logo minivan

English

އާދިއްތަ, 26 މެއި 2024

އިޖުތިމާޢީ ޑައިރީ:  ފިރިމީހާގެ ބައްޕަގެ ޖިންސީ ޝިކާރައަކަށްވި ޒުވާނާ

ކައިވެނީގެ ފުރަތަމަ ރެއެވެ. އަހަރެން ނިދަން އޮށޯތީ ވަރަށް އުފަލުންނެވެ. ފިރިމީހާ ފާހާނާކޮށްލައިގެން އައިސް އަހަރެންނާ ސަމާސާ ކުރަން ފެށިއެވެ. އޭނާ ހުރީ އެ ސަމާސާ ހުއްޓާލާ މޫޑެއްގައެއް ނޫނެވެ. އެކަމުގައި ހޭދަވީ ކިހާ އިރެއްކަމެއް ވެސް ދެމީހުންކުރެ އެކަކަށް ވެސް ނޭނގެއެވެ. އެންމެ ފަހުން ދެމީހުން ދާހިއްލާ ވަރުބަލިވެއްޖެއެވެ. އެހިސާބުން އަތުގުޅާލައިގެން، މުސްތަގުބަލަށް ވައުދުތައް ވަމުން، އެކި ވާހަކަތައް ދެއްކުމުގައި ތިއްބާ ނިދިއްޖެއެވެ.

ހެނދު ހޭލައިގެން އަހަރެން ދިޔައީ ބަދިގެއަށެވެ. މައިދައިތަ އޭރު ރޮށިފިހަން އުޅެއެވެ. އަހަރެން ބަދިގެއަށް ވަނުމުން ހިނިތުންވެލިއެވެ. މައިދައިތަގެ މަސައްކްތަކުގައި އަތްގާތްކޮށްލަ ދޭން އުޅުމަށް ފަހު، ފިރިމީހާ އަށް ސައި ހަދައި، އޭނާ ހޭލައްވާލީމެވެ. އޭނާ ބޭނުންވީ ދެމީހުން އެކުގައި ފެންވަރާށެވެ. އަހަރެން ލަދުގަތެވެ. އެކަމަކު ފިރިމީހާގެ ބަހަށް ނޫނެކޭ ބުނަން ބޭނުމެއް ނުވިއެވެ.

ދުވަސްތައް ދަނީ ވަރަށް އުފަލުގައެވެ. މައިދައިތަވެސް އެހާމެ ރަނގަޅެވެ. ބަފާކަލޭ ހުރީ ބޯޓު ދަތުރުކުރަން ގޮހެވެ. އަހަރެންގެ ކައިވެންޏަށް ހަ މަސް ވެގެން ދިޔައިރު ބަފާކަލޭގެ އާ ވާހަކަ ދެއްކުނީ ދެ ފަހަރު އެވެ.

ސުކޫލު ޓީޗަރެއްގެ ވަޒީފާގައި އުޅޭ ފިރިމީހާއަށް އެއް އަހަރުގެ ކޯހެއް ލިބިއްޖެއެވެ. ދާން ޖެހެނީ މާލެ އެވެ. އަންނަ މަހު އެވެ. އޭނާ މާލެ ފުރަން ބާކީ އޮތީ ހަފުތާއެކެވެ. އަހަރެންގެ ހިތަށް މޮޅިވެރިކަން ވެރިވިއެވެ. ނުތަނަވަސްވާން ފެށިއެވެ. ދެމީހުން އެހާ ގުޅިގެން، އުފަލުން އުޅުނު ދުވަސްތަކަށް މެދުކެނޑުމެއް އަންނަން އުޅޭތީ ދެރަވިއެވެ. އެހެނަސް ފިރިމީހާއަށް ލިބޭ ކުރިއެރުމުގެ އުފާވެރިކަންވެސް ހިތު ތެރޭގައި ދައުރުވެއެވެ.

އޭނާ މާލެ ފުރައިފިއެވެ. އޭރު ފިރިމީހާގެ ސައިން އޮފް ވެގެންހުރީ މާލޭގައެވެ. ފިރިމީހާ މާލެދާ ބޯޓުން ބައްޕަ ރަށަށް އަންނާނެއެވެ. ފިރިމީހާ އަންނާތީ މައިދަތި ހުރީ އުފަލުންނެވެ. އަހަރެންވެސް ހުރީ މަރުހަބާކިޔަން ތައްޔާރުވެގެންނެވެ.

ބައްޕަ ރަށަށް އަތުވެއްޖެއެވެ. ފުރަތަމަ ހަފުތާގެ ގިނަ ވަގުތު ދެމަފިރިން ކޮޓަރީގައި އަރާމު ކުރުމުގައި ވަގުތުތައް ހޭދަކުރިއެވެ. މައިދައިތަގެ މޫނުމަތިން ވަރުބަލިކަން ފެނެއެވެ. ބަފާކަލޭގެ މޫނުމަތިން ފެންނަނީ އުޖާލާކަމެވެ. އާރޯކަމެވެ.

ބަފާކަލޭ އަހަރެން ދެކެ ވަރަށް ލޯބިވެއެވެ. ހެޔޮކޮށް ކަންތައްތައް ކޮށްދެއެވެ. އެކަމާ އަހަރެން ހުރީ ހިތްހަމަޖެހިގެންނެވެ. މީހަކަށް ލިބޭނެ އެންމެ ޕާފެކްޓު ފިރިމީހާ އަހަރެންނަށް ވަނީ ލިބިފައެވެ. އޭނާގެ އާއިލާގެ ފަރާތުން ވެސް ފެންނަނީ ލޯތްބާއި އަޅާލުމާއި ކުލުނެވެ. އެކަމާ އަބަދުވެސް އަހަރެން ޝުކުރުވެރިވެއެވެ.

ފިރިމީހާ މާލެ ދިޔަތާ ތިން މަސް ފަހެވެ. މައިދައިތަ ކުއްލިއަކަށް މާބޮޑަށް ބަލިވެގެން މާލެ ފޮނުވަން ޖެހިއްޖެއެވެ. އެއްބަނޑުއެއްބަފާ އަންހެން ކޮއްކޮއާ އެކީ މައިދައިތަ މާލެ ހިނގައްޖެއެވެ. ގޭގައި މިހާރު ތިބީ އަހަރެންނާ ފިރިމީހާގެ ބައްޕައާ ދެމީހުންނެވެ. މައިދައިތަ ނެތުމުން ގޭތެރޭގެ ހުރިހާ ކަމެއް ވެސް އަހަރެން ބަލަހައްޓަމުން ގެންދިޔައިމެވެ.
ހަފުތާއެއް ފަހެވެ. އަހަރެން ކޮޓަރީގައި ނިދިފައި އޮއްވައި، މީހަކު ކޮޓަރި ދޮރުގައި ޓަކި ޖަހާ އަޑަށް ހޭލެވިއްޖެއެވެ. ނިދާ ހެދުން ރީތިކޮށްލައިގެން ދޮރު ހުޅުވާލީމެވެ. ކުރިމަތީގައި އެހުރީ ފިރިމީހާގެ ބައްޕައެވެ. ބޮލުގައި ރިއްސާތީ ނުނިދިގެން އުޅޭ ވާހަކަ ބުނުމުން ޕެނަޑޯލު ދެ ގުޅަ ދިނީމެވެ. ބޭސް ކައި ނިމުމުން، ދެން އެދުނީ ބޯ މޮޑެލަދިނުމަށެވެ. ބޯ މަސާޖު ކޮށްލުމޭ ކިޔަމާ ހިނގާށެވެ.

ބައްޕަ އައިސް އަހަރެންގެ އެނދުގައި އޮށޯތެވެ. އަހަރެންނަށް އެކަން އެހާ ކަމަކު ނުދިޔައެވެ. އެކަމަކު ބޯ މަސާޖުކޮށްލަ ދިނުމުން ނިދަން ހިނގައްޖެއެވެ. ދެވަނަ ރޭ ވެސް ހަމަ އެގޮތަށް ބައްޕަ އަތުވެއްޖެއެވެ. މިފަހަރު އުޅެނީ ކަނާތު ކޮނޑާއެކު މޭގައި ރިއްސާތީއެވެ. ތިން ވަނަ ރޭ އެ ތަދު އެރީ ކަކުލަށެވެ. އެރޭ ކަކުލުގައި ތެޔޮ އުނގުޅައިދޭން އެދުމުން އެކަމާ އަހަރެން އިންކާރު ކުރީމެވެ. ހެނދުނު ވުމުން ޑޮކްޓަރަށް ދާނިއްޔޭ ބުނެފަ، އަހަރެން ދޮރު ލެއްޕީމެވެ.

އަހަރެންނަށް ހަމަ ނިދުނުތަނާ އަނެއްކާވެސް ބައްޕަ ދޮރުގައި ތަކިޖަހާތީ ހުޅުވީމެވެ. މިފަހަރު ބޭނުންވީ ކުޑަކޮށް ވާހަކަ ދައްކާލަން މަޑުކޮށްލާށެވެ. ކޮޓަރިއަށް ވަދެ އެނދުގައި އިށީނދެ، ކައިރީގައި އިށީނުމަށް އެދުނެވެ. ނިދި މޫޑުގައި ހުރެ އަހަރެން އިށީނީމެވެ. ކުއްލިއަކަށް ބައްޕަ އަހަރެންގެ އަތުގައި ހިފިއެވެ. މަޑުމަޑުން އަތުގައި ފިރުމަން ފެށިއެވެ. އަހަރެން ހިތް އަވަސްވިއެވެ. ބިރުގަތެވެ. ބައްޕަގެ އަތް އަހަރެންގެ ބުރަކަށީގައި ޖެހުމުން އަހަރެންގެ މުޅި ހަށިގަނޑު ގަނޑުވި ކަހަލައެވެ. އަހަރެންނަށް ރޮވިއްޖެއެވެ. ބާރަށެވެ. ބައްޕަ އެދުނީ ދެރަނުވުމަށެވެ. ހުއްޓާލާފައި، އޭނާގެ ހިތް އުފާކޮށްދިނުމަށް އެދުނެވެ. އެއްވެސް ލަދެއް، ރަހުމެއް، ކުލުނެއް މިހާރަކު ނެތެވެ. އަހަރެން ދުރަށް ދާން މަސައްކަތް ކުރަން ފެށުމުން، ދެ އަތުން ބާރަށް އަހަރެންގެ ހަށިގަނޑުގައި ހިފަހައްޓާ އެނދު މައްޗަށް ވައްޓާލިއެވެ. ދެން އައީ އިންޒާރެވެ؛ "ފުރާނަ ސަލާމަތްކުރަން ބޭނުމިއްޔާ މަޑުން ބަސްއަހައިގެން އޮވޭ!"
ރުއިމުގެ އަޑު މަޑު ނުވުމުން، އަހަރެންގެ ބުރުގަލުން އަނގަމަތި ބަނދެލިއެވެ. ދެން ކުރިމަތިވީ ދުވަހުކުވެސް އަހަރެން ހުވަފެނަކުން ވެސް ދެކެފައި ނުވާ ފަދަ އަނިޔާވެރި، ހިތްދަތި، ބިރުވެރި ވަގުތުތަކެކެވެ. އިރުއަރަންދެނެވެ.

އަހަރެން އެނދުގައި އަދިވެސް އޮތީ ރޯންށެވެ. މޮބައިލް ފޯނުގެ ޒަމާނަކަށް ނުވާތީ، ފޯނު ބޫތު ކައިރިއަށް ގޮސް ފިރިމީހާއަށް ގުޅީމެވެ. ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. އޭނާއަށް ހިމޭންކަން ލިބުނެވެ. ދެން އެދުނީ އޭނާއަށްޓަކައި އެކަން ސިއްރުކޮށްދިނުމަށެވެ. އަދި ބައްޕަ އެކަނިވިޔަ ނުދިނުމަށް އެދުނެވެ. އަހަރެންނަށް އެވާހަކަތައް ގަބޫލެއް ނުކުރެވުނެވެ.
ބޫތުން ނުކުމެގެން އަހަރެން ދިޔައީ ބޮޑުދައިތަ ގެއަށެވެ. މަންމަ ނިޔާވެފައި ވުމުން، ދެން ހުރީ ބޮޑުދައިތައެވެ. އުފަން ދުވަހުގެ ސެޓްފިކެޓުގައި ބައްޕަގެ ބައިގަ ހުރީ ރޮނގު ދަމާފައެވެ.
އަހަރެން ފެނުމާއެކު ބޮޑުދައިތަގެ ސުވާލުތައް ބަނޑުންވިއެވެ. އަހަރެންނަށް އެއްވެސް އެއްޗެކޭ ނުބުނެވުނެވެ. ރޮވުނީއެވެ. ބޮޑުދައިތަ އަހަރެން ގައިގަ ބައްދާލިއެވެ. އަދި ގޭތެރެއަށް ގެންގޮސް ލުނބޯ ހުތު ފަނިތައްޓެއް ދިނެވެ. އަހަރެން ބޮޑުދައިތަގެ ކިބައިން އެދުނީ އެގޭގަ ބަހައްޓައި ދިނުމަށެވެ. އޭގެ ފަހުން ފިރިމީހާގެ ގެއަކަށް އަހަރެން ނުދަމެވެ. ބަފާބެ އަހަރެން ހޯދަން އެތައް ފަހަރަކު އައެވެ. މޫނު ދެކެންވެސް ނުނިކުންނަމަވެ. ފިރިމީހާގެ ކޯލު އަންނާތީ ދޭތެރެ ދޭތެރެއިން ކޮންމެވެސް މީހަކު ގެއަށް އައިސް، ބޫތު ކައިރިއަށް ދާންވީ ގަޑިބުނެއެވެ. ނުދަމެވެ. ހިތްވަރު ނެތީއެވެ.

އަހަރެންނަށް ރަނގަޅަކަށް ނުކެވެއެވެ. ރޭގަނޑު ހަމަ ނިދި ނުލިބެއެވެ. ހިތުގެ ބިރުވެރިކަން ފިލާނުދެއެވެ. އަހަރެންގެ އެހާލަތާމެދު ބޮޑު ދައިތަ ތަކުރާރުކޮށް ސުވާލު ކުރެއެވެ. އެކަމަކު އެވާހަކަތައް ދައްކާނެ ހިތްވަރެއް ނެތެވެ.

ދުވަސްކޮޅެއް ފަހެވެ. އަހަރެން ހުން އައިސްގެން ހެލްތު ސެންޓަރުގައި އެޑްމިޓްކުރިއެވެ. ޓެސްޓްތައް ހެދިއެވެ. ހެލްތު ވޯކަރު އައިސް އަހަރެން ގާތު ބުންޏެވެ؛ "ވަރަށް ބޮޑަށް މަރުހަބާ. ޓެސްޓްތަކުން އެބަ ދައްކާ ބަލިވެ އިންކަމަށް. އަވަހަށް ފިރިމީހާއަށް އުފާވެރި ޚަބަރުދީ!"

ބޮޑުދައިތަ އެ ޚަބަރު ފިރިމީހާއަށް ދިނެވެ. އަހަރެންގެ ފިރިމީހާ ބޮޑުދައިތައަށް ކުރީ މަލާމާތެވެ. އޭނާ މާލެ ދިއުމުން، އެހެން ފިރިހެނުންގެ ކިބައިން އުފާ ހޯދާ އަންހެނަކަށް ލިބޭ ދަރިއަކާ ހަވާލުނުވާނެ ކަމަށް ބުންޏެވެ. ބޮޑުދައިތަގެ މޮޅިވެރި ބަސްތައް އަހަރެން އަޑުއިވުމުން، އަހަރެން ބޭނުންވީ އަމިއްލައަށް މަރުވާށެވެ. ކޮންފަދަ ދުނިޔެއެއް ހެއްޔެވެ؟ ބޮޑުދައިތަ އާއި ހެލްތު ވޯކަރުގެ ނަސޭހަތާއި ހިތްވަރުން އަހަރެން އަލުން ހިންދަމާލީމެވެ. ދިރިއުޅެން އަޒުމް ކަނޑައެޅީމެވެ.

އަހަރެން އެންމެ ކަންބޮޑުވަނީ ދަރިފުޅުގެ ބައްޕަ ކަށަވަރުކޮށް ބުނަން ނޭނގޭތީއެވެ. ދަރިފުޅުގެ ބައްޕައަކީ ކާކު ހެއްޔެވެ؟ އަހަންނަކަށް ނޭނގެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *