ހިދުމަތުގެ އެންމެ ކުރީ ސަފުގައި ތިބެ ނަރުހުން އަދާކުރަނީ އިންސާނިއްޔަތުކަމުގެ އަގުހުރި ޒިންމާއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ނަރުހުންގެ ދުވަހާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ ނަރުހުން ހިދުމަތުގެ އެންމެ ކުރީ ސަފުގައި ތިބެ އަދާކުރަނީ ގައުމީ ވާޖިބެއް ކަމަށާއި އަދި އެއީ އިންސާނިއްޔަތުކަމުގެ އަގުހުރި ޒިންމާއެއް ކަމަށެވެ.
— Dr Mohamed Muizzu (@MMuizzu) May 12, 2024
ކޮންމެ އަހަރެއްގެ މޭ މަހުގެ 12 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ނަރުހުންގެ ދުވަހުގެ ގޮތުގައެވެ.
އިންޓަނޭޝަނަލް ކައުންސިލް އޮފް ނާސިން އިން މި އަހަރުގެ ނަރުހުންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "އަވަ ނާސަސް، އަވަ ފިއުޗާ. ދަ އިކޮނޮމިކް ޕަވާ އޮފް ކެއާ" އެވެ. މިއީ ސިއްހީ ނިޒާމުގެ މައިބަދައިގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ނަރުހުންނަށް ހިދުމަތުގެ ތެރޭގައި މާލީގޮތުން ދިމާވާ އެކިގޮންޖެހުންތަކާމެދު ވިސްނާ، އެކަންކަމަށް އެދެވޭ ފިޔަވަޅުތަކެއް އެޅުމަށް ބާރުއެޅުމުގެ ގޮތުން ކަނޑައަޅާފައިވާ ޝިއާރެކެވެ.