ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ނަަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ރާއްޖެއަށް ގެންނަން އުޅުނު ވެންޓިލޭޓަރުތައް ނުލިބި އެކުންފުންޏަށް ދީފައިވާ ފައިސާއާއި ވެންޓިލޭޓަަރުތައް ނުލިބުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 32.5 މިލިޔަން ރުފިޔާ ހޯދަން ބައިނަލް އަގުވާމީ އާބިޓްރޭޝަނަށް ހުށަހެޅުމުގެ ބަދަލުގައި ސަރުކާރުން އެ މައްސަލަ ރާއްޖޭގެ އާބިޓްރޭޝަނަށް ހުށަހަޅައިފި އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން އެ މައްސަލަ މޯލްޑިވްސް އާބިޓްރޭޝަން ސެންޓަރަށް ހުށަހެޅީ މިމަހުގެ 16 ވަަނަ ދުވަހު އެވެ. އެ ބަޔާނުގައިވާ ގޮތުން ސަރުކާރުން ހުށަހެޅީ ގެއްލުމުގެ ބަދަލާއި އެކު ޖުމްލަ 32. މިލިޔަން ރުފިޔާއަށް ވާ، 2.1 މިލިޔަން ޑޮލަރުގެ އިތުރުން އާބިޓްރޭޝަނަށް ދާ ހަރަދު އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން ހޯދުމަށެވެ.
ދިވެހި ސަރުކާރުގެ ފަރާތުން އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާ ދެކޮޅަށް މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް މައްސަލައެއް ހުށަހެޅުމާ ގުޅޭ https://t.co/vnmRn5VtnM pic.twitter.com/xjmxr84mxu
— AG Office Maldives (@AGOmv) February 27, 2023
އެ ކުންފުންޏަކީ ރާއްޖޭގައި އޮފީހެއް ނުހުން، ބޭރުގެ ކުންފުންޏަކަށް ވާއިރު އެ މައްސަލަ ރާއްޖޭގެ އާބިޓްރޭޝަނަށް ހުށަހެޅީ ކީއްވެ ކަމެއް އަދި ނޭނގެ އެވެ. އޭޖީ އޮފީހުގެ ބަޔާނުގައި އެކަމާ ބެހޭ ގޮތުން އެއްޗެއް ބުނެފައެއް ނެތެވެ.،
"…އާބިޓްރޭޝަނަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ އެންމެހައި ކަންކަމުގެ ސިއްރު ހިފެހެއްޓުން ސަރުކާރުގެ މައްޗަށް ލާޒިމްވާކަން މި ފުރުޞަތުގައި ފާހަގަކުރަމެވެ،" އޭޖީ އޮފީހުގެ ބަޔާނުގައި ބުންޏެވެ.
ކޮވިޑްގެ ބަލިމަޑުކަން އެންމެ ބޮޑުވި ދުވަސްވަރު ދުބާއީގެ ކުންފުންޏާ ހަވާލުކޮށްގެން ގެންނަން އުޅުުނު ވެންޓިލޭޓަރުތަކަށް ސަރުކާރުން އެޑްވާންސްކޮށް ފައިސާ ދެއްކި އެވެ. އެހެން ނަމަވެސް އެކުންފުނިން ރާއްޖެއަށް ވެންޓިލޭޓަރުތައް ފޯރުކޮށްދީފަ އެއް ނުވެ އެވެ. އެ މައްސަލަ އޭސީސީން ބެލުމަށް ފަހު ހެލްތު މިނިސްޓްރީގެ ބައެއް އޮފިޝަލުންނާ ދެކޮޅަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުރަތަމަ ފޮނުވުމުން އެ މައްސަލަ އަނބުރާ ފޮނުވައިލި އެވެ. އެ މައްސަލަ އަލުން ތަހުގީގުކޮށް މިހާރު ވަނީ ޕްރެސެކިއުޓާ ޖެނެރަލްގެ އޮފީހަށް އަލުން ހުށަހަޅައިފަ އެވެ.