ކެންސަރު ބަލިމީހެއްގެ ބޭސްފަރުވާއަށް އެންސްޕާއިން އެހީތެރިކަން ހަމަނުޖެހުނު ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ފަތުރަމުންދާ ވާހަކަތައް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން ދޮގުކޮށްފި އެވެ.
ކުރިން ޕީޕީއެމް ހަރަކާތްތަކުގައި އުޅުނު އަދި ހިޔާ ސަރަހައްދުގައި ކުރީ ސަރުކާރާ ދެކޮޅަށް ހިންގި ހަރަކާތްތަކުގައި ބައިވެރިވި މީހަކު ސޯޝަލް މީޑިޔާގައި ބުނެފައިވަނީ އޭނާގެ ބަލި މަންމަައަށް ފަރުވާ ކުރަން ބޭސްފަރުވާގެ އެހީ ހަމަޖައްސަން އުޅުމުން މި ސަރުކާރުގައި އެހީތެރިކަން ލިބިފައިނުވާ ކަމަށެވެ. އަދި ކުރިން އެންސްޕާއިން އެހީގެ ގޮތުގައި ދިން 1،000 ޑޮލަރުގެ ބަދަލުގައި މިފަހަރު ދީފައިވަނީ 3،084 ރުފިޔާ ކަމަށެވެ.
މިކަމާ ގުޅިގެން އެންސްޕާއިން ނެރުނު ބަޔާނެއްގައި އޭނާ އާސަންދަ އަދި ވެލްފެއާ އެހީތެރި ކަމަށް އެދި ހުށަހެޅުމުން އެންސްޕާއާއި އާސަންދައިން ދީފައިވާ އެހީގެ ތަފުސީލުތައް ބަޔާންކޮށްފައިވެ އެވެ. އެގޮތުން 2023 ވަނަ އަހަރުގެ މޭ މަހުން ފެށިގެން މި އަހަރުގެ ނޮވެންބަރު 28 ވަނަ ދުވހާ ހަމައަށް ނުވަ ފަހަރެއްގެ މަތިން އެހީ ދޫކޮށްފައި ވާކަން އެންސްޕާއިން ފާހަގަކުރި އެވެ.
- 2023 ވަނަ އަހަރު މޭ މަހު، އެންސްޕާއިން 3،855 ރުފިޔާ ހަމަޖެއްސި
- 2023 ވަނަ އަހަރުގެ މޭ އާސަންދައިން ބަލިމީހާއާއި އެހީތެރިޔާގެ ޓިކެޓާއި ބޭސްފަރުވާގެ ފުލް ކަވަރޭޖު ހަމަޖެއްސި
- 2023 ވަނަ އަހަރުގެ ޖުލައިގަ ވެލްފެއާ ކޭސްގެ ދަށުން އެއް ޓިކެޓަށްވާަ ފައިސާ ދިނުމާއެކު ފައިސާގެ އެހީގެ ގޮތުގައި 900 ޑޮލަރަށްވާ ރުފިޔާ އެކައުންޓަށް ޖަމާކުރި
- 2023 ވަނަ އަހަރުގެ ނޮވެންބަރުގައި ބަލިމީހާއާއި އެހީތެރިޔާގެ ޓިކެޓާއި ބޭސްފަރުވާގެ ފުލް ކަވަރޭޖު އާސަންދައިން ހަމަޖެއްސި
- 2023 ވަނަ އަހަރުގެ ނޮވެންބަރުގައި ވެލްފެއާ މެދުވެރިކޮށް އިތުރު އެހީތެރިއެއްގެ ޓިކެޓާއި 3،084 ރުފިޔާ ހަމަޖެއްސި
- 2024 ވަނަ އަހަރުގެ މޭގައި އާސަންދައިން ބަލިމީހާއާއި އެހީތެރިޔާގެ ޓިކެޓާއި ބޭސްފަރުވާގެ ފުލް ކަވަރޭޖު ހަމަޖެއްސި
- 2024 ވަނަ އަހަރުގެ ނޮވެންބަރުގައި ބަލިމީހާގެ ޓިކެޓާއި ބޭސްފަރުވާގެ ފުލްް ކަވަރޭޖު އާސަންދައިން ހަމަޖެއްސި
- 2024 ވަނަ ނޮވެންބަރުގައި ބަލިމީހާގެ އެހީތެރިޔާގެ ޓިކެޓާައި 3،084 ރުފިޔާ ހަމަޖެއްސި