ކުރީ ސަރުކާރުގެ "ގެދޮރުވެރިޔާ" އަދި "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ދިނުމުގައި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނަމުގައި ލިސްޓެއް ގެންގުޅެމުން އަންނަ ކަމަށް މީސްމީޑިއާތަކުގައި ދެކެވޭ ވާހަކަތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދޮގުކުރައްވައިފިއެވެ.
ރައީސް އެހެން ވިދާޅުވީ އެކި ކަންކަމުގައި އާއްމުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ސުވާލުކުރެވޭ ގޮތަށް "ރައީސްގެ ޖަވާބު" ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމުގައި ގޯއްޗާއި ފްލެޓު ދިނުމުގައި "މެޑަމް" ލިސްޓެއް ގެންގުޅުއްވާ ކަމަށް "ގޮތް ނޭނގޭ" މީޑިއާތަކުން ހަބަރު ފަތުރަމުންދާ ކަމާމެދު އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ރައީސް ވިދާޅުވީ އެއީ ހަގީގަތެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ ހިތުގައި ޝައްކު އުފައްދަން ބަޔަކު ކުރާ މަސައްކަތުގެ ތެރެއިން އުފެދިފައި އޮތް ސުވާލެއް ކަމަށެވެ. އެގޮތުން، ރައީސް ވަނީ ގެދޮރުވެރިކަމުގެ ފްލެޓެއް ވިޔަސް، އެހެން ކަހަލަ ހައްގަކަށް ވިޔަސް، މި ސަރުކާރުން ރައްޔިތުންގެ އެއްވެސް ހައްގަކަށް އަރައިނުގަންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ރައްޔިތުންގެ އެއްވެސް ކަހަލަ ހައްގަކުން މަހްރޫމް ކުރުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑު ދޭން ބޭނުންވާ ޔަގީންކަމަކީ އަޅުގަނޑެއް، އަޅުގަނޑުގެ އަންހެނުން ވިޔަސް، އަޅުގަނޑުގެ ރައްޓެއްސެއް ވިޔަސް، ސަރުކާރުގެ މަގާމެއްގައި ހުރި މީހެއް ވިޔަސް، އަދި އެއްވެސް ކަހަލަ ނުފޫޒެއް އެއްވެސް ދިމާލަކުން ފޯރުވައިގެން މި ސަރުކާރުން އެއްވެސް ރައްޔިތެއްގެ ހައްގަކަށް ނާރާނެ. އެފަދަ ކަމެއް ކުރުމަކަށް އަޅުގަނޑު ޖާގައެއް ވެސް ނުދޭނަން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުގައި ހުރިހާ ކަމެއް ވެސް ކުރާނީ އިންސާފުވެރިކޮށް، ހަމަހަމަކޮށް ދެފުށް ފެންނަ ގޮތަށް ކަމަށާއި އެ ކަންކަމަށް ނުފޫޒު ފޯރުވަން ޖާގަ ނުދިނުމާ އެކު، އެފަދަ ކަމެއް ކުރާ ނަމަ އެމަނިކުފާނު ވަގުތުން އިސްވެ ފިޔަވަޅު އަޅާނެ ކަމަށެވެ.
ފުލެޓު ލިސްޓަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ބުނެ މީހުން ދައްކާ ވާހަކަތަކަކީ ސަރުކާރާ މެދުގައި ފިތުނަ އުފައްދަން ފަތުރާ ދޮގުތަކެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑު މިދޭ ޔަގީންކަމަކީ އިރާދަކުރެއްވިއްޔާމުން ރައްޔިތުންނަށް ހައްގު، އަޅުގަނޑު އިރާދަކުރެއްވިއްޔާ ތެދުވެރިކަމާ އެކީ އަދާކޮށްދޭނަން." ރައީސް ވިދާޅުވިއެވެެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ 4،000 ފުލެޓު ލިބުނު މީހުންގެ ލިސްޓު މިދިޔަ ސަރުކާރުން އާންމުކުރުމާ އެކު ގިނަ ބަޔަކު ވަނީ ޝަކުވާ ކޮށްފައެވެ. މައްސަލަ ބޮޑުވެފައި އޮއްވައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ އެ މައްސަލައިގައި ތަހުގީގެއް ފަށައިފައެވެ.
އެގޮތުން، އިއްޔެ އޭސީސީން ހާމަކުރި ގޮތުގައި ކުރީ ސަރުކާރުން ދޫކުރި 4000 ފްލެޓް ދީފައިވާ މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށާއި އެކަމާ މެދުގައި އަމަލު ކުރާނެ ގޮތެއް ނިންމާނީ ހައުސިން މިނިސްޓްރީން ކަމަށެވެ.