logo minivan

English

ހުކުރު, 17 މެއި 2024

ސޯޝަލް މީޑިއާގައި އާންމުންގެ ޝުއޫރު: މޫކޭ ބުނަނީ އެމްޑީޕީން ފަސް ނުޖެހި ދާންވީ ކުރިއަށް ކަމަށް

ތިރީގައި ބަޔާން މިކުރަނީ އެމްޑީޕީގެ އިސް އެއް އެކްޓިވިސްޓް މޫސާ އަލިމަނިކު (މޫކޭ) އޭނާގެ ފޭސްބުކް ޕޭޖުގައި ޝާއިއުކޮށްފައިވާ ލިއުމެކެވެ.
އެމް.ޑީ.ޕީ ގެ ކުރިމަގާއި އަދި ލީޑަޝިޕާއިމެދު ޝައްކުގެ ނަޒަރުން ދެކޭ ފަރާތްތަކަށް ތާރީޚުގެ ސަފްހާއެއް ބަލާލުމުގެ ދަޢުވަތު އަރުވަމެވެ.
‏2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން އެމް.ޑީ.ޕީ ބަލިވުމާއެކު ޕަޓީގެ އެތަކެއް ވަރުގަދަ މޫތައް ޕާޓީއަށް ގެއްލި އާންމު މެމްބަރުން މާޔޫސްކޮށްލި އެވެ. ލީޑަޝިޕް ބަދަލުކުރުމިގެ އަޑިތައް ގަދަވިއެވެ. އެ މާޔޫސްކަމާއެކު 2014 ގެ މަޖިލިސް އިންތިޚާބުގައި 20 ވަރަކަށް ގޮނޑި ލިބުމާއެކު ލީޑަޝިޕް ބަދަލުކުރުމުގެ އަޑުތައް އިތުރުވެގެން ދިޔައެވެ. ޕާޓީއަށް ވަފާތެރިކަމަށް ދެކެމުން އައި އެތައް މެމްބަރުންނެއް ޕާޓީ ދޫކޮށްގޮސް ޕާޓީއަށް މައްލަވަކުރިތަން ފެނުނެވެ. ‏މާޔޫސްވުމެއްނެތި ލީޑަޝިޕުން ކުރި މަސައްކަތާއެކު 2018 ވަނަ އަހަރު އެމް.ޑީ.ޕީ އަލުން ވެރިކަން ހޯދިއެވެ.
ޕީ.ޕީ.އެމް ގެ އެތައް މޫތަކެއް އެޕާޓީ ދޫކޮށް ނުކުތެވެ. އަދި ލީޑަޝިޕު ބަދަލު ކުރުމުގެ އަޑުތައް ގަދަވެލިއެވެ. 2019 ވަނަ އަހަރު މަޖިލިސް އިންތިޚާބުން މަދު ގޮނޑިކޮޅެއް ލިބުމުން އިތުރަށް އެއަޑު ގަދަވެ ޕީ.ޕީ.އެމް ދެން ނޯންނާނެއޭ ބުނެ ވަހަކަ ދެއްކި ޕީ.ޕީ.އެމް މެމްބަރުން މަދެއް ނޫނެވެ. މަދު އާންމު މެމްބަރުން ކޮޅަކާއެކު އެލީޑަޝިޕު ނުކުމެ ވެރިކަން ފުރޮޅާލައި މީހުންނަށް ވެއްޖެއެވެ. ‏
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން އެމް.ޑީ.ޕީ ބަލިވުމާއެކު އާކަމެއް ދިމައެއް ނުވެއެވެ. މަޖިލިސް އިންތިޚާބުން ބޮޑުކޮށް ބަލިވެއްޖެއެވެ. އެކަމަކު މިއީ އެމް.ޑީ.ޕީގެ ތާރީޚުގައި އިދިކޮޅުގައި އޮވެ އެންމެ ބޮޑު ހޭދައަކާ އެހީތެރިކަމެއް ޕާޓީއިން ފޯރުކޮށްދިން އިންތިޚާބޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. ލީޑަޝިޕު އެކީ ނުކުމެ ކެމްޕެއިންގައި ބައިވެރިވިއެވެ. ‏ތަކުރާރުވަމުން މިދަނީ ތާރީޚެވެ. މިއީ ދިވެހިން މިކަން ކުރާން އާދަހިފި ގޮތެވެ. އެކަކުވެސް ފެޔަށް ޖެހޭނެ ކަމެއްނެތެވެ. ހިތްވަރާއެކު ކުރިއަށް ދާންވީއެވެ. ވާދަ އަކީ މޮޅާ ބަލި އޮންނަ ކަމެކެވެ. ވާދަކޮށްގެން މޮޅުވަމުން ބަދަލު ކުރަމުން ދިޔައީމަ ހުންނާނީ އެންމެ ރަނގަޅަށެވެ. ބޯވަ އަކީ ކުލަބަދަލުވާ ސިޔާސީންނެވެ. އެމީހުންނަށް އެއިރަކު އޮންނަ ކުލައެއް އެންމެ ހެޔޮވަރެވެ. މާތްﷲ ގެ ވާގިފުޅާއެކު އެމް.ޑީ.ޕީ އެނބުރި އަންނާނެ ކަމާއިމެދު ޝައްކުނުކުރާށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *