އިމާރާތްތަކުން މާލޭގެ މަގުމައްޗަށް ފެން އެޅޭ ގޮތަށް ހުރި ތަންތަން މަރާމާތުކޮށް ރަނގަޅު ކުރުމަށް އެ އިމާރާތްތަކުގެ ވެރި ފަރާތަށް މާލެ ސިޓީ ކައުންސިލުން އަންގައިފިއެވެ.
މާލެސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ބައެއް އިމާރާތްތަކުން މަގުމައްޗަށް ފެން ފައިބާ ގޮތައް ހުރި ތަންތަނުގެ ވީޑިއޯއެއް އާންމުކުރައްވައި، މާލޭ މަގުމައްޗަށް އެކި އިމާރާތްތަކުން ފެންތިކި ޖަހާ މައްސަލައަކީ ޒަމާނުއްސުރެ ހައްލުނުކުރެވި އޮތް މައްސަލައެއް ކަމަށާއި މިހާރު އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ވިދާޅުވެފައެވެ.
"މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި، އެގޮތުން މި މަހު އެކަނިވެސް މަގުމައްޗަށް ފެންތިކި ޖަހާ ގޮތަށް ހުރި 30 ތަނެއް ފާހަގަކޮށް، އެތަންތަން މަރާމާތުކޮށް ރަނގަޅުކުރުމަށް ވަނީ އެންގިފައި،" އާޒިމް ވިދާޅުވިއެވެ.
މާލޭ މަގުމައްޗަށް އެކި އިމާރާތްތަކުން ފެންތިކި ޖަހާ މައްސަލަ އަކީ ޒަމާނުއްސުރެ ހައްލުނުކުރެވި އޮތް މައްސަލަ އެއް، މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި، އެގޮތުން މި މަހު އެކަނިވެސް މަގުމައްޗަށް ފެންތިކި ޖަހާ ގޮތަށް ހުރި 30 ތަނެއް ފާހަނގަ ކޮށް، އެތަންތަން… pic.twitter.com/KCl9nFTuR6
— Mayor of Male’ City – Adam Azim (@adamazim) May 13, 2024
އަދި އާޒިމް ވިދާޅުވީ މާލޭގައި ހުރި މައްސަލަތައް ހައްލުކުރުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.
ވާރޭވެހި ވިއްސާރަކުރާއިރު މާލޭގެ މަގުތަކަށް ހަދަމުންދާ އިމާރާތްތަކުންނާއި ފެންއޮޅިތަކުން ފެން އެޅޭ މައްސަލަ ބޮޑުވެފައިވާއިރު، އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ އެކަން ހައްލުކޮށްދޭން މީގެ ކުރިން ގިނަ ފަރާތްތަކުން ސޯޝަލް މީޑިއާގައި އާޒިމް ޓެގުކޮށް ވަނީ އެދިފައެވެ.