logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ލަންކާއިން ލިބުނު އަނދިރި ފިލާވަޅު: ދިޔައީ ދަރިން ނުލިބޭތީ ބޭސްކުރަން، އެންމެ ފަހުން ވީ ސިހުރުގެ ޝިކާރައަކަށް

ދަރިން ނުލިބޭތީ އަލީ އާދަމް(އަސްލު ނަމެއް ނޫން)ގެ ދެމަފިރިން ޑޮކްޓަރީ ބޭސްކުރާތާ ދިހަ އަހަރު ވެއްޖެ އެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުންނެވެ. ކާމިޔާބެއް ނުލިބުނެވެ.
ބޭސްފަރުވާއަށް ލަންކާއަށް ފުރަންވެގެން ހޯލުގައި ތިއްބާ ދިމާވި ދިވެއްސަކާ ބައްދަލުވެ ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. އެވާހަކައިގެ ތެރެއިން ލަންކާގައި ހުންނަ މާމޮޅު ކިޔަވާ މީހެއްގެ ވާހަކަ ބުންޏެވެ. އޭނައަކީ ދަރިން ނުލިބޭ މީހުންނަށް ވެސް ފަރުވާދީގެން ކާމިޔާބު ހޯދާފައިވާ މީހެއް ކަމަށް ބުންޏެވެ.

ލަންކާއަށް ގޮސް ދެމަފިރިން ނިންމީ އެމީހާ ގާތަށް ދާށެވެ. އެއާ ޕޯޓުން ދިމާވި މީހާ ދިން ފޯނު ނަމްބަރަށް ގުޅުމުން ބައްދަލުކިރަން ދާންވީ ތަނާއި ގަޑި ބުނެދިނެވެ. އަދި އަގު ނަގާނީ ނަގުދު ރުފިޔާއިން ކަމަށް ވެސް ބުންޏެވެ.

އޭނާއާ ބައްދަލުވެއްޖެއެވެ. އަނބިމީހާ ގޮނޑިއެއްގައި ބައިންދާފައި ވަށައިގެން ހިނގަން ފެށިއެވެ. އިރުއިރުކޮޅާ އަނބިމީހާގެ ބޮލުގަ އަތްލައެވެ. ދެން ދިނީ ފެންފައްޓެއް ބޯލާށެވެ. އަދި އަކަ ކުރަހާ ހިސާބު އަކުރުތަކެއް ލިޔެ، ދިގު ހިސާބެއް ހެދުމަށް ފަހު ވާހަކަ ދައްކަން ފެށިއެވެ.

އޭނާ ބުނި ގޮތުގައި އަނބިމީހާއަށް ހުރީ ސިހުރު ޖެހިފައެވެ. ސިހުރު ހަދާފައިވަނީ ގާތް މީހެކޭ ވެސް ބުންޏެވެ. އެކަމުން ސަލާމަތް ވާނީ ހަފުތާއެއްހާ ދުވަހު މަސައްކަތް ކޮށްގެން ކަމަށް ވެސް ބުންޏެވެ. އަދި ކޮންމެ ދުވަހަކު އެގެއަށް އަންނަން ޖެހޭނެއޭވެސް ބުންޏެވެ.

ދެން އޮތީ އެކަމަށް ބޭނުންވާ ސާމާނާއި ފީއެވެ. ފުރަތަމަ ދުވަހު އޭނާ 25،000 ލަންކާ ރުޕީސް ނެގިއެވެ. އަދި ސާމާނު ގަންނަން ވެގެން އިތުރު 10،000 ބާތު ވެސް ނެގިއެވެ. އަދި ޅަ ބަކައްޓެއް އަންހެން މީހާ ލައްވާ ކަތިލައި ހިތްހަލާސްކުރާށޭ ބުނުމަށްފަހު ބަކަރި ކަތިލަން ދާންވީ އެޑްރެހާއި ގުޅޭނެ ފޯނު ނަމްބަރުވެސް ދިނެވެ. އެކަން ވެސް އެ ދެމަފިރިން ނިންމިއެވެ.

މިއަދަކީ އޭނާ އެދޭ ފަރުވާގެ އެންމެ ފަހު ދުވަހެވެ. މިއަދު އަންހެނުން ގޮނޑީފައި ބައިންދާފައި ގޮނޑި ވަށައިގެން ލުނބޯ އަދި ފުފޫ އަތުރާފައި ބިންމަތީގައި ހުއްޓެވެ. މިފަހަރު އެކިޔާ އެއްޗެއް ކިޔަމުން އެއެއްޗެހި ވަކިއަކުން ދެބުރި ކުރަނީ އެވެ. އެކަން ނިމުމުން ދެން ދިނީ ދެކޮޅު ބައްދާ ވާޖަހާފައި އޮތް ތަވީދެކެވެ. އަންހެން މީހާގެ އުނގަނޑުގައި އެ ތަވީދު އެއްސިއެވެ. އަދި ފަހުގެ ޕޭމަންޓުގެ ގޮތުގައި 30،000 ރުޕީސް ނެގުމަށް ފަހު ފުރައިގެން މާލެ ދިޔަސް އެންމެ ރަނގަޅޭ ބުންޏެވެ. އަދި ވާނުވާ އަންގާލަން ދޭތެރެއަކުން ގުޅާލާށޭ ވެސް ބުންޏެވެ.

މާލެ ދިޔަތާ ދެވަނައަށް ވީ ދުވަހެވެ. އަންހެން މީހާގެ ހަށިގަނޑުން އާދަޔާ ޚިލާފަށް ދިލަނަގަން ފެށިއެވެ. ގައިން ވަރުދޫވާހެން ވެސް ހީވާން ފެށިއެވެ. ވައިގެ އުނދަގޫވެސް އިންތިހާއަށް ދިޔައެވެ.

އެންމެ ފަހުން ހޮސްޕިޓަލުގައި އެޑްމިޓްކުރިއެވެ. ފަރުވާއަކުން ކުރިއެރުމެއް ނުލިބުނެވެ. އެންމެ ފަހުން އާއިލީ ރައްޓެއްސެއް މެދުވެރިކޮށް ރާއްޖޭގެ ނަން މަޝްހޫރު މީހަކު ލައްވާ ރުގުޔާ ކުރަން ފެށިއެވެ. އޭނާ ބުނީ އަންހެން މީހާގެ އުނަގަނޑުގައި އޮތް ތަވީދަކީ ސިހުރުގެ ބޮޑު ނުރައްކަލެއް ކަމަށާއި އެކަމުގެ ވޭން އަންހެން މީހާއަށް ޒަމާންތަކަކަށް ކުރާނެ ކަމަށެވެ.

އެވާހަކަ އަޑު އިވުމުން އައި ރުޅީގައި ލަންކާ މީހާއަށް ގުޅިއެވެ. ދެ ނަމްބަރަކީވެސް ގެންގުޅޭ ނަންބަރެއް ނޫން ކަމުގެ މެސެޖް އައެވެ. ދެން ދިވެހި މީހާއަށް ގުޅަން މަސައްކަތް ކުރުމުން އެ ނަމްބަރުވެސް ފުރިހަމަ ނޫންކަމުގެ މެސެޖު ލިބުނެވެ. އެހިސާބުން ކަމުގެ ހަގީގަތް އެނގިއްޖެއެވެ. ބޭކާރު އެތައް ލާރިއެއް ހިނގައްޖެއެވެ. އަމިއްލަ ނަފްސަށް އޮތް އިތުބާރަށް އަސަރުކޮށްފިއެވެ. އަނބިމީހާއަށް އިންތިހާ ވޭނުގައި އުޅެން ޖެހިއްޖެއެވެ. ބަލަންވާ ވަރަށް ނުބަލާ ކުރި ކަމަކުންނެވެ. މި ކަޅު ފިލާވަޅު މުޅި އުމުރުގައިވެސް ހަނދާން ހުންނާނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *