ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ އެޕާޓީގެ ނައިބު ލީޑަރު، އައިޝަތް ނަހުލާ އަކީ ސިޔާސީ މައިދާނުގައި އަންހެނުންގެ ބާރުވެރިކަން އިތުރުކުރުވާ، ރައްޔިތުންނަށް އިހްލާސްތެެރި މެންބަރަކަށް ވާނެ ކަމަށް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ އިންތިހާބައި ނަހުލާ ޖޭޕީގެ ޓިކެޓުގައި ހުޅުމާލޭ ދެކުނު ދާއިރާއަށް ވާދަކުރަން ނިންމާފައިވާ ކަމަށް މީގެ ކުރިން ވަނީ އިއުލާންކޮށްފައެވެ.
އެގޮތުން ގާސިމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލިސް އިންތިހާބުގައި ނަހްލާ ވާދަކުރައްވަނީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އަންހެނުންގެ ބާރުވެރިކަން އިތުރުކޮށް މަދަނީ، އިގްތިސާދީ އަދި އިޖުތިމާއީ ކަންކަމުގައި އަންހެނުންގެ ދައުރު ފުޅާކޮށް ފުރުސަތުތައް ފަހިކުރުމުގެ މަތިވެރި އަޒުމުގައި ކަމަށެވެ.
"ޤާނޫން ހަދާ މަޖިލީހަކީ، އެމަޖިލީހަކަށް ތަޖުރިބާއާއި ހިކުމަތްތެރި، ވިސްނުންތެރި އަމާނާތްތެރިން އިންތިހާބު ކުރާން ޖެހޭ ތަނެކެވެ." ގާސިމް ވިދާޅުވެފައިވެއެވެ.
ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި އަންހެނުންގެ ބާރުވެރިކަން އިތުރުކޮށް، މަދަނީ، އިގްތިޞާދީ އަދި އިޖްތިމާއީ ކަންކަމުގައި އަންހެނުންގެ ދައުރު ފުޅާކޮށް، ފުރުޞަތުތައް ފަހިކުރުމުގެ މަތިވެރި ޢަޒުމުގައި، ހުޅުމާލޭ ދެކުނުދާއިރާގެ ރައްޔިތުންގެ މަންދޫބެއްގެ ގޮތުން 20 ވަނަ ރައްޔިތުންގެ… pic.twitter.com/ofYurLMJOY
— Qasim Ibrahim (@qasimibrahim) January 26, 2024
ގާސިމް އިތުރަށް ވިދާޅުވީ ދާއިރާއާއި ދިވެހި ގައުމުގެ އެންމެހާ ރައްޔިތުންނަށް އިހްލާސްތެރި، ވަފާތެރި މެންބަރެއްކަމުގައި ނަހުލާ ވާނެކަމީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑު އެދެނީ ހުޅުމާލޭ ދެކުނު ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ތާއީދާއި އެއްބާރުލުން އަޅުގަނޑުމެންގެ ކެނޑިޑޭޓަށް ލިބިގެން ދިއުމެވެ." އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
މަޖިލިސް އިންތިހާބު ބާއްވަން ނިންމާފައިވަނީ މާޗް މަހުގެ 17 ގައެވެ. އެއީ ރޯދަމަހުގެ ފުރަތަމަ ހަފްތާއެވެ.