7 ފެބްރުއަރީ 2025

އަދުހަމްގެ އިސްތިޢުނާފުގެ އަޑުއެހުންތައް ފަށައިފި

އަޙްމަދު ފައުޒާން
2 ދުވަސް ކުރިން

ޓެކްސީ ޑްރައިވަރު ޤާސިމް ހަސަން މަރާލި މައްސަލައިގައި ދައުވާ އުފުލި އަދުހަމް މުހައްމަދު މެރުމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމަކީ ނިހާއީ ހުކުމެއްކަމަށް ކަނޑައެޅުމަށް ހައިކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ފަށައިފި އެވެ.

ޓެކްސީ ޑްރައިވަރު ގާސިމް މަރާލާފައި އޮށްވާ ފެނުނީ 2019 ޑިސެމްބަރު ހަތަރުވަނަ ދުވަހުއެވެ. ގާސިމްގެ ކަރަށް އަދުހަމް ވަޅިން ހަމަލާދީފައިވަނީ ގާސިމްގެ ޓެކްސީގެ ފަހަތު ސީޓުގައި އިނދެގެންނެވެ. މި މައްސަލައިގައި އަދުހަމްގެ މައްޗަށް އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުން މިމައްސަލައިގައި އަދުހަމްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީ 16 އޭޕްރިލް 2023 ވަނަ ދުވަހު އެވެ. މި މައްސަލަ ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ އަދުހަމްގެ ފަރާތުން މި މައްސަލަ އިސްތިއުނާފު ނުކުރުމުން، އޭނާގެ މައްޗަށް އިއްވި މަރުގެ ހުކުމަކީ ނިހާއީ ހުކުމެއް ކަމަށް ކަނޑައެޅުމަށެވެ.

3cx Box

ހައިކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި އަދުހަމް ބުނެފައިވަނީ އޭނާ މައްސަލައިގައި ކުރިއަށް ދާން ބޭނުން ވަނީ ވަކީލަކާ އެކުކަމަށެވެ. އަދުހަމް ބުނެފައިވަނީ އޭނާއަށް މައްސަލައިގެ ލިޔެކިޔުންތައްވެސް ނުލިބޭ ކަމަށާއި އަދި ވަކީލަކު އައްޔަނުކުރުމުގެ ފުރުސަތު ލިބިފައި ނުވާ ކަމަށެވެ. އަދުހަމްގެ ވާހަކަތަކާ ގުޅިގެން މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ދީބާނާޒް ފަހުމީ ވިދާޅުވީ، އަދުހަމްއަށް ލިޔުންތައް ހަވާލު ކުރިކަން ލިޔެކިޔުންތަކުން ދައްކާ ކަމަށާއި އަދި އެ ލިޔުންތައް ލިބުނު ކަމަށް އަދުހަމް ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ ކަމަށެވެ. އަދި ވަކީލަކު އައްޔަނު ކުރުމަށް ފޯންކޯލުވެސް ދީފައިވާކަން އެނގެން އޮންނަ ކަމަށެވެ. ފަނޑިޔާރު ދީބާނާޒް ފަހުމީ ވަނީ، އަދުހަމްގެ ފަރާތުން ވަކީލަކު އަމިއްލައަށް އައްޔަނު ކުރުމަށް ބޭނުންވާ ކަމަށް ބުނެފައިވާ ކަން ފާހަގަކޮށް އަހަރަކާ ގާތްވެފައިވާއިރު އަމިއްލައަށް ވަކީލަކު އައްޔަނު ކޮށްފައި ނުވަނީ ކީއްވެތޯ ސުވާލު ކުރައްވާފަ އެވެ.

ފަނޑިޔާރު ދީބާނާޒް ފަހުމީ ވިދާޅުވީ މިއަދުގެ އަޑުއެހުން ބޭކާރުވެގެން ނުދިއުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް އިދާރީގޮތުން ކުރެވިފައިވާ ކަމަށެވެ. މި އަޑުއެހުމުގައި އިސްފަނޑިޔާރު ހުސައިން ޝަހީދު ވިދާޅުވީ ކޯޓުގައި މައްސަލަ ހިނގާކަން އެނގޭއިރު ވަކީލަކު އައްޔަނު ކުރުމަކީ ފަރުދީ ޒިންމާއެއް ކަމަށާއި ވަކީލަކު ހަމަޖެއްސުމަކީ ކޮންމެހެން ޝަރިއަތަށް އައުމުން ދޭ ފުރުސަތެއް ނޫން ކަމަށެވެ. އަދި އެއީ އަބަދުވެސް ހުޅުވިފައި އޮންނަ ފުރުސަތެއް ކަމަށެވެ. ފަނޑިޔާރު ޝަހީދު މިހެން ވިދާޅުވުމުން އަދުހަމް ވަނީ އަމިއްލަ ގޮތުން ވަކީލަކު އައްޔަނުކުރަން ބޭނުން ނުވާކަމަށާއި ދައުލަތުން ވަކީލަކު އައްޔަނުކޮށްދޭން ބޭނުންވާކަމަށް ބުނެފަ އެވެ. ފަނޑިޔާރު ދީބާނާޒް ފަހުމީ ވިދާޅުވީ އެފުރުސަތު އޮތްކަންވެސް ކަރެކްޝަންސް މެދުވެރިކޮށް އަންގާފައިވާނެ ކަމަށެވެ. އަދި ޝަރީއަތުގެ ވަގުތު ބޭކާރުވާގޮތަށް އަދުހަމް އަމަލުކުރަމުންދާތީ އެކަން ފާހަގަކުރެއްވި އެވެ.

TechWaves Box

ފަނޑިޔާރުންގެ ވާހަކަތަކަށްފަހު އަދުހަމް ވަނީ އޭނާގެ ނިންމުން ބަދަލުކޮށް، އޭނާ އެއްވެސް ގޮތަކަށް ވަކީލަކު ބޭނުން ނުވާ ކަމަށާއި އަމިއްލައަށް ވާހަކަ ދެއްކޭނެ ކަމަށް ބުނެފަ އެވެ. އަދި އޭނާއަށް ލިޔުންތައް ހަވާލުކުރިކަން އެނގޭ ލިޔުމުގައި ކޮށްފައިވާ އޭނާގެ ސޮޔާއި ޖަހާފައިވާ އިނގިލީގެ ނިޝާނަކީ އޭނާ ކޮށްފައިވާ ސޮޔެއް ނޫންކަމަށާއި އެއީ އޭނާގެ އިނގިލީގެ ނިޝާން ނޫންކަމަށް ބުނެފައިވެ އެވެ. އަދުހަމްގެ މި ތުހުމަތަކީ ބޮޑު ތުހުމަތެއްކަން ފާހަގަކޮށް ފަނޑިޔާރު ދީބާނާޒް ފަހުމީ ވަނީ އެކަން ބެލުމަށް ދައުލަތުގެ ވަކީލުންގެ ކިބައިން އެދިފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ އިސްތިއުނާފީ ނުކުތާތައް ހުށަހަޅުއްވާފަ އެވެ. ނަމަވެސް އިސްތިއުނާފީ ނުކުތާތައް އެއްކޮށް ހުށަހަޅާ ނިމިފައި ނުވާތީ ދެން އަންނަ އަޑުއެހުމެއްގައި އެފުރުސަތު އަރުވާނެކަމަށް ފަނޑިޔާރުން ވިދާޅުވި އެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ދީބާނާޒް ފަހުމީ, ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު ހުސައިން މަޒީދު އެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