logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ފައިސާ ޗާޕުކުރުން ހުއްޓާލުން: ޑރ. މުއިއްޒު އެޅުއްވި ހިތްވަރުގަދަ ފިޔަވަޅެއް

ހަގީގަތް ޤަބޫލުކުރަމާ ހެއްޔެވެ؟ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. ޑޮލަރުގެ އަގު އުފުލި، ދިވެހި ފައިސާގެ އަގު ވެއްޓިފައެވެ. ދިވެހި ފައިސާގެ އަގު ވެއްޓެން ދިމާވި މައިގަނޑު ސަބަބަކީ މިދިޔަ ސަރުކާރުގައި ފައިސާ ޗާޕުކުރުމުންކަމަށް އިޤްތިޞާދީ މާހިރުން ވިދާޅުވެއެވެ. މިދިޔަ ތިން އަހަރުގެ ތެރޭގައި 8 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޗާޕުކުރިކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

"ޕްރޮޖެކްޓައް ނުހުއްޓި ކުރިއަށް ގެންދިއުމަށާއި ރިކަރަންޓް ޚަރަދުތައް މެނޭޖްކުރުމަށް ފައިސާ ޗާޕްކުރުމުން ރާއްޖޭގެ އިގްތިސާދު އޮތީ ނުރައްކަލުގެ ތެރޭގައި ފައިސާގެ އަގުވެއްޓި ޑޮލަރުގެ އަގު އުފުލުމުން އިމްޕޯޓްކުރާ މުދަލުގެ އަގުތައް ވެސް އުފުލިގެން ދިޔަ. އިމްޕޯޓަށް ބޭނުންވާ ވަރަށް ޑޮލަރު ލިބުން ދަތިވެގެން ދިޔަ. މިއީ ދުރުވިސްނޭ ބަޔަކު އިގްތިސާދަށް ދޭނެ އަނިޔާއެއް ނޫން،" އެކައުންޓިންއާއި ބިޒްނަސްގެ ދާއިރާއިން މަތީ ތަޢުލީމް ހާސިލްކުރައްވާފައިވާ މުޙައްމަދު ސިދުރަތު ވިދާޅުވިއެވެ.

އެމްޑީޕީ ވެރިކަމާ ހަވާލުވުއިރު ރާއްޖޭގެ ފާއިތިވި 40 އަހަރު ދިގު ތާރީޚުގައި ވެރިކަމުގެ ފަރާތުން ޗާޕުކޮށްފައިވަނީ ޖުމްލަ 6 ބިލިއަން ރުފިޔާއެވެ. އެހެންނަމަވެސް އެމްޑީޕީގެ ވެރިކަމުގެ އެންމެ ފަހު ތިން އަހަރަށް ބަލާއިރު ސާޅީސް އަހަރުގެ ތާރީޚުގައި ޗާފުކޮށްފައިވާ ފައިސާއަށްވުރެ ދެ ބިލިއަން ރުފިޔާ އިތުރަށް ޗާފުކޮށް އެމްޑީޕީން އެވަނީ ރެކޯޑެއް ހަދާފައެވެ. މިއީ ރާއްޖޭގެ އިގްތިސާދަށް ދިން ބިލިއަން ރުފިޔާގެ އަނިޔާއެކެވެ. ދިވެހި ފައިސާގެ އަގު ދަށްވެ، ޑޮލަރުގެ އަގު އުފުލިގެންދިއުމަކީ ދިވެހިންނަށް ދިން އަނިޔާއެކެވެ.

ރައީސް މަސައްކަތް ކުރައްވަމުން ގެންދަވަނީ އެއްވެސް ވަރަކަށް ފައިސާ ޗާޕުނުކޮށް ރާއްޖޭގެ އިގްތިސާދު ފުޅާކުރެއްވުމަށެވެ. މިގޮތުން ފައިސާ ޗާޕުކުރުން ވަގުތުން ހުއްޓާލެއްވިއެވެ.
ފައިސާ ޗާޕުކުރި ވާހަކަ އެކަނި ދައްކައިގެން ފުއްދާލެވޭކަށް ނެތެވެ. ގައުމުގެ ދަރަނިވެސް އޮތީ ރެކޯޑް މިންވަރެއްގައެވެ. ނުރައްކާތެރި ފައްތަރެއްގައެވެ. ރައީސް ޑރ.މުޢިއްޒުގެ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު ގައުމު އޮތީ119 ބިލިއަން ރުފިޔާއިން ދަރަނިވެރިވެފައެވެ.

"ރިޔާސީ އިންތިޚާބާ ދިމާކޮށް ވޯޓު ހޯދަން ވެގެން ކުންފުނިތައް ވަނީ ދަރުވާލާފައި. ދައުލަތުގައި ފައިސާ ނެތި ކުންފުނިތަކާ ހަވާލުކުރި އެކި މަޝްރޫޢުތަކާއި ކުރިން ހިންގި މަޝްރޫޢުތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދު އެކަނިވެސް 9000 މިލިއަން ރުފިޔާއަށް އަރާފައި ހުރީ. ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތައް އޮތީ ބަނގުރޫޓުވުމުގެ މަގުމަތީގަ. ސޮވެރިން ޑިވެލޮޕްމަންޓު ފަންޑުގައި ހުރީ އެންމެ 2 މިލިއަން ރުފިޔާ،" މިއީ ޑރ. މުއިއްޒު ރައީސްކަމުގެ ހުވާކުރެއްވުމާއެކު އުފުއްލަވަން ޖެހިލެއްވި ފައިނޭންޝަލް ބުރަތައް ކަމަށް އައު ފައިނޭންސް މިނިސްޓަރު ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ.

މި ހުރިހާ ގޮންޖެހުން ތަކާއެކުގައި ވެސް އިޤްތިޞާދު ރަނގަޅުކުރުމުގެ ގިނަ މަސައްކަތް ރައީސް ޑރ. މުޢިއްޒު ފެއްޓެވިއެވެ. ނަތީޖާއެއްގެ ގޮތުން ސަރުކާރަށް ތިން މަސް ދުވަހުގެ ތެރޭގައި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ވަނީ 35 މިލިއަން ޑޮލަރު ޖަމާކޮށްފައެވެ. އަދި މިއަހަރު ނިމޭއިރު އެ ފަންޑުގައި ފައިސާ ހުންނަ އަދަދު 100 މިލިއަނަށްވުރެ އިތުރުވާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވަނީ ލަފާކުރައްވާފައެވެ.
ރާއްޖެއަށް ކުރިމަތިވި އިގުތިސާދީ ހީނަރުކަމާ އެކު، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލުކުރުން ވަގުތީ ގޮތުން ހުއްޓާލުމުގެ ހުއްދަ މަޖިލީހުން އެންމެ ފުރަތަމަ ދިނީ 2020 ވަނަ އަހަރުއެވެ.

ނަމަވެސް އައު ސަރުކާރު އައިސް އެންމެ ފުރަތަމަ އެޅުއްވި އެއް ފިޔަވަޅަކީ ފައިސާ ޗާޕްކުރުން ހުއްޓާލުމެވެ. ފައިސާ ޗާޕްކުރުން ހުއްޓާލާނެކަން އެއީ މި ސަރުކާރުގެ އެންމެބޮޑު ވަޢުދު ކަމަށާއި، އެ ފިޔަވަޅު އެޅިގެން ދިޔުމަކީ ރާއްޖޭގެ އިޤްތިޞާދު ކުރިއަށް ގެންދިއުމަށްޓަކައި މިސަރުކާރުން އެޅި އެންމެ މުހިންމު ފިޔަވަޅުކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

"އިޤްތިޞާދީ މިނިވަންކަން ގެއްލުނީމާ ޙަޤީޤަތުގައި ޤައުމުގެ މިނިވަންކަން އެދިޔައީ. އެހެން އޮތީ. އެހެން ނަމަވެސް، އިރާދަކުރެއްވީތީ އަޅުގަނޑުމެން މިވަނީ ވަރަށްގިނަ މަސައްކަތް ކޮށްފައި. ވަރަށް އުނދަގޫ މަރުޙަލާތަކެއް ކުރިއަށް މި ކަޑައްތުކުރީ. ކުރުމުގެ ސަބަބުން މިހާރު މިވަނީ އަޅުގަނޑުމެންގެ ރުފިޔާގެ އަގު މައްޗަށް އަރަން ފަށާފައި. ރުފިޔާގެ އަގު މައްޗަށް އަރަން ފަށާފައި. އެއީ، އަޅުގަނޑުމެން ފައިސާ ޗާޕްކުރުން ހުއްޓާލީމަ. ފައިސާ ޗާޕްކުރުން ހުއްޓާލުމަކީ މި ޤައުމުގެ އިޤްތިޞާދު މި ޤައުމުގައި އަޅުގަނޑުމެންނާ ހަވާލުވިއިރު އޮތް ހިސާބުން ކުރަން އެންމެ އުނދަގޫ ކަންތައް. އެހެންވީމާ، އައި.އެމް.އެފް. އިންވެސް އެކަން އެހާބޮޑަށް ފާހަގަކުރަނީ.“ މިދިޔަ މަހުގެ 11 ވަނަ ދުވަހު ލ.ފޮނަދޫގައި ސާބިތު ކަމާއެކު ރައީސް ވިދާޅުވިއެވެ.

ފައިސާ ޗާޕްނުކޮށް، ލުއިދެމުން، ބޭރުގެ ދަރަނި ދައްކަމުން، އެތެރޭގެ އެކި ކުންފުނިތަކަށް ސަރުކާރުން އެކި ތަންތަނުން ދަރާފައި ހުރި ދަރަނި ދައްކަމުން، ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދަމުން، ރާއްޖޭގެ ފުދުންތެރިކަން އިތުރުކުރުން، އާމްދަނީ އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތެވެ.

މިއީ ފަސޭހަ މަސައްކަތެއް ނޫނެވެ. ކެތްތެރިވެ ވިސްނުންތެރިކަމާއެކު މަސައްކަތްތަކެއް ކޮށްގެން މެނުވީ އަރައި ނުގަނެވޭނެ އަޑިގަނޑެކެވެ. ޑރ. މުއިއްޒު އެރިސްކު އެނަންގަވަނީ ގައުމަށްޓަކައެވެ. ރައްޔިތުންނަށްޓަކައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *