މާލޭގެ ގެއަކަށްވަދެ މީހަކަށް ތޫނުއެއްޗަކުން ބިރުދައްކައި، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މާރާމާރީ ހިންގައި، މުދަލަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން ހޯދަމުންދިޔަ އިބްރާހިމް ސަމީން ހައްޔަރުކޮށްފިއެވެ.
ރ. މަޑުއްވަރީ / ދެތަނޑިމާގެ، އިބްރާހިމް ސަމީން (34އ) ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި އަމިއްލައަށް ފުލުހުންގެ މައި މަރުކަޒަށް ހާޒިރުވުމުން ކަމަަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގުކުރަމުން އައި މި މައްސަލަ އާ ގުޅިގެން އޭނާ ހޯދަން އިއުލާންކުރީ އިއްޔެ އެވެ.
ފުލުހުން ބުނީ އޭނާ ހޯދަމުން ދިޔައީ މިމަހުގެ 2 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭގެ ގެއެއްގެ އެޕާޓްމަންޓަކަށް ގްރޫޕެއްގެ ބަޔަކު ވަދެ އެތަނުގައި ދިރިއުޅެމުންދާ މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި، އެއެޕާޓްމަންޓްގައި ހުރި މުދަލަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށްޓަކައި ކަމަށެވެ.