ގައިންގަޔަށް ނާރާބަލިތައް ކޮންޓްރޯލްކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން، ކެންސަރު ބަލި ރާއްޖޭގައި ކޮންޓްރޯލް ކުރަން އެކުލަވައިލި ފަސް ެއަހަރު ދުވަހުގެ ޕްލޭން،"ނެޝަނަލް ކެންސަރް ކޮންޓްރޯލް ޕްލޭން 2022-2026″ މިއަދު އިފްތިތާހު ކޮށްފި އެވެ.ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްލޭން އިފްތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.
ރަސްމިއްޔާތުގައި ސިއްޙަތު ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްފައިވާ މަންދޫބު ޑރ. ނާޒްނީން އަންވަރާއި ހެލްތު މިނިސްޓްރީގެ އިސްވެރިންނާއި ކެންސަރަށް ފަރުވާ ދޭ ހޮސްޕިޓަލުތަކުގެ ޑޮކްޓަރުންނާއި އޮފިޝަލުން އަދި މިކަމާގުޅޭ އެންޖީއޯތަކުގެ އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކެންސަރު ކޮންޓްރޯލް ކުރަން މަސައްކަތް ކުރާނެ މިއަދު އިފްތިތާހު ކުރި ޕްލޭން އެކުލަވައިލީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ފަންނީ ލަފައާއި އެހީތެރިކަމާއި އަދި ރާއްޖޭގެ ކަމާ ގުޅުންހުރި ފަންނީ ފަރާތްތަކުގެ މަޝްވަރާ ހޯދައިގެންނެވެ.
އެ ޕްލޭންގެ މަގްސަދުތަކުގެ ތެރޭގައި ކެންސަރުން ރައްކާތެރިތެރިވުމަށް ރާއްޖޭގައި އަޅަންޖެހޭ ފިޔަވަޅުތައް ކަނޑައެޅުމާއި، ކެންސަރު ބަލީގެ މީހުންނަށް އެކަށީގެންވާ ފަރުވާއާއި އެހެނިހެން ހިދުމަތްތައް ފޯރުކޮށްދިނުމާއި، އެފަރުވާ ހޯދުމަށް ދިމާވާ ގޮންޖެހުންތަށް ކުޑަކުރުމާއި، މި ކަންކަމާއި ގުޅޭގޮތުން ދައުލަތުގެ މުއައްސަސާތަކުންނާއި ޕްރައިވެޓް ސެކްޓަރ އާއި މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކުން ކުރާ މަސައްކަތްތައް އެއް އަމާޒަކަށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ކޯރޑިނޭޝަން ރަނގަޅު ކުރުން ހިމެނެއެވެ.
މި ބަލި ޖެހޭ މިންވަރާއި، ބަލީގެ ސަބަބުން މީހުންގެ ދިރިއުޅުމުގެ ވަށްޓަފާޅި އާއި ފަރުވާ ހޯދާ ފަރާތްތަކާއި އަދި އެހީތެރިކަން އެންމެ ބޭނުންވާ ފަރާތްތަކުގެ ހިސާބު އެއްކުރުމަށް ބޭނުންވާ "ކެންސަރ ރަޖިސްޓްރީ" ހަރުދަނާކުރުމަކީވެސް މި ޕްލޭންގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު އެއް މަސައްކަތެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ޕްލޭންގެ މައިގަނޑު މަޤްޞަދުތަކަކީ:
- ކެންސަރުން ރައްކާތެރިވުމަށް ޞިއްޙީ އާދަތަކަށް އަހުލުވެރިވުން
- އަވަހަށްބަލި ދެނެގަނެ އަވަހަށް ފަރުވާ ފެށުން
- މާލީބުރައެއްނެތި ކެންސަރުގެ ފަރުވާލިބުން
- ކެންސަރު ބަލި ތަޙައްމަލުކުރާ ފަރާތްތަކަށް ބޭނުންވާ ޕެލިއޭޓިވްއަދިސަޕޯޓިވްކެއާގެކަވަރޭޖްފުޅާކުރުން
- ކެންސަރުގެ ޤައުމީ ރަޖިސްޓްރީ ޤާއިމު ކުރުމާއި ދިރާސާތައްކުރުން
މި ޕްލޭންގެ އަމާޒަކީ ގައިން ގަޔަށް ނާރާ ބަލިތައް މިހާރު ހުރި މިންވަރު 2030 ގެ ނިޔަލަށް %25 އަށް ދައްކުރުން ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.