ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށާ ގަޑި ޖެހުނު އިރު، ކޯރަމް ހަމަ ނުވެގެން ޖަލްސާ ފަސްކުމަށް ފަހު ކެންސަލްކޮށްފިއެވެ.
މަޖިލީހުގެ ޖަލްސާތައް އާއްމުކޮށް އޮންނަނީ ހަފުތާއަކު ތިން ދުވަހުއެވެ. ނަމަވެސް ޖަލްސާތައް މަދުކޮށްފައިވާ އިރު ވެސް މިއަދު ކޯރަމް ހަމަނުވިއެވެ.
9:00 ގައި ފަށަން އޮތް މިއަދުގެ ޖަލްސާ 9:30 އަށް ލަސްކުރެއްވިކަން އިއުލާނުކުރައްވަމުން، އެވަގުތު ރިޔާސަތުގައި އިންނެވި ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ އެވަގުތު މަޖިލީހަށް ވަޑައިގެން ތިއްބެވީ 11 މެމްބަރުން ކަމަށެވެ. އެއީ ޖަލްސާއެއް ފެށުމަށް ހަމަކުރަން ޖެހޭ ގާނޫނީ އަދަދުގެ ދެބައިކުޅަ އެއް ބައެވެ.
9:30 ފާއިތުވެގެން ދިޔަ އިރު ޖަލްސާ ނުފެށުނެވެ. އޭގެ ފަހުން ޖަލްސާގެ ގާނޫނީ އަދަދު ހަމަނުވާތީ ޖަލްސާ ބޭއްވެން ނެތްކަމަށް، އިއުލާން ކުރައްވާ ރިޔާސަތުން ވަނީ ޖަލްސާ ނިންމަވާލައްވާފައެެވެ.
"… އަދި މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނެ ތާރީހެއް ފަހުން އަންގާނެ ވާހަކަ ދަންނަވަން " ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި އަބްދުލް ޣަފޫރު ވިދާޅުވިއެވެ.
މަޖިލީހުގައި 87 މެމްބަރުން ތިއްބަވާ އިރު ޖަލްސާއެއް ފެށޭނީ އެންމެ މަދުވެގެން 22 މެމްބަރުން ތިއްބަވައިގެންނެވެ.
މިއަދުގެ ޖަލްސާގެ ރިޔާސަތު ޣަފޫރު ބަލަހައްޓަވަން ޖެހިވަޑައިގެންނެވީ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމު ވެސްް މާލޭގައި ވަޑައިގެން ނޫޅުއްވާތީ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ގަވާއިދުން ނުބާއްވާތީ ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނީ ޖަލްސާތައް ބޭއްވުމަށް ގޮވައިލައި މައްސަލައެއް ވެސް ހުށަހަޅުއްވައިފަ އެވެ.
މިދުވަސްކޮޅު ވަރަށް ގިނަ މެމްބަރުން، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ކެމްޕޭނު ހަރަކާތްތަކުގައި ގެންދަވަނ ދަތުރުކުރައްވަމުންނެވެ.