ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަކީ ރާއްޖޭގެ "މާލިއްޔަތު އާރާސްތުކުރަން މުހިއްމު ފިޔަވަޅެއް" ކަމަށް ސިފަކޮށް، ވޯލްޑްބޭންކުން ސަރުކާރަށް ތައުރީފުކޮށްފި އެވެ.
ވޯލްޑްބޭންކުން ދެކުނު އޭޝިއާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ނައިބުރައީސް މާޓިން ރައިސާ ރާއްޖެއަށް ކުރެއްވި ދަތުރަށް ފަހު އެ ބޭންކުން އިއްޔެ ނެރުނު ބަޔާނުގައި ބުނީ މޫސުމަށް އަންނަ ބަދަލުތަކާއި ދުނިޔޭގެ އިގުތިސާދަށް އަންނަމުންދާ ލޮޅުންތަކުން އަރައިގަތުމަށް ގެންނަމުންދާ ގޮންޖެހުން ބޮޑު އިސްލާހުތަކާއި އިންވެސްޓްމެންޓްތަކަށް އެބޭނުްކުން އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން، ދިވެހި ސަރުކާރަށް ރައިސާ ދެއްވި ކަމަށެވެ. އޭނާ އެ ޔަގީންކަން ދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި އެންވަޔަރްމެންޓް މިނިސްޓަރު އާމިނަތު ޝައުނާއާ އެކު ވަކިވަކިން ބޭއްވެވި ބައްދަލުވުން ތަކުގަ އެވެ.
""ފަގީރު ގައުމެއްގެ ގޮތުގައި އޮތް ރާއްޖެ ވަނީ ޖީލެއްގެ ތެރޭގައި މެދުމިނުގެ އާމްދަނީ ލިބޭ ގައުމަކަށް ތަރައްގީވެފައި. އަދި ރާއްޖޭން ވަނީ ކޮވިޑް-19ގެ ބަލިމަޑުކަން ވެސް ރަނގަޅަށް މެނޭޖްކޮށްފައިވޭ. ނަމަވެސް، ދަރަނީގެ މިންވަރު މައްޗަށް ދިއުމާއި ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާއި ލޮނުގަނޑު އުފުލުން ފަދަ ކަންކަމުގެ ސަބަބުން އާ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވޭ،" ރާއްޖެއަށް ކުރެއްވި ދަތުރަށް ދަހު ރައިސާ ވިދާޅުވި ކަމަށް ވޯލްޑްބޭންކްގެ ބަޔާނުގައި ބުންޏެވެ.
އޭނާ ވިދާޅުވި ގޮތުގައި އިގުތިސާދީ ގޮތުން ރާއްޖޭން ހޯދަމުން އަންނަ ހަލުވި ކުރިއެރުން ދެމެހެއްޓުމަށް ޓަކައި ހަރުދަނާ މާލީ ސިޔާސަތުތައް ތަންފީޒުކުރަން ޖެހެ އެވެ. ރާއްޖޭން ކާރިސާތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރަން ޖެހެ އެވެ. ހެޔޮއަގުގައި އާއްމު ހިދުމަތްތައް ދިނުމަށް ޓަކައި ސްމާޓް އިންވެސްޓްމެންޓްތައް ކުރުމަކީ ބޭނުންތެރިކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވޯލްޑްބޭންކެ އެހީގައި ރާއްޖޭގައި ހިންގާ އިއާދަކުރަނިވި ހަކަތައިގެ ބޮޑު މަޝްރޫއެއް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފަށައިފަ އެވެ. "އެކްސެލެރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނާޖީ (އެސްޕަޔާ) ޕްރޮޖެކްޓް"ގެ ނަމުގައި ހިންގާ އެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ރައީސާ ބައިވެރިވެވަޑައިގެންނެވި އެވެ. ފަސް މެގަވޮޓްގެ ސޯލާ ފޮޓޯވޯލްޓައިކް (ޕީވީ) ބެހެއްޓުމަށް ހިންގާ އެ މމަޝްރޫއުގެ ސަބަބުން، ޑީސަލް ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ވުރެ ދެބައިކުޅަ އެއްބަޔަށް ވުރެ ކުޑަ އަގެއްގައި ކަރަންޓް އުފެއްދި، އޭގެ ސަބަބުން ދައުލަތުގެ ބަޖެޓާއި ބޭރު ފައިސާ ސަލާމަތްކުރުމަށް މުހިންމު އެހީއަކަށް ވާނެ އެވެ.