ފުލުހުންގެ 90 ވަނަ އަހަރީ ދުވަސް ފަހަގަކުރުމުގެ ގޮތުން ހާއްސަ ޑިނާ ނައިޓެއް ބ. އޭދަފުށީގައި ބާއްވައިފިއެވެ.
ރޭ ބޭއްވި އެ ޑިނާ ނައިޓުގައި މިނިސްޓާ އޮފް ހޯމް އެފެއާޒް އިމްރާން އާއި، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި، ކޮމިޝަންޑު އޮފިސަރުންބައިވެ ވަޑައިގެންނެވިއެވެ.
އެ ޑިނަރ ނައިޓްގައި ވާހަކަދައްކަމުން ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވީ ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކެއް ހުރިކަމަށެވެ އަދި ނޯތު ޕޮލިސް ރީޖަންގައި ހުރި މައްސަލަތައް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ސްކޭމް މައްސަލަތަކާއި، މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން ކުޑަކުދިންނާ މެދު ހިންގޭ ކުށްތައް ވެސް ވަނީ ފާހަގަކުރައްވާފައެވެ.
ކޮމިޝަނަރުގެ ވާހަކަފުޅު ނިންމާލަމުން ވަނީީ ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ޝުކުރާއި ތަހުނިޔާ ދަންނަވައި، އަދި ފުލުހުންގެ މަސައްކަތްތަކަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
އޭގެ އިތުރުން އެ ޑިނާ ނައިޓްގައި ވަނީ ނޯތު ޕޮލިސް ރީޖަންގެ ފުލުހުންގެ މަސައްކަތަށް އެކިގޮތްގޮތުން ހާއްސަ އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކަށާއި، ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާގެ ޒިންމާ އަދާކުރުމުގައި އެކިގޮތްގޮތުން ފާހަގަކޮށްލެވޭފަދަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ މުވައްޒަފުންނަށާއި، ޑިނާ ނައިޓުގެ އިންތިޒާމުތަކަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުންދީފައެވެ.
ހަފްލާ ނިންމާލަމުން ވަނީ ފުލުހުންގެ 90 އަހަރުގެ ވީޑިޔޯ ޕްރެޒެންޓޭޝަން ދައްކައި، އަހަރީ ދުވަހުގެ ހާއްސަ ވީޑިއޯ ލަވަ ރިލީޒްކުރުމުގެ އިތުރުން ބޮޑުބެރުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އަދި ކުޑަކުދިންގެ ދުވަހަށް ހާއްސަކޮށްގެން ހަވާ ވެސް ވަނީ އަރުވާފައެވެ.