ރައްޓެހި އަންހެންކުއްޖަކު މަންމަ ހޮސްޕިޓަލުގައި ބާއްވައިގެން ގުޅިއެވެ. ވަރަށް އަވަހަށް 500 ރުފިޔާ ދިނުމަށް އެދުނެވެ. ދަންނަ ރައްޓެއްސެއްވީމަ އަވަހަށް އެކައުންޓް ނަންބަރު ހޯދާފައި ލާރި ފޮނުވާލީމެވެ. ދެން އަނެއްކާވެސް ގުޅާލާފައި، ކާޑު މައްސަލަ ޖެހިގެން ލާރި ނުނެގުނު ކަމަށާއި އެހެން އެކައުންޓަކަށް ފޮނުވުމަށް ބުންޏެވެ. އެ އެކައުންޓުގެ ވެރި މީހާއަށް އިތުބާރު ނުކުރެވޭތީ އޭނާގެ އޯޓީޕީ މަގޭ ފޯނަށް ފޮނުވާނެ ކަމަށް ބުންޏެވެ. މިކިޔާ އެއްޗެއް ދެކޮޅު ނުޖެހޭކަން ރޭކާލި އެހިސާބުންނެވެ. އޭނާ ކުރަން އެއުޅޭ ކަމެއް ނޭގެއެވެ. އެކަމަކު ހަމަ ޔަގީނުން ވެސް އެއީ ހަމަޖެހޭ ވާހަކައެއްނޫނެވެ. އެހިސާބުން ރައްޓެހިންނަށް ލާރި ޓްރާންސްފާ ކުރުން ހުއްޓާލީމެވެ.
އެހެން ދުވަހެކެވެ. ފްލެޓް ލިބިގެން ގުޅައިފިއެވެ. ވައިބާ ކޮމިއުނިޓީއަކަށް ވެސް އެޑްކޮށްފައެވެ. ލިބުނީ ކޮން ނަންބަރެއްގެ ފްލެޓްތޯ އަހާލުމުން، ނަންބަރެއްވެސް ބުންޏެވެ. އިތުރު ސުވާލުކުރަން ފެށުމުން އިރުކޮޅަކު ޖަވާބު ދީފައި، ދެން ކުރި ނުހޯދޭނެ ހީވުމުން، ފޯނު ކަނޑާލައިފިއެވެ.
އެހެން ރައްޓެއްސަކަށް ވެސް ހަމަ އެހެން ގުޅާފައި ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ އެ މީހާގެ ފޯނަށް ފޮނުވި އޯޓީޕީތައް ހޯދިއެވެ. އެކުވެރިޔާއަަށް ކުރެވުވީ ކީއްކަން އެނގުނީ އެކައުންޓުގައި ހުރި ހުރިހާ ސޭވިން އެއް ހުސްކުރި ފަހުންނެވެ. އުމުރު ދުވަހު އެއްކުރެވުނު ނުވަދިހަ ހާސް ރުފިޔާއެވެ.
އެއްވެސް ހިދުމަތެއް ހޯދުމުގައި ފޯނަށް ފޮނުވާ އޯޓީޕީ ނުވަތަ ނަންބަރުތަކަކީ އެހެން މީހަކަށް ދީގެން ވާނެ އެއްޗެއް ނޫނެވެ. އެ ކަމުގައި އެންމެ ގާތް މީހުނަށް ވެސް އިތުބާރުކޮށްގެން ނުވާނެއެވެ. އަނބިމީހާގެ އޯޓީޕީ ފިރިމީހާގެ ފޯނަށް ވެސް ގޮސްގެން ނުވާނެ އެވެ. 18 އަހަރުން މަތީގެ ދަރިފުޅުގެ އޯޓީޕީ މަންމަގެ ފޯނަށް ވެސް ގޮސްގެން ނުވާނެ އެވެ. މީހަކު ކޮންމެ ފަދަ މުއާމަލެއްތެއް ކަމަށް ބުންޏަސް އޯޓީޕީ ދީގެން ނުވާނެއެވެ.
މިދިޔަ މަހު ދިމާވި ބޮޑު ދެ ސްކޭމަކާއި ގުޅިގެން ފުލުހުން ބުނީ އެ ދެ ސްކޭމް ވެސް ހިންގީ ފްލެޓު ލިބުނު ކަމަށް ބުނެ، މޮބައިލް ފޯނަށް އޯޓީޕީ ފޮނުވައިގެން، އެ ނަންބަރު ހޯދުމަށް ފަހު އެކައުންޓަށް ވަދެގެން ކަމަށެވެ. ފްލެޓު ލިބުނު ކަމަށް ބުނެ ކަމާގުޅޭ އެއްވެސް ފަރާތަކުން ކާޑުގެ މައުލޫމާތު ހޯދަން ނުގުޅާނެ އެވެ. އޯޓީޕީ ނުވަތަ ލިންކެއް ވެސް ނުފޮނުވާނެ އެވެ. އެކަންކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.
ފުލުހުން ވިދާޅުވި ގޮތުގައި ސްކޭމް ހިންގުމަށް އެކި ފަރާތްއެކި ފަރާތްތަކުން އެކި ގޮތަށް ބައިވެރިވެ އެވެ. ބައެއް ފަހަރު އެކަނި އަދި ގްރޫޕެއް ހަދައިގެން ވެސް މިކަން ކުރެ އެވެ. އޯޓީޕީ ނުވަތަ ފޯނަށް ފޮނުވާ ލިންކަށް ނުފިތާ ނަމަ ސްކޭމް ކޮށްގެން ފައިސާ ހޯދުމުގެ ފުރުސަތު ވަރަށް ކުޑަވާނެ އެވެ.
ވިޔަފާރިކުރާކަމަށް ހެދިގެން ވެސް މީހުން އަތުން މަކަރާއި ހީލަތުން ފައިސާ ހޯދައެވެ.
ޑޮލަރު ވިއްކުމުގެ މުއާމަލާތްތައް ހިންގާ ޓެލެގްރާމް، ވައިބާ ގްރޫޕުތަކުގައި ވެސް، އެހެން މީހުންގެ ނަމާއި ފޮޓޯ ބޭނުންކޮށްގެން ފައިސާ ހޯދުމަށް ފަހު ފިލައިގެން އުޅެ އެވެ. އަދި ހަމަ ވަރަށް ޖެނުއިން ހެން ހީވާގޮތަށް އަސްލުނަން ބޭނުންކޮށްގެން ފުރަތަމަ ކުޑަ މުވާމަލާތެއް ކުރުމަށް ފަހު ފަހުން ބޮޑެތި އަދަދުތަށް އަތުލައިގެން ފިލައިގެން އުޅޭ ކޭސްތައް ވެސް އެބަހުއްޓެވެ.
ފުލުހުން ބުނީ، ފޭސްބުކް މާކެޓްޕްލޭސް ބޭނުންކޮށްގެން ތަފާތު މުދާ ވިއްކާކަމަށް ހެދިގެން ވެސް ބޮޑެތި ސްކޭމް ކުރަމުންދާކަމަށެވެ. ފޭކު ޕޭޖުތައް ހަދައިގެން، ފަރުނީޗަރާއި ތަފާތު އެކި މުދާ ވިއްކާ ކަމަށް ބުނެ، އާއްމުންގެ އަތުން ފައިސާ ހޯދައެވެ. އަދި އެކި ކަހަލަ ޚިދުމަތްދޭ މީހުނަށް ހެދިގެން ވެސް ފައިސާ އެބަ ހޯދައެވެ.
އާންމުކޮށް މިހާރު އަންހެންވެރިން ވިޔަފާރިކުރާ ބޭރިގެ ސައިޓްތަށް ކަމަށްވާ ޝެއިން ފަދަ ސައިޓްތަކުން މުދާގެންނަކަމަށް ހެދިގެން މުދަލުގެ ލިންކު ފޮނުވަން ބުނެ ފައިސާ އަތުލާ ފަހުން އެ ޕޭޖުތައް ގެއްލިފައި ވެސް އެބަހުއްޓެވެ. މިފަދަ ކަންކަމުގައި ޝަކުވާ ކުރާނީވެސް ކާކު ކައިރީހެއްޔެވެ. އަމިއްލައަށް ނިންމާ ނިންމުންތަކެވެ.
މިފަދަ ކަންކަމަށް ސަމާލުވެ އެއްވެސް އެއްޗެއް ގަތުމުގެ ކުރިން ރަނގަޅަށް ޔަގީންކޮށް މުދަލުގެ ސައްހަކަން ވެސް ބަލާ ޔަގީންކޮށް އަތަށް ލިބުމަށް ފަހު ނޫނީ އެއްވެސް ފައިސާއެއް ނުފޮނުވާށެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މި އަހަރުގެ ކުރީކޮޅާ ހަމައަށް އެކަނި ވެސް ސްކޭމާ ގުޅޭ 28،000 މައްސަލައެއްގައި 27 މިލިއަން ރުފިޔާ ގެއްލިގެން ހުށަހެޅި އެވެ.
ދޭތެރެ ދޭތެރެއިން އެކިހަލަ ސްކޭމްތައް ފެންމަތިވެއެވެ. އެންމެންނަށް ވެސް މިކަން އެނގެއެވެ. އެކަމަކު އަދިވެސް ސްކޭމަރުންގެ މަޅީގައި ޖެހޭ މީހުން މަދެއްނޫނެވެ. އުމުރުދުވަހު ބުރަމަސައްކަތުން ހޯދި ފައިސާ މިނިޓެއް ތެރޭގައި ގެއްލިގެންދާކަށް އެކަކު ވެސް ބޭނުމެއް ނުވާނެއެވެ. ހެޔޮނުވާނެ އެވެ. ފައިސާގެ އެއްވެސް މުއާމަލާތެއް ކުރުމުގެ ކުރިން ރަނގަޅަށް މިކުރެނީ ކީއްކަން ރަނގަޅަށް ޔަގީންކުރާށެވެ. އެއްވެސް މީހަކަށް އެއްވެސް ހާލަތެއްގައި އޯޓީޕީ ނުދޭށެވެ. ސްކޭމަރުންނަށް ސަމާލުވާށެވެ.