މާލޭ ބާޒާރުގައި ލުނބޯގެ އަގު ވަރަށްބޮޑަށް އުފުލިއްޖެއެވެ.
ބާޒާރުގައި ލުނބޯގެ އަގު މިހާރު ހުރިގޮތަށް ބަލާއިރު، ކުރިން 25 ރުފިޔާ 35 ރުފިޔާއަށް ވިއްކި ލުނބޯ ކިލޯއެއްގެ އަގު މިހާރު ހުރީ 70 ރުފިޔާއަށްވުރެ މަތީގައެވެ.
ބާޒާރުމަތީ ގޮޅިތަކުން ވާހަކަދެއްކި ބައެއް މީހުން ބުނީ، މިދުވަސްވަރު ލުނބޯގެ އަގު ބޮޑުވެފައިވަނީ ލިބުން ދަތިވުމުގެ އިތުރުން ޑޮލަރު ގަންނަން ލިބޭ އަގުވެސް ބޮޑުވުމުން ކަމަށެވެ. މިގޮތުން ލުނބޯގެ އަގު ދަށަށް ދާނޭ ދުވަހެއް ބުނަން އަދި ނޭނގޭކަމަށްވެސް ގޮޅިތަކުން އެއްޗެހި ވިއްކާ މީހުން ބުނެއެވެ.
ކޮންމެ އަހަރެއްގެވެސް މިދުިވަސްވަރު އާއްމު ގޮތެއްގައި ލުނބޯގެ އަގު މައްޗަށްދާކަން ފާހަގަކުރެވެއެވެ. މިގޮތުން މިދިޔަ އަހަރުގެ މާރޗްމަހުގެ ކުރީކޮޅު ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު 100 ރުފިޔާއަށް އަރައިގެން ދިޔަކަން ފާހަގަކޮށްލެވެއެވެ.
ރަމަޟާންމަސް ކައިރުވެފައިވަނިކޮށް ލުނބޯގެ އަގު ބޮޑުވެފައިވާއިރު، މިދިޔަ އަހަރުގެ ކުރީއަހަރުވެސް ލުނބޯ ލިބުން ދަތިވެ މިދިޔަ އަހަރުގެ ރަމަޟާންމަހުގެ ތެރޭގައި ލުނބޯ ކިލޯއެއްގެ އަގު 120 ރުފިޔާއަށް ބޮޑުވިއެވެ. އެންމެފަހުން ބާޒާރުގައި ލުނބޯގެ އަގު ދަށަށް ގޮސްފައިވަނީ އެސްޓީއޯއިން ރާއްޖެއަށް ލުނބޯ އެތެރެކޮށް ވިއްކަން ފެށުމުންނެވެ.