logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ކޯޕްރަލް ޒައިދާންގެ ޖަނާޒާ، ރަސްމީ އިއްޒަތުގައި ބާއްވައިފި

އަސްކަރީ ތަމްރީނެއްގައި އުޅެނިކޮށް މިޔަރެއް ހަމަލާދީގެން ނިޔާވި ކޯޕްރަލް މުޙައްމަދު ޒައިދާންގެ ޖަނާޒާ ރަސްމީ ޢިއްޒަތުގައި، އޭނާގެ އުފަށް ރަށް ރ.އުނގޫފާރުގައި ބާއްވައިފިއެވެ.

ޒައިދާންގެ ޖަނާޒާގެ ކަންކަން ކުރިއަށްގެންގޮސްފައިވަނީ، އަސްރު ނަމާދަށްފަހު އުނގޫފާރުގައި ހުންނަ އިސްލާމީ މަރުކަޒުގައެވެ.

މި ޖަނާޒާގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފާއި، އެޖުޓަންޓް ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހީމާއި، ކޯސްޓްގާޑްގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމް ބައިވެރިވެ ވަޑައިގެން، އާއިލާއާ ބައްދަލު ކުރައްވައި ވަނީ ތަޢުޒިޔާ ދަންނަވާފައެވެ. މި ޖަނާޒާއަށްފަހު ސަންދޯކުގައި އަޅާފައި އޮތް ދިވެހިރާއްޖޭގެ ޤައުމީ ދިދަ، ކޯޕްރަލް މުޙައްމަދު ޒައިދާންގެ ޢާއިލާއާ ވަނީ ހަވާލުކޮށްދެއްވާފައެވެ.

Image

ކޯޕްރަލް މުޙައްމަދު ޒައިދާން ނިޔާވެފައިވަނީ، ސިފައިންގެ ހައި ރިސްކް ތަމްރީނެއް ފުރިހަމަ ކުރަމުން ދަނިކޮށް، މި މަހުގެ 2 ވަނަ ދުވަހު ލ.މާވަށްކައިރީ ކަނޑުގެ ސަރަހައްދުގައި ހިނގި ހާދިސާއެއްގައި، މިޔަރެއް ދަތްއެޅުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ލ.ގަން ރީޖަނަލް ހޮޮސްޕިޓަލްގައެވެ.
ކޯޕްރަލް މުޙައްމަދު ޒައިދާން ނިޔާވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، މިއަދުން ފެށިގެން ދެ ދުވަސް ވަންދެން ސިފައިންގެ ދިދަ، ސިފައިންގެ މަރުކަޒުތަކުގައި ވަނީ ބައި ދަނޑިއަށް ތިރިކޮށްފައެވެ.
Image
ކޯޕްރަލް މުޙައްމަދު ޒައިދާންގެ ޖަނާޒާ ބާއްވާފައި ވަނީ ރަސްމީ ޢިއްޒަތުގެ ދެވަނަ ދަރަޖައިގައެވެ. މިޖަނާޒާގައި ސިފައިން ހަތް ބަޑީގެ ސަލާމެއް ވަނީ އަރުވާފައި ވެއެވެ.
ރ.އުނގޫފާރުގައި މިއަދު ބޭއްވި މި ޖަނާޒާގައި ސިފައިންގެ އިތުރުން، ރ. އުނގޫފާރުގެ ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *