮޕަކަށް ވެސް އެވްރެޖްކޮށް 60 އަށް ވުރެ ގިނަ ފަރާތްތަކުން ވަނީ ބައިވެރިވެފަ އެވެ.

މިއީ ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ ކޮންފަރެންސެއްގައި މިހާ ގިނަ އަދަދަކަށް ޕްރީ ކޮންފަރެންސް ވޯކްޝޮޕް ބޭއްވި ފުރަތަމަ ފަހަރެވެ. ފާއިތުވި އަހަރުތަކުގައި އައިސީއައިއޭގައިވެސް އެންމެ ގިނަވެގެން ބާއްވަނީ ދެ ވޯކްޝޮޕެވެ.

މި އަހަރުގެ ކޮންފަރެންސުގައި ތަފާތު ތިން ދާއިރާއަކުން، ދުނިޔޭގައި ފާހަގަކޮށްލެވޭ ތިން އިލްމުވެރިއަކު ކީނޯޓު ތަގުރީރު ދެއްވާނެ އެވެ. އެއީ މެލޭޝިއާގެ މާސްޒްލީ މަލިކް އާއި، އެމެރިކާގެ ފިލިޕް ހެލިންޖާ، އަދި ދެކުނު އެފްރިކާގެ ޓެކާނޯ މެޓްރެޑްރޯ އެވެ.

މެލޭޝިއާގެ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު، އަދި އެ ޤައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާފައިވާ މަލިކް ތަގުރީރު ދެއްވާނީ ތިމާވެށި ހިމާޔަތްކުރުމާއި، ދެމެހެއްޓެނެވި ތަރައްގީއާ ގުޅޭ ގޮތުންނެވެ.

އެމެރިކާގެ ހެލިންޖާ އޮންލައިންކޮށް ތަގުރީރު ދެއްވާނީ ދެމެހެއްޓެނިވި އުސޫލުތަކުގެ މައްޗަށް މަތީ ތައުލީމު ދޭނެ ގޮތްތަކާ ބެހޭގޮތުންނެވެ. އޭނާއަކީ ތައިލެންޑުގެ މަހިޑޯލް ޔުނިވާސިޓީގައި މެނޭޖްމަންޓް ދާއިރާގެ ގްލޯބަލް ޓެލެންޓް ޕްރޮފެސަރެކެވެ.

ސައުތު އެފްރިކާގެ ޓެކާނޯ މެޓްރެޑްރޯ އޭނާގެ ތަގުރީރުގައި އަލިއަޅުއްވާލާނީ ތައުލީމީ ދާއިރާގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ސިސްޓަމް ހެދުމާއި، މެނޭޖްކުރުމާ ބެހޭގޮތުންނެވެ.

މިއަހަރުގެ އައިސީއައިއޭ ކޮންފަރެންސަށް މެލޭޝިޔާ އާއި ބުރުނާއީ އަދި އިންޑޮނޭޝިއާގެ ޔުނިވާސިޓީތަކުން ވަރަށް ބޮޑު ތަރުހީބެއް ލިބިފަ އެވެ. އެގޮތުން ބޭރުގެ 59 ފަރާތެއް ރާއްޖެ އައިސް މި ކޮންފަރެންސުގައި ބައިވެރިވެ އެވެ

މި އަހަރުގެ ކޮންފަރެންސަށް އެންމެ ގިނައިން ކަރުދާސް ހުށަހަލާފައިވަ ވަނީ ތައުލީމީ ދާއިރާއިންނެވެ. މީގެ އިތުރުން ގާނޫނީ ދާއިރާޗއާއި މެނޭޖްމަންޓްގެ ދާއިރާއިން ވެސް ކަރުދާސް ވަނީ ހުށަހަޅައިފަ އެވެ.

އިލްމު ހިއްސާކޮށް އުނގެނުމަށް ލޯބިކުރާ މުޖުތަމައެއް ބިނާކުރުމުގެ މަގުސަދުގައި އައިޔޫއެމް އިން 2016 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ އައިސީއައިއޭއަކީ ރާއްޖޭގައި ބާއްވާ އިލްމީ އެންމެ ބޮޑު އެއް ކޮންފަރެންސެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *