logo minivan

English

ހޮނިހިރު, 27 ޖުލައި 2024
އިންޑިޔާގެ ސިފައިންގެ ދެމީހުން ދިވެހި ސިފައިންނާއެކު މަސައްކަތުގައި

"އިންޑިއާ އައުޓް"ގެ ވައުދުގެ މަގުސަދު ހާސިލްވެއްޖެތަ؟

އިންޑިއާ އައުޓް ކެމްޕޭންގެ އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅަކީ އުމަރު ނަސީރެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ރާއްޖެއިން އިންޑިއާ ސފައިން ގާއިމްވެ ނެތް ކަމަށް އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރެއްވެއެވެ. އަދި މުޅި ކެމްޕޭނުގެ މަގުސަދެއްވެސް ހާސިލެެއް ނުވެއެވެ. ސަރުކާރުން ވިދާޅުވާ ގޮތުގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ހާއިމްވެ ތިބި ޖުމްލަ 76 އިންޑިޔާ ސިފައިން މިހާރު ވަނީ އަނބުރާ ފޮނުވާލެވިފައި ކަމަށެވެ. އަދި މިއީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އެންމެ މުހިއްމު ރިޔާސީ އެއް ވަޢުދު ފުއްދެވުނީ ކަމަށް ވެސް ސަރުކާރުން ގަބޫލުކުރައްވައެވެ.

ބޮލަކަށް ބޮލެއް: ސުވާލު އުފެދޭ ހިސާބަކީ މިއީ

ތިން ބެޗަށް ބަހައިލައިގެން ދިވެހިރާއްޖެއިން ފައިބައިގެން ދިޔައީ އިންޑިއާގެ 76 ސިފައިން ކަމަށާއި ސިވިލިޔަނުން ވެސް ރާއްޖެއަށް އައީ އެ އަދަދަށް ކަމަށް ފޮރުން މިނިސްޓަރ މޫސާ ޒަމީރު މިއަދު ވަނީ ވިދާޅުވެފައެވެ. ތަޖުރިބާކާރުން ސުވާލު އުފައްދަނީ އަސްކަރީ އުޅަނދު ފަހަރު ދުއްވުމަށް އިންޑިޔާގެ އާންމުން ނުވަތަ ޓެކްނިކަލް މީހުން ތިިބެދާނެކަމާމެދު އެވެ. ބައެއް މީހުން ދެކެނީ "ބޭލީ ހަމައެކަނި އިންޑިއާ ސިފައިންގެ ޔުނީފޯމް ކަމަށާއި މިހާރުވެސް ރާއްޖޭގައި ތިބި މީހުންގެ ތެރޭގައި ރޯގެ އެޖެންޓުންނާއި މިލިޓަރީ ބެކްގްރައުންޑްގެ މީހުން ތިބޭނެ" ކަމަށެވެ.

ސ. ގަމާއި ލ. ކައްދޫ އާއި ހދ. ހަނިމާދޫގައި ތިބި ޖުމްލަ 76 ސފައިން ދިވެހިރާއްޖެ ދިޔައިރު، ރާއްްޖޭގައި އިންޑިޔާގެ މިލިޓަރީ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިިންދާ ބޯޓެއް ބާއްވަން ޖެހޭ ސަބަބާ މެދު މިހާރު އާންމުން ގެންދަނީ ސުވާލު އުފައްދަމުންނެވެ.

"އިންޑިއާ އައުޓް ކިޔަސް، އިންޑިއާ މިލިޓަރީ އައުޓް ކިޔަސް، ސިފައިންނާއެކީ މިލިޓަރީ ވެހިކަލްތައްވެސް ގެންދަންވާނެ. އެ އުޅަނދުތަކުން ކުރި މަސައްކަތް ދިިވެހިންނަށް މެނޭޖްކުރެވޭ ގޮތަށް އެއާ އެމްބިއުލާންސާއި މެރިން އެމްބިއުލާންސާއި އީއީޒެޑް ބެލެހެއްޓުމަށް ޑްރޯން ވެސް މިހާރު ވަނީ ގެނެސްފަ. މިހުރިހާ ކަމެއް މިހެން ހުރިއިރު އިންޑިޔާއިން އަނެއްކާވެސް 76 މީހުން ގެނެސް ރާއްޖެގައި ގާއިމްކުރަން ޖެހޭ ސަބަބެއް ހަމަ އެއްގޮތަކަށްވެސް ނުވިސްނޭ،" ސޯޝަލް މީޑިއާގައި މީހަކު ހިޔާލުފާޅުކޮށްފައިވެއެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު ގިނަ އަދަދެއްގެ އެއްބަސްވުންތަކެއް ހަދާފައިވާ ކަމަށާއި އޭގެ ތެރޭގައި ގައުމީ ސިޔާދަތަށް ނުރައްކާވާ ފަދަ އެއްބަސްވުންތައްވެސް ހިމެނޭ ކަމަށް ޑރ. މުއިއްޒުގެ ރިޔާސީ ކެމްޕޭންގައި ފާހަގަކުރައްވަމުން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ހުރިހާ އެގްރީމެންޓެއް އާންމުންނަށް ހާމަކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް ވެރިކަން ލިބިވަޑައިގެންނެވުމުން ކީހާޅެން ފަރިއްސައްވެ ނިމިއްޖެއެވެ. އެއްވެސް އެގްރީމެންޓެއް ހާމައެއް ނުކުރެއްވިއެވެ.

އެކަމާގުޅިގެން ބަންޑާރަ ނައިބް ވިދާޅުވެފައިި ވަނީ އެގްރީމެންޓްތައް ދިރާސާކުރުމަށް ފަހު "ހާމަކުރެވެން އޮތް މިންވަރެއް ހާމަކުރާނަން" ކަމަށެވެ.

ޑިޕްލޮމެޓިކް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ދޭދޭ ގައުމުތަކުގެ މެދުގައި ހަދާ ގައުމީ ލެވަލްގެ އެއްބަސްވުންތަކަކީ އާންމު ކުރެވޭނެ އެއްބަސްވުންތަކެއް ނޫނެވެ. އަދި އެފަދަ އެއްބަސްވުންތައް އުވާލުމަކީ ވެސް ފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ. އެކަމުގެ ހަގީގަތް މިހާރު މިއޮތީ ފެންނާށެވެ. އިންޑިޔާއާއެކު، ހެދި ކަމަށްް މިހާރުގެ ސަރުކާރުން ބުނަމުން ގެންދިޔަ "ނުރައްކާތެރި"އެއްބަސްވުންތައް ހަމަ އެގޮތުގައި ދެމި އެބައޮތެވެ. ދެފަރާތުގެ މަޝްވަރާއިން ބައެއް ކުދިކުދި ބަދަލުތަކަށް އެއްބަސްވެލައި، އިންޑިޔާގެ ޔުނީފޯމް އެޅި ސިފައިން ރާއްޖެއިން ގެންދަން އިންޑިޔާއިން އެއްބަސްވީ އެގްރީމެންޓްތަކުގެ އަސާސީ އެހެން ކަންކަމަށް ބަދަލު ނާންނަ ގޮތަށެވެ. ފޮނުވާލި ކޮންމެ ސިފައިންގެ މީހަކަށް "އާންމު މީހެއް" ގެންނަން ޖެހުނީވެސް އެހެންވެއެވެ.

އިންޑިއާ އާއި ދެމެދު އެއްބަސްވެވިފައިވަނީ "ކަމެއް ޖެހިއްޖެ ހާލަތެއްގައި" އެ ގައުމުގެ މަދަނީ މުއައްޒަފުން އުޅަނދުތައް އޮޕަރޭޓްކުރަންކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އަމާން އޮމާންކަމާއިއެކު ޑިޕްލޮމެސީގެ އެންމެ ރީތި އުސޫލުތަކުގެ ތެރެއިން ރައީސް މުއިއްޒު އެމަނިކުފާނު ވެވެވަޑައިގެންނެވި ވައުދު ފުއްދަވާފައިވާތީ އެކަމަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާކަމަށެވެ. މިނިސްޓަރ ޣައްސާން ވިދާޅުވީ، ދިވެހިރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންވަނީ މިހާރު ދިވެހިރާއްޖޭގެ ފަސްގަނޑުން ފައިބައިގެން ގޮސްފައިވާކަމަށެވެ.

މިނިސްޓަރ ވަނީ އިންޑިއާގެ ސިފައިންގެ ބަދަލުގައި އެ ގައުމުގެ މަދަނީ މުއައްޒަފުންތަކަށް އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ފުރުސަތު ދީފައިވާ ކަމާއި ގުޅޭ ގޮތުން ކުރެވުނު ސުވާލަކަށް ވެސް ޖަވާބު ދެއްވާފައެވެ. ޣައްސާން ވިދާޅުވީ، ރައީސް ޑރ މުއިއްޒު އެދިވަޑައިގަތީ ދިވެހިންގެ ގާބިލިއްޔަތު އިތުރުކުރަމުންދާ ދަނޑިވަޅެއް ކަމަށް ވުމުން އެއްވެސް އެހެން ގައުމެއްގެ ސިފައިން ރާއްޖޭގައި ނުތިބުމަށް ކަމަށާއި ރައީސް ހިއްސާކުރެއްވީ ދިވެހި ރައްޔިތުން އެކަން ނޭދޭ ވާހަކަ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންނަމަވެސް ކުރެވުނު މަޝްވަރާތަކުގެ އަލީގައި މިވަގުތު އެއްބަސްވެވިފައިވަނީ އެ ޕްލެޓްފޯމުތައް ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި މަދަނީ މީހުން ބޭނުންކޮށްގެން އޮޕަރޭޓްކުރުމަށްކަމަށާއި މިހާރު ތިބީ އޮޕަރޭޓުކުރަމުންދާ ހެލިކޮޕްޓަރުތައް އުފެއްދި ކުންފުނީގެ މުއައްޒަފުންކަމަށްވެސް ހާމަކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރވަނީ ސެނެހިޔާގައި މަސައްކަތްކުރަމުންދާ ޑޮކްޓަރުންނާއި ގުޅޭގޮތުންވެސް ވާޙަކަދައްވާފައެވެ. އެގޮތުން އެއީ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ދިވެހި ސިފައިންގެ އެދުމުގެ މަތިން ދިވެހިރާއްޖޭގައި ހިދުމަތް ދެމުން އަންނަ ޑޮކްޓަރުންތަކެއް ކަމަށާއި އެ މީހުންގެ ފަރާތުންވެސް ސަލާމަތަށް ނުރައްކާވާ ނަމަ އިންޑިއާގެ ސަރުކާރުގައި އެދިގެން ފޮނުވާ ލެވޭނެ ކަމަށް ފާހަގަކުރެއްވިއިރު މިވަގުތު އެކަމުގެ އެއްވެސް ބޭނުމެއް އޮތްކަމަށް ސަރުކާރުން ނުދެކޭ ކަމަށް ވެސް ވިދާޅުވިއެވެ.

އުތުރުތިލަފަޅާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ އުތުރު ތިލަފަޅަކީ މިހާރުވެސް އިންޑިއާގެ ގްރާންޓެއްގެ ދަށުން ހިނގަމުންދާ މަޝްރޫޢޫއެއް ކަމަށެެވެ. އެހެންކަމުން އެތަނާމެދު އަމަލުކުރަމުންދަނީ ގްރާންޓް އެއިޑްގެ ދަށުން ހިންގާ މަސައްކަތްތަކާ މެދު އަމަލުކުރާ ގޮތަށްކަމަށްވެސް ވިދާޅުވިއެވެ. މީގެ ކުރިން ސަރުކާރުން ބުނަމުން ގެންދިޔައީ އުތުރުތިލަފަޅު ވެސް ހިމެނޭހެން ރާއްޖޭގައި އެތައް ހާސް އިންޑިޔާ ސިފައިން އެބަ ތިބި ކަމަށެވެ. އެހެންމަވެސް މިއަދުގެ ނިއުސް ކޮންފަރެންސްގައި މިނިސްޓަރުން ވިދާޅުވީ އުތުރު ތިލަފަޅުގައި އިންޑިޔާ ސިފައިންގެ އެއްވެސް މީހަކު ގާއިމްވެ ނެތް ކަމަށެވެ. މިކަމުން ދޭހަވަނީ ވެރިކަމަށް ވަޑައިގަތުމަށްޓަކައި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ދޮގު ޑރ. މުއިއްޒު އާއި ކެމްޕޭން ޓީމުންވެސް ހައްދަވާފައިވާކަމެވެ.

ދާދި ފަހުން ފޮރިން މިނިސްޓަރު ޒަމީރު ދިއްލީއަށް ވަޑައިގަތުމުން އިންޑިއާއިން ހަނދާންކޮންދިނީ އިންޑިޔާއިން ރާއްޖެއަށް ކޮށްދީފައިވާ މުހިއްމު ކަންކަމާއި ވެދީފައިވާ އެހީތެރިކަމެވެ. އޭގެ ބަދަލުގައި މިނިސްޓަރު ވިދާޅުވީ މީގެ ފަހުން އިންޑިޔާއަށް ބަދުނަސް ނުބުނާނެ ކަމަށާއި ދެގައުމުގެ ގުޅުން ކުރިން ވެސް އޮތް ގޮތަށް ބާއްވަން ބޭނުންވާ ކަމަށެވެ.

ދިވެހި ސަރުކާރުން އެދެނީ އިންޑިޔާއިން ދީފައިވާ 150 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދިނުމަށް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ބަޖެޓު ސަޕޯޓުގެ ގޮތުގައި ނެގި 200 މިލިއަން ޑޮލަރުގެ ލޯންގެ ތެރެއިން 150 މިލިއަން ޑޮލަރު ފަސްކޮށްދޭން ދިވެހި ސަރުކާރުން ރަސްމީކޮށް އިންޑިއާގައި ވަނީ އެދިފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ސޯލިހުގެ ސަރުކާރުން 2019 ވަނަ އަހަރު ވެރިކަމަށް އައިސް ބަޖެޓް ސަޕޯޓުގެ ގޮތުގައި ނެގި 200 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު މިދިޔަ ޖެނުއަރީ މަހު މި ސަރުކާރުން ދައްކާފައިވާ ކަމަށެވެ. އަދި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރިން 150 މިލިއަން ޑޮލަރު އިންޑިއާ އަށް ދައްކަން ޖެހޭ ކަމުގައި ޒަމީރު ވިދާޅުވިއެވެ.
 އޭގެ ތެރެއިން 50 މިލިއަން ޑޮލަރުގެ ލޯން ދައްކަން ޖެހެނީ މި މަހުގެ ތެރޭގައެވެ.

"މި 200 މިލިއަން ޑޮލަރު މިދިޔަ އަހަރާ ހަމައަށް ރޯލް އޯވާ (ފަސްކޮށް ދެމުން) އައީ. އެކަމަކު މި އަހަރުގެ ޖެނުއަރީ މަހު ވަނީ މީގެ އެއްބައި ދައްކާފައި. އަދި ބާކީ އޮތް 150 މިލިއަން ޑޮލަރު ފަސްކޮށްދޭން ވާނީ އެދިފަ،" ޒަމީރު ވިދާޅުވިއެވެ.

މި ލޯނަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ޓްރެޝަރީ ބޮންޑެއް ވިއްކައިގެން ހޯދި ލޯނެކެވެ. މި ބޮންޑުގެ 50 މިލިއަން ޑޮލަރު ދެއްކީ މި އަހަރުގެ ޖެނުއަރީ އަށް ވަނަ ދުވަހުއެވެ. އަދި ބާކީ އޮތް 150 މިލިއަން ޑޮލަރު މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހަލާސް ކުރަން ޖެހެއެވެ.

ޒަމީރު ދާދި ފަހުން އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މި ލޯން ފަސްކޮށްދިނުމާ ގުޅޭ ގޮތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު އާ މަޝްވަރާ ކުރެއްވިއެވެ. ޒަމީރު ވިދާޅުވި ގޮތުގައި ޖައިޝަންކަރު ވަނީ ރާއްޖޭގެ ބޭނުންތައް ހަމަޖައްސައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އަދި މި ބޮންޑު ރޯލް އޯވާކޮށްދެއްވާނެ ކަމުގެ ފެހި ސިގްނަލް އިންޑިއާއިން ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ލޯނަށް އިންޑިއާ އިން ލުއި ގޮތެއް ހަމަޖައްސައި ނުދީފި ނަމަ، ދިވެހި ސަރުކާރުން އޮތީ މި ލޯން ދައްކަން ވެސް ތައްޔާރަށެވެ. އެކަމަކު، މީގެ އަސަރު ރަސްމީ ރިޒާވަށް ކުރާނެ ކަމަށް ބެލެވެއެވެ. އޭގެ ސަބަބުން އިތުރަށް ހަރަދުތައް ކުޑަ ކުރަން ވެސް މަޖުބޫރުވެގެން ދާނެއެވެ.

ރިޔާސީ ކެމްޕޭނުގެ ވަގުތުގަ އާއި ވެރިކަމަށް ވަޑައިގަތުމަށް ފަހުގައިވެސް ޑރ. މުއިއްޒުގެ ސަރުކާރުން ހަރުކަށިކަމާއެކު ވިދާޅުވަމުން ގެންދެވި "އިންޑިއާ އައުޓް ޝިއާރު" މިހާރު ވަނީ ފުއްދިފައިވާ ވައުދެއް ކަމަށް ހަދައި ދޫކޮށްލާފައެވެ. އުމަރު ނަސީރާއި އާންމު އެހެން ރައްޔިތުންވެސް ސުވާލު އުފައްދަނީ މިހެންވެއެވެ. ރާއްޖޭގައި އިންޑިޔާގެ ބާރުވެރިކަމާއި އިންޑިއާއަށް ބަރޯސާ ވާ މިންވަރު ކުޑަވެގެނެއް ނުދެއެވެ.

އިންޑިއާ އައުޓްގެ ހަގީގީ މަންޒަރު ފެންްނަން ދެން މާގިނަ ދުވަހެއް ނަގާފާނެ ކަމަކަށް ނުފެނެއެވެ. ބަލަން ތިބެމާ ހިނގާށެވެ. ކުރިއަށް ޝައުގުވެރި އެތައް ހަގީގަތެއް ހާމަވެގެން އަންނާނެކަން ހަމަ ޔަގީނެވެ. އުމަރު ނަސީރު އެވިިދާޅުވަނީ އެވާހަކައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *