ކީމޯތެރަޕީގެ ހިދުމަތް ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަށައިފިއެވެ.
އިއްޔެ އެ ހޮސްޕިޓަލްގައި ކީމޯތެރަޕީގެ ހިދުމަތް އިފްތިތާހްކޮށްދެއްވީ ޑެޕިޔުޓީ ސީއީއޯ އަބްދުލް އަޒީޒް ރިފާއުއެވެ.
އޭނަ ވިދާޅުވީ ކީމޯތެރަޕީގެ ހިދުމަތް އެ ދޭން ފެށުމަކީ، ތިނަދޫ ހޮސްޕިޓަލްގެ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް، ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއަށް އިތުރު ކުރެވުނު ވަރަށް މުހިއްމު ބޮޅެއް ކަަމަށެވެ.
އެގޮތުން އެ ހޮސްޕިޓަލުން ބަނީ އެ ހިދުމަތުގެ ސަބަބުން އެންމެ ބޮޑަށް ލުޔެއް ލިބިގެންދާނީ ހުވަދު އަތޮޅުގައި އެ ފަރުވާ ހޯދާ މީހުންނަށް ކަމަށެވެ.
ތިނަދޫ ހޮސްޕިޓަލްގައި މި ހިދުމަތް ފަށާފައި ވަނީ ހުޅުމާލެ ހޮސްޕިޓަލްގެ އެހީތެރިކަމާއި އެކުގައެވެ. އެގޮތުން ތިނަދޫ ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ނަރުހުން ކެންސަރު ބައްޔަށް ފަރުވާދިނުމަށް ތަމްރީނު ކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން އެ ހޮސްޕިޓަލުގައި ކީމޯތެރަޕީ ހިދުމަތް އިއްޔެ ފަށާފައިވާއިރު، މިދިޔަ ހަފްތާ ތެރޭގައި ވަނީ އާ ދެ ހިދުމަތެއް ވެސް ފަށައިފައެވެ. އެއީ ބަނޑު ހުޅުވާލުމަކާއި ނުލާ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ބަނޑުގައި ލޯވަޅު އަޅައިގެން ކުރާ "ލަޕަރޮސްކޮޕިކް" ސާޖަރީތަކާއި، ފަސޭހަނުވެ ގިނަ ދުވަސްވެފައިވާ ފާރުގަނޑުތައް އަވަހަށް ފަސޭހަ ކުރުމަށްޓަކައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދެވޭ "އެޑްވާންސްޑް ވުންޑް ކެއަރ ކްލިނިކް" ގެ ހިދުމަތެވެ.
ތިނަދޫގައި ކީމޯތެރަޕީ ދޭން ފެށުމަކީ މުޅި ހުވަދުއަތޮޅުން ވެސް އެރަށަށް ފަރުވާ ލިބިގަންނަން ދާ މީހުނަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ.
ރާއްޖޭގައި މީހުން މަރުވާ އެންމެ މައިގަނޑު ތިން ސަބަބުގެ ގޮތުގައި ކެންސަރު ހިމެނޭކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހާމަކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުގެ އިތުރުން އަތޮޅުތެރޭގެ ބައެއް ހޮސްޕިޓަލްތަކުގައި އަންނަނީ ކީމޯ ތެރަޕީގެ ހިދުމަތްދެމުންނެވެ.