logo minivan

English

އަންގާރަ, 21 މެއި 2024

ފޯކައިދޫ އަނެއްކާވެސް ފެނު އަޑީގައި

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރާގައި ށ.އަތޮޅު ފޯކައިދޫއަށް ބޯކޮށް ވާރޭވެހި އެރަށުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެއްޖެއެވެ.

މިިނިވަންއަށް މައުލޫމާތު ހިއްސާކުރަމުން ފޯކައިދޫއިން ވާހަކަދެއްކި މީހަކު ބުނީ، މިއަދު މެންދުރުފަހުން އެރަށަށް ވެހެންފެށި ވާރޭގައި ރަށުގެ ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެފައިވާކަމަށެވެ.

ފެންބޮޑުވުމުގެ ސަބަބުން ރަށުގެ ބައެއް ސަރަހައްދުތަކުގައި ތިން ފޫޓަށް ފެންގަނޑު ބޮޑުވެފައިވާކަމަށް އޭނާ ބުންޏެވެ. ފެންބޮޑުވުމުގެ ސަބަބުން ރަށުގެ ވަރަށް ގިނަ ގޭތަކުގެ އެތެރެއަށް ފެންގަނޑުވަދެ ހިފާ ގެންގުޅޭ ތަކެއްޗަށާއި ގޭގޭގައި ބޭނުންކުރާ ކަރަންޓް އާލާތްތަކަށް ގެއްލުންވެފައިވާކަމަށްވެސް އޭނާ ބުންޏެވެ.

ފޯކައިދޫގައި ފެންބޮޑުވެ، ބައެއް ގެތަކަށް ފެންވަދެފައިވާއިރު، ފެންބޮޑުވެފައިވާ ސަރަހައްދުތަކުން ފެންހިއްކުމުގެ މަސައްކަތް ސަރުކާރުގެ މުއައްސަސާތަކާ އާއްމު ރައްޔިތުން ގުޅިގެން ވަނީ ކޮށްފައެވެ.

މިފަހުން ކުރަން ފެށި ވިއްސާރާގައި މީގެ ކުރިންވެސް ފޯކައިދޫގައި ވަނީ ފެންބޮޑުވެ ގެއްލުންތައް ވެފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ހއ އަތޮޅުން ފެށިގެން ހައްދުންމައްޗާ ހިސާބަށް ހުދު ސަމާލު ނެރެފައެވެ. މެޓް އޮފީހުން ބުނީ މިރޭގެ 22:30 ގެ ނިޔަލަށް ހުދު ސަމާލް ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނޭކަމަށް ލަފާކުރެވޭ ކަމަށެވެ.

މިހާރު ރާއްޖެއަށް ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ބުރުނު ނަކަތުގެ ވިއްސާރައެވެ. މި ނަކަތް ފެށޭނީ ގަދަވަޔާއި ވިއްސާރައިންނެވެ. ވައިގަދަވުމުގެ ސަބަބުން ކަނޑުތައް ވެސް ވަރަށް ގަދަވާނެއެވެ. ނަމަވެސް ފަހަށް ދާވަރަކަށް ވައިމަޑުވެ އަވިގަދަވެ މޫސުން ރަނގަޅުވާނެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *