logo minivan

English

އަންގާރަ, 21 މެއި 2024

ހަޔާތުގެ ޑައިރީން ސަފުހާއެއް: އިންތިޒާރޭ އޮތީ ހިތް އެދޭތީ!

އޭރުގެ އަހަރެންގެ އުމުރުން 17 އަހަރެވެ. އިސްކޮޅުން ދިގުވެފައި ހަށިގަނޑު ހުރީ ރީތިކޮށެވެ. އެހެންކަމުން ސުކޫލުގައި ވެސް އަހަރެންނަށް ތަފާތު ފުރައްސާރަތައް ކެނޑިނޭޅި ލިބެމުންދިޔައެވެ. ބައެއް ޓީޗަރުން "ސިއްރު ބައްދަލުވުން"ތަކަށް ދަޢުވަތު ދެއެވެ. އެހުރިހާ ކަމަކާމެދު އަހަރެން ހުރީ ނުތަނަސްވެފައެވެ. ބިރުގަނެފައެވެ. ވެދާނެ ގޮތެއް ނޭނގޭތީއެވެ. އަހަރެންނަށް ނުރައްކަލެއް ކުރިމަތިވެދާނެތީއެވެ. ޅައުމުރުގައި އަހަރެންގެ "ރީތިކަން" އަގެއް ނެތި ގެއްލިގެން ހިނގައިދާނެތީއެވެ.

ހުކުރު ދުވަހެކެވެ. އާއިލާ އެންމެން މިތިބީ ދަތުރު އައިސްފައެވެ. ރަށުގެ ތުނޑީ ކޮޅަށެވެ. މިތަނުގައި ރަށުގެ އެހެން ބައެއް އާއިލާތައް ވެސް މަޖާނަގަމުން އެބަ ގެންދެއެވެ. އަހަރެން ވެސް އެއްވެސް ޚިޔާލެއް ނެތި ތުނޑިމަތީގައި ކޮޅުކޮޅަށް ހުސްފަޔާ ދުވަން ފެށީމެވެ. ބައެއް ފަހަރު ފުންމަމެވެ. އަނެއްބައި ފަހަރު އޮށޯންނަމެވެ. އިށީންނަމެވެ. ވެލިގަނޑުތެރެއަށް ދެ އަތް ވައްދާލާ އަތްތިލަ ފޮރުވާލަމެވެ.

މުޅި ގައިގަ ހުސް ވެއްޔެވެ. އަވަސް އަވަހަށް ގޮސް، މޫދަ ގެނބިގަތީ ގައިން ވެލިފިލުވުމަށެވެ. އެ ވަގުތު އެތަނުގައި ދެތިން ފިރިހެނުން ފަތަން އުޅެއެވެ. އަހަރެން މާބޮޑު ސަމާލުކަމެއް ނުދެމެވެ. އޭގެ ތެރެއުން އެކަކު ފަތަމުން އަހަރެންނާ ދިމާއަށް އަންނަތަން ފެނުނެވެ. އޭނާ އައިސް އަހަރެންނާ ވަރަށް ގާތުގައި ހުއްޓުނެވެ. ވާހަކަ ދައްކަން ފެށިއެވެ. އެއީ ބީރައްޓެއްސެކެވެ. ޒުވާން ރީތި ފިރިހެނެކެވެ.

އޭނާ ވާހަކަ ދައްކަން ފެށިއެވެ. އަހަރެންވެސް ވާހަކަ ދެއްކީމެވެ. އޭނާ އެދުނީ މާސްކް އަޅައިގެން މުރަކަ މަސް ބަލަން އިސްކޮޅު ނުޖެހޭ ހަމައަށް ދެމީހުން ދިއުމަށެވެ. އަހަރެން ހުއްޓުން އެރިއެވެ. ބޭއިހްތިޔާރުގައި ބުނެލެވުނެވެ. "އަހަރެން ބިރުގަނޭ. ނުކެރޭނެ ބޭރަށް ދާކަށް!"

