ބިދޭސީންގެ މައްސަލަ ޙައްލުުކުރަން ފުލުހުން އޮޕަރޭޝަނެއް ފެއްޓެވީއެވެ. ދިވެހި މަސައްކަތްތަކަށާއި، ވިޔަފާރިކުރާ، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށްވެސް އުފާވެރި ޚަބަރެކެވެ.
ސުވާލަކީ ޤާނޫނަށް އެއްވެސް ބަދަލެއް ނައިސް މިހާރު މިކަން ކުރެވޭބާ ވައެވެ؟ ވޭތުވި ދިހަ އަހަރު ސަރުކާރުގެ ވެރިންގެ ގާތުގަ އާއި، ފުލުހުންގެ އިސް އޮފިސަރުން ގާތު ބިދޭސީން ފިލާތީ ޝަކުވާ ކުރުމުގެ އިތުރުން ފިލައިގެން އުޅޭ މީހުން ހޯދައިގެން ފުލުހުންނާ ހަމައަށް ގެންދިއަ ރެކޯޑުތައް ހުންނާނެއެވެ.
ފުލުހުން ވިދާޅުވަނީ ފިލައިގެން އުޅޭ ބިދޭސީން ހިފެހެއްޓެން ނޯންނަ ކަމަށާއި ކޯޓަށް ގެންދިއުމުން އެމީހުން ޤަވާއިދާޚިލާފަށް އުޅެން ދޫކޮށްލާ ކަމަށެވެ. ނަމަވެސް ޤާނޫނުގާ ބުނަނީ ރާއްޖޭގާ ބިދޭސީއަކަށް އުޅެވޭނީ ސައްޙަ ވިސާއެއް އޮވެގެންކަމާއި އަދި ވިސާއެއް ދޫކުރީ ވަކި ކަމަކަށް ވަކިތާކު މަސައްކަތް ކުރާން ނުވަތަ ޗުއްޓީ ހޭދަުކުރާން ކަމަށް ވާނަމަ ރާއްޖޭގައި އުޅެވޭނީ އެއާ އެއްގޮތަށް ކަމަށެވެ. ގާނޫނުގާ ބުނާ ކުށްކުރާ ފަރާތްތައް ހޯދާ ފިޔަވަޅު އެޅުމުގެ ބާރު ދީފާ ހުރި ފުލުހުން ފިޔަވާ ދަވްލަތުގެ އެތައް އިދާރާތަކެއް ހުރެއެވެ.
އިމިގްރޭޝަންގެ ޤާނޫނުން ވިސާ ދިނުމާއި ކެންސަލް ކުރުމާ ޤަވާއިދާ ޚިލާފު ވުމުން ޑީޕޯޓު ކުރުމުގެ ބާރު ފުރިހަމައަށް އިމިގްރޭޝަނަށް އޮވެއެވެ. މިއަދުގެ ސަރުކާރަށް އެޤާނޫނުތައް ތަންފީޒުކުރުމުގެ އިޖުރާއަތްތައް ފެނިގެން މިހާރުގެ އޮޕަރޭޝަން ފެއްޓެވިނަމަ ވަރަށް މަރްޙަބާއެވެ. ނަމަވެސް ހީނާމާގެ ކަންމައްޗާއި ޒިކުރާމިސްކިތް ދޮށާއި ހޮޓެލް ޖެންގެ ކައިރީގަ އެތިބޭ ބިދޭސީން، "ލޯންގްޓާމް" އަދި "ޝޯޓްޓާމަ"ށް އަގު ކިޔައިގެން ދުވާލާއި ރޭގަނޑު ބޭނުން ކުރުމުގެ ޖާގަ އޮންނަ ނަމަ ފިންގަޕްރިންޓް ނަންގަވާފަ ޤަވާއިދާ ޚިލާފްވާން ދޫނުރައްވާނެ ކަމަށް ހީކުރަމެވެ.
ލ. އަތޮޅު ގަމުގައި ހުންނަ ތަރުކާރީ މާރުކޭޓާއި ހައްދުއްމަތީ މީހުން ދަނޑު ހައްދަން ޤަވާއިދުން ގެނެއްސަ ތިބި ބިދޭސީން ފިޔަވާ ފިލައިގެން ގޮސް އެފަދަ ރަށްރަށުގައި ދިވެއްސަކަށް ލޯލާރިއެއްވެސް ނުލިބޭ ގޮތަށް އަމިއްލަ ވިޔާފާރި ހިންގާ ބިދޭސީން ވެސް ހަމަޔަކަށް އެޅުވޭނެތާއެވެ؟ މާލޭގެ މަގުމަތީގާ ދުއްވާ އުޅަނދުތަކުގައި ތިބޭ ބިދޭސީ ޑްރައިވަރުންގެ އަތުގައި ސައްޙަ ލިއެކިއުމެއް ނެތި ދުއްވާ ހިތުހުރިތާކު ޕާކުކޮށްފާ ދާ ވާހަކަ މިހާރުގެ ދަތުރު ފަތުރާ ބެހޭ ވަޒީރު ކަންފަތާއި މޭޔަރުގެ ކަންފަތަށް ވެސް ހުންނާނީ އަރާފައެވެ