ގދ. ތިނަދޫއަށް ދީފައިވާ ސިޓީގެ ދަރަޖަ ބާތިލުކުރަން ހައި ކޯޓަށް ދުސްތޫރީ މައްސަލަ ހުށަހެޅި އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލްއުސްތާޛު މުހައްމަދު ރާޣިބު އަހްމަދު މަޤާމުން ވަކިކުރައްވައިފިއެވެ.
ނިމިދިޔަ ސަރުކާރުން މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ކުއްލި ގޮތަކަށް ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނީ ޤާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް ނަމަވެސް، ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ޤާނޫނަށް އިޞްލާހު ގެނެސް ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ އަލުން ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލްއުސްތާޛު މުހައްމަދު ރާޣިބު މަޤާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުން އުވާލުމަށް ދައުލަތާ ދެކޮޅަށް ކޯޓަށް ދިއުމާ ގުޅިގެނެވެ.
ސިޓީއެއް ކަމުގައި ކަނޑައެޅުމުގައި ހަމަވާންޖެހޭ ޝަރުތުތައް ހަމަނުވާކަމަށް ރާގިބު ބުނެފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނަށް ހުށަހެޅުމުން އެ ތަނުން ލިބުނު މައުލޫމާތުން އެނގޭ ގޮތުގައި ތިނަދޫގެ އާބާދީއަކީ 7،000 މީހުން ކަމަށާއި، ސިޓީއެއްގެ ގޮތުގައި ކަނޑައަޅާ ރަށަކީ 10 މީހުން ހަމަވެފައިވާ އާބާދީ އަކަށްވުން ގާނުން ޝަރުތު ކުރާތީ ކަމަށެވެ.
ރާގިބް ބުނެފައިވަނީ ތިނަދޫ ކައުންސިލުން ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި ދައުލަތުގެ ލިޔެކިޔުން އޮޅުވާލައި އާބާދީ އާ ގުޅޭގޮތުން ދޮގުމައުލޫމާތު ދީފައިވާކަމަށާއި އެހެންކަމުން ތިނަދޫ ކައުންސިލްއާއި ކުރީގެ ރައީސް އިބުރާހިމް މުޙައްމަދު ސޯލިހުގެ މައްސަލަ ބަލައިދިނުމަށްވެސް ރާގިބު ހައިކޯޓަށް ހުށަހެޅި މައްސަލާގައިވަނީ އެދިފައެވެ.
ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދިނ ުމަށް 2023 ވަނަ އަހަރުގެ އޯގަސްޓް މަހު 30 ވަނަދުވަހު ނިންމަވާފައިވަނީ އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުންނެވެ. އެއަށްފަހު މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު 2024 ވަނަ އަހަރުގެ މާރިޗް މަހު ވަނީ "ގދ.ތިނަދޫ ކައުންސިލް އިދާރާ" ގެ ނަން "ތިނަދޫ ސިޓީ ކައުންސިލް އިދާރާ" އަށް ބަދަލުކުރައްވާފައެވެ.