އޭނާ ގޮތެއް ދުލެއް ނުކުރިއެވެ. އެކި ވާހަކަތައް ދައްކަމުން އަހަރެންނާ ސަމާސާވެސް ކުރަން ފެށިއެވެ. ގަޔަށް ފެންޖަހާ އުޅުނެވެ. އާއިލާ މީހުންނަށް ފެނިދާނެތީ އަހަރެން ކަންބޮޑުވިއެވެ. އެކަމަކު އާއިލާ މީހުން ތިބީ ކިރިޔާ ލޮލަށް ފެންނަ ހިސާބު ދުރުގައި، މެންދުރަށް ކެއްކުމުގައި މަސްޢޫލުވެގެންނެވެ.

އެންމެ ފަހުން އޭނާއާއެކު މުރަކަ މަސް ބަލަން ދާން އެއްބަސްވީމެވެ. އޭނާ ވަރަށް އުފަލުން އައިސް އަހަރެން އަތުގައި ހިފައިގެން ބޭރަށް ގެންދަން ފެށިއެވެ. އަހަރެންގެ ހިތް ބާރަށް އެބަ ތެޅެއެވެ. އެތެރެހަށި ފިނިވެއްޖެއެވެ. އިސްކޮޅު ނުޖެހޭ ހިސާބަށް ބޭރުވުމުން އަހަރެން މަޑުމަޑުން ފަތަން ފެށީމެވެ. އޭނާ އެދުނީ އޭގެ ބުރަކަށި މަތީގައި އޮށޯވެލާށެވެ. ބުންޏެވެ؛ "އޮށޮވެލާ އަހަރެން ގެންދާނަން. އެހެންނޫނީ މާބޮޑަށް ވަރުބަލިވެދާނެ!"

އެންމެ ފަހުން އޭނާގެ ބުރަކަށިމަތީގައި ދެ އަތް އަޅުވާލާ އަހަރެންގެ ހަށިގަނޑު ފަހަތަށް ދަމާލީމެވެ. މީހާ ފެންމަތީގައި އޮންނާނެ ގޮތަށެވެ. ކުއްލިއަކަށް އޭނާ ފީނައިގަތެވެ. އަހަރެން ގޮވައިގެންނެވެ. ކުއްލިއަކަށް އޭނާ އެނބުރިލާފައި ކުރިމަތިން އަހަރެން ގައިގަ ބައްދާލިއެވެ. އަހަރެން އަވަސް އަވަހަށް އޭނާއާ ފެއަށް ޖެހިލާ ފެނުން މައްޗަށް އަރައި ފުން ނޭވާއެއްލީމެވެ.

ދެން އޭނާ އެދުނީ ތުނޑިމަތީގައި ދެމީހުން އެކުގައި ހިނގާލަން ދިއުމަށެވެ. އެހެން ބުނުމަށް ފަހު އޭނާގެ އިނގިލިން އިޝާރާތްކުރީ އަހަރެންގެ އާއިލާ މީހުން ތިބި ދިމާ ނޫން އަނެއް ދިމާއަށެވެ. އާނއެކޭ ބުނުމުގެ ގޮތުން ހިނިތުން ވެލީމެވެ. މަޑުމަޑުން ފަތާފައި ގޮސް ގޮނޑުދޮށުގެ އަކިރިތަކާ ކުޅެން އިންދާ ޒުވާނާ އައިސް އަހަރެންގެ ބޮލުގައި ކޮއްޓާލުމަށް ފަހު، ކުރިން އޭނާ އުނގިލިން އިޝާރާތްކުރި ދިމާއަށް ހިނގައިގަތެވެ. އަހަރެން ބަލަން އިނީ ބަލާށެވެ. އޭނާ އެނބުރި އަހަރެންނާ ދިމާއަށް ބަލާލުމަށް ފަހު އަތުގެ އިޝާރާތުން އެދިމާއަށް ދިއުމަށް އެދުނެވެ.

އަހަރެން މަޑުމަޑުން އެދިމާއަށް ހިނގަން ފެށީމެވެ. ހޭޅިފަށުގައި ހެދިފައިވާ މަގޫ ގަސްތަކެއްގެ ހިޔަލުގައި އޭނާ އިށީނެވެ. އަހަރެންވެސް ގޮސް އޭނާ ކައިރީގައި އިށީނދެލީމެވެ. ހަމަ އެވަގުތު އޭނާ އަހަރެން އަތުގައި ހިފިއެވެ. އަދި ގާތަށް ދަމާލިއެވެ. މިހާރު އަހަރެންގެ ހަށިގަނޑު އޭނާގެ ހަށިގަނޑުގައި ޖެހެއެވެ. ކޮނޑާއި ކޮނޑެވެ. އެވަރުންވެސް އޭނާ މަޑެއް ނުކުރިއެވެ. ކުއްލިއަކަށް އަހަރެންގެ ހަށިގަނޑުގައި އޭނާ ބައްދާލިއެވެ. އަދި އޭނާގެ ކަނާއަތުން އަހަރެންގެ ހަށިގަނޑުގެ އެތައް މިތަނުގައި ފިރުމަން ފެށިއެވެ. އެއީ ވަރަށް ތަފާތު އިހްސާސެކެވެ. މީގެ ކުރިން ތަޖުރިބާކުރެވިފައިނުވާ އަރާމެކެވެ. މަސްތެކެވެ.

ދިހަ ވަރަކަށް މިނިޓު ފަހުން ދެމީހުންތިބީ ހުސް ގަޔާއެވެ. އަހަރެންގެ މުޅި ހަށިގަނޑު އޭނާއަށް އޮތީ ހިތަކަށް ލިބިފައެވެ. އޭނާ އަހަރެންނަށް "ތަދު"ކުރިއެވެ. އެހެނަސް ފަހުން އެކަން ހަނދާން ނެތިއްޖެއެވެ. ދެހަށިގަނޑު އެއް ހަށިގަނޑެއްގެ ގޮތުގައި ގަޑިއެއްހާއިރު ހޭދަވިއެވެ. ދެމީހުންވެސް ވަރުބަލިވެއްޖެއެވެ. ދާހިއްލައިފިއެވެ.

ދެމީހުން އެކަކު އަނެކަކަށް ތަޢާރަފްވެ، އަލުން ބައްދަލުވުމުގެ ވަޢުދުތަކާއެކު ވަކިވީމެވެ. އަހަރެން އާއިލާ މީހުން ކައިރިއަށް ދިޔުމާއެކު އަހަރެންގެ މަންނަ އަހަރެން ގޮވައިގެން ދުރަށް ޖެހިލުމަށް ފަހު، ރުޅިވެރި ރާގަކަށް ބުނެލިއެވެ؛ "މުޅި ކަރުދަށް ރަތްކޮށްފަ ތިހުރީ ކޮން ސަކަރާތެއް ޖަހާފަ. ބިރެއްވެސް ނުގަނޭތަ. ލަދެއްވެސް ނުގަނޭތަ. ރީތި އުޅުމެއް ދަސްވެފަ އެބަހުރި މިދަރިއަށް. ދެރަކަމެއް ވެއްޖެއްޔާ އަހަރެންމީ މަންމައެއްނޫންކަން ހަނދާން ކުރާތި!"

ހަމަހޭވެރިކަންވީ އެހިސާބުންނެވެ. އަހަރެން ފެންކަޅިވިއެވެ. ގިސްލެވެން ފެށިއެވެ.

އެއް މަސް ފަހެވެ. އަހަރެން އަބަދު ހުންނަނީ މޭނުބައިކޮށްފައެވެ. އިރުއިރުކޮޅުން ހޮޑުލެވެއެވެ. މީހާގެ މޫޑު އަވަސް އަވަހަށް ބަދަލުވާން ފެށިއެވެ. މޫނުމަތީގައި ދުޅަވިއެވެ. ކިޔަވާ ހިތެއްނުވެއެވެ. ގިނަ ވަގުތު ބޭނުންވަނީ އެކަނި އޮންނާށެވެ. އެހެން އުޅެނިކޮށް އަހަރެން މާބޮޑަށް ވަރުބަލިވެ، ގައިބާރު ދެރަވެ ހިނގާބިނގާވެ އުޅެން އުނދަގޫވުމުން މަންމަގާތު އެވާހަކަ ބުނީމެވެ. ވަގުތުން އަހަރެން ސިއްޚީ މަރުކަޒަށް ގެންދިޔައެވެ. އައިވީ ގުޅާ ބައެއް ޓެސްޓްތައް ހެދުމަށް ލެޔާއި ކުޑަކަމުދާ ތަކެތި ނަގައިފިއެވެ. ނަތީޖާ ލިބޭނީ ދެގަޑިއިރު ފަހުންނޭ ނަރުސް ކުއްޖާ ބުންޏެވެ.

ކުއްލި އަކަށް ނަރުސް ކުއްޖަކު އައިސް މަންމަ ގޮވައިގެން ހިނގައްޖެއެވެ. ވީގޮތެއް ނޭނގެއެވެ. އަހަރެން ކަންބޮޑުވެފައި އޮތީއެވެ. ދެން ފެނުނީ މަންމަ ރޮމުން ރޮމުން އަންނަތަނެވެ. އަހަރެން ގައިގަ މަންމަ ވަރަށް ބާރަށް ބައްދާލިއެވެ. އަދި ބުންޏެވެ؛ "ކާކު އެމީހަކީ. ކޮންއިރަކު ތިކަމެއް ކުރީ. އަހަރެން ދުނިޔެއިން މަރުވެ ދިއުން މާރަނގަޅުވާނެ މިހާރު. ލަދުން މިރަށުގައި ދެން އުޅެންވެސް ނުކެރޭނެ!"

ހަގީގަތް އެނގުނެވެ. އަހަރެން ބަލިވެ އިނީއެވެ. ރިޕޯޓުތަކުން އެކަން ޑޮކްޓަރު ވަނީ މަންމައަށް ކަށަވަރު ކޮށްދީފައެވެ.

އަހަރެން މަންމައަކަށް ވަނީއެވެ. ހަލާލު ކައިވެންޏެއްގެ ބޭރުންނެވެ. ދަރިފުޅުގެ ބައްޕަ ވީތަނެއް ނޭނގެއެވެ. ދިން ފޯނު ނަމްބަރުން އޭނާއާ ގުޅޭ ގޮތެއް ނުވިއެވެ. އެހެންވެ އަހަރެން ނިންމީ ކޮންމެ ހާލެއްގައި ނަމަވެސް ދަރިފުޅު އަމިއްލައަށް ބަލާ ބޮޑުކުރާށެވެ. ކިޔެވުން މެދުކެނޑުނެވެ. ރަށުތެރެއަށް މީހާ ބޭޒާރުވިއެވެ. މުޅި އާއިލާއަށް ފުން ހިތާމައެއް ލިބިގެންދިޔައެވެ. އެހެންނަމަވެސް އާއިލާގެ ހުރިހާ މެންބަރުންވެސް އަހަރެންނަށް ލޯބްބާއި އަޅާލުންދިނެވެ.

ވިހައިފިއެވެ. ލޯބި ލޯބި އަންހެން ކުއްޖެކެވެ. ވައްތަރީ ބައްޕައާއެވެ. އެހެންވެ އެޒުވާނާގެ ހަނދާންތައް އަލުން އާވާން ފެށިއެވެ. އޭނާއާ އަލުން ބައްދަލުވޭތޯ ހިތާހިތުން ދުޢާކުރަން ފެށުނެވެ. ހިތާއި ސިކުނޑީގައި ބިންވަޅު ނެގިފައި ވަނީ އެއް ލަވައެކެވެ؛ "އިންތިޒާރޭ އޮތީ ހިތް އެދޭތީ!"

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *