ރ.ވާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ސަރުކާރުން މިއަދު އެމްޓީސީސީ އާ ހަވާލު ކޮށްފިއެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާދޫ ގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. އެ އެއްބަސްވުުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ. ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެމިނިސްޓްރީގެ ޑިރެކްޓަރް ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.
ރ.ވާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލު ކުރީ 14.5 މިލިއަން ރުފިޔާ ގެ އަގަށް 300 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައެވެ.
ރަށް ގިރުމުގެ މައްސަލައަކީ ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ކުރިމަތި ވެފައިވާ މައަސަލައެކެވެ. އެމައްސަލައަށް ހައްލެއް ހޯދަން އެކި ސަރުކާރުތަކުން ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެހެން ނަމަވެސް އެކަށީގެންވާ ހައްލެއް ނުލިބޭ ރަށްތައް އަދިވެސް ވަރަށް ގިނައެވެ. އެ މައްސަލަ ހައްލުކުރުމަށް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކުވެސް ބޮޑު ހަރަދެއްކުރެއެވެ.
ގޮނޑުދޮށް ހިމާޔަތްކުރުމަށް ޓަކައި ރާއްޖޭގައި އާއްމުކޮށް ކުރާ ކަމަކީ ބޮޑުހިލައިގެ ތޮއްޓެއް ލުމެވެ.