logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ޔޫރޯ 2024: ޔޫރޯގެ ތާރީޚާއި ބައެއް ރެކޯޑުތައް!

ޔޫރަޕިއަން ޗެމްޕިއަންޝިޕް ނުވަތަ ޔޫރޯ ފުޓުބޯޅަ މުބާރާތަކީ ފީފާ ވޯލްޑްކަޕް ނެގުމަށްފަހު ދެވަނައަށް ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ފޯރިގަދަ ފުޓުބޯޅަ މުބާރާތެވެ. މިމުބާރާތަކީވެސް ކޮންމެ 4 އަހަރުން އެއްއަހަރު ބާއްވާ މުބާރާތެކެވެ. މިމުބާރާތުގައި ވާދަކުރަނީ ޔޫރަޕް ބައްރަށް ނިސްބަތްވާ ޤައުމުތަކުގެ މެދުގައި ބާއްވާ ފުޓުބޯޅަ ކޮލިފިކޭޝަނުގެ ތެރެއިން، ކޮލިފައިވާ ޓީމުތަކެވެ. މިއަންނަ ހުކުރު ދުވަހު މިފެށޭ މުބާރާތަކީ ޔޫރޯގެ 17 ވަނަ ފުޓުބޯޅަ މުބާރާތެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ތާރީޚަކީ މުއްސަނދި ތާރީޚެކެވެ. ވާދަވެރިކަމާއި ފޯރިގަދަކަން އެންމެ ކުރިންސުރެ މިއަދާއި ހައަމައަށްވެސް އެބައޮތެވެ. ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ޤައުމީ ޓީމުތަކުގެ ޙާލަތާއި ފުޓުބޯޅައިގެ ފެންވަރު ރަނގަޅުވުމަކީ މިމުބާރާތް ފޯރިގަދަވާ މައިގަނޑު ސަބަބެވެ. 1960 ވަނަ އަހަރު ބޭއްވި ފުރަތަމަ މުބާރާތުގައި 4 ޓީމު ވާދަކުރި ނަމަވެސް، މިހާރު 24 ޓީމަށް މިމުބާރާތުގައި ވާދަކުރެވެއެވެ.

އެންމެ ކާމިޔާބު ޓީމުތަކާއި ކުޅުންތެރިން

ޔޫރޯގެ އެންމެ ކާމިޔާބު ޓީމުތަކަކީ އެންމެ ގިނަ ފަހަރު ޗެމްޕިއަންކަން ހޯދި ޓީމުތަކޭ ބުނެފިނަމަ، އެއީ ޖަރުމަންވިލާތާއި، ސްޕެއިންއެވެ. ޖަރުމަންވިލާތުން 3 ފަހަރު އަދި ސްޕެއިން އިންވެސް 3 ފަހަރު ޗެމްޕިއަންކަން ހޯދާފައިވެއެވެ. ޖަރުމަންވިލާތުން ފުރަތަމަ 2 ފަހަރު ޗެމްޕިއަންކަން ހޯދިއިރު، އެއީ އުތުރު ޖަރުމަނުގެ ނަމުގައި އޮތް ޓީމެކެވެ. ފްރާންސާއި، އިޓަލީވަނީ 2 ފަހަރު މިމުބާރާތް ކާމިޔާބުކޮށްފައެވެ. ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބުނުކުރެވޭ ހަމައެކަނި ބޮޑު ޓީމަކީ އިނގިރޭސިވިލާތެވެ.

 

ޔޫރޯ ފުޓުބޯޅަ މުބާރާތް ދެކެފައިވާ މުހިންމު ބައެއް ކުޅުންތެރިން

1- ޒައިނުއްދީން ޒިދާން (ފްރާންސް)

ފްރާންސްގެ ކުރީގެ ކެޕްޓަން ޒިދާނަކީ، ޔޫރޯ ފުޓުބޯޅަ މުބާރާތް ދެކެފައިވާ އެންމެ ހުނަރުވެރި ކުޅުންތެރިޔާއެވެ. ޒިދާންވަނީ ފްރާންސަށް 1996 ،2000 އަދި 2004 ވަނަ އަހަރު ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ބައިވެރިވެ، 2000 ވަނަ އަހަރުގެ ޔޫރޯ ޗެމްޕިއަންކަން ފްރާންސަށް ހޯދައިދީފައެވެ. އެމުބާރާތުގައި ފްރާންސްގެ ކާމިޔާބުގެ %100 ޙިއްސާވެފައިވަނީ ޒިދާނުއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. 2000 ވަނަ އަހަރުގެ ޔޫރޯގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިއާގެ މަޤާމުވެސް ޒިދާނުވަނީ ހޯދާފައެވެ. އަދި، ސެމީ ފައިނަލުގައި ޕޯޗުގަލް ބަލިކޮށްފައިވަނީ ޒިދާނުގެ ހިތްގައިމު ޕެނެލްޓީއަކުން ކާމިޔާބުކުރި ގޯލްޑަން ގޯލަކުންނެވެ. ޒިދާނުވަނީ އެ މުބާރާތުގައި ޖުމްލަ 6 ގޯލު ފްރާންސަށް ކާމިޔާބުކޮށްދީފައެވެ.

2- އެންދްރޭ އިނިއެސްތާ (ސްޕެއިން)

ސްޕެއިންގެ ކުރީގެ މިޑްފީލްޑަރ އެންދްރޭ އިނިއެސްތާއަކީ 2008 ވަނަ އަހަރުގެ ޔޫރޯ އަދި 2012 ވަނަ އަހަރުގެ ޔޫރޯ ސްޕެއިންނަށް ހޯދައިދިނުމުގެ އެންމެ މުހިންމު ރޯލެއް އަދާކުރި ކުޅުންތެރިއާއެވެ. އިނިއެސްތާއާއެކު ޒާވީގެ މިޑްފީލްޑަކީ 2008 ވަނަ އަހަރާއި 2012 ވަނަ އަހަރު ދުނިޔޭގެ އެންމެ ވަރުގަދަ މިޑްފިލްޑެވެ. އިނިއެސްތާއަކީ ފްރާންސްގެ ޒިދާނާއެކު ޔޫރޯގެ އޯލްޓައިމް ފޭވަރިޓް ޓީމުގައި ހިމެނޭ ކުޅުންތެރިއެކެވެ. އިނިއެސްތާގެ އިތުރުން ދެން މިޓީމުގައި ހިމެނެނީ ސްޕެއިންގެ ކުރީގެ ޑިފެންޑަރ ކާލޮސް ޕުޔޯލްއެވެ. 2012 ވަނަ އަހަރުގެ ޔޫރޯގެ އެންމެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވުނީވެސް އިނިއެސްތާއެވެ.

3- ޕައޮލޯ މަލްޑިނީ (އިޓަލީ)

އިޓަލީގެ ކުރީގެ ކެޕްޓަން ޕައޮލޯ މަލްޑިނީއަކީ ދުނިޔޭގެ މިހާތަނަށް އުފެދުނު އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. ޕައޮލޯ މަލްޑިނީއަކީ މަރަޑޯނާ، ޕްލެޓިނީ، ޒިދާނު، ރޮނާލްޑޯ، މެސީ ފަދަ އެތަކެއް ކުޅުންތެރިން މާކުކޮށްގެން ކުޅުމުގެ ހަމައެކަނީ ނަސީބު ހޯދާފައިވާ ޑިފެންޑަރެވެ. ފުޓުބޯޅައިގެ ދިގު ކެރިއަރެއް މަލްޑިނީގެ އެބައޮތެވެ. މަލްޑިނީވަނީ 3 ޔޫރޯ މުބާރާތުގެ އޯލްސްޓަރ ޓީމުގައިވެސް ހިމެނިފައެވެ. މަލްޑިނީ އެންމެ ފަހުން ކުޅުނީ 2000 ވަނަ އަހަރު ނެދަލޭންޑާއި ބެލްޖިއަމްގައި ބޭއްވި ޔޫރޯ ފުޓުބޯޅަ މުބާރާތުގައެވެ.

4- މަތިއަސް ސަމަރ (ޖަރމަނީ)

ޖަރމަނީގެ މަތިއަސް ސަމަރ އަކީ ފުޓުބޯޅައިގާ މަދުން އިވޭ ނަމަކަސް، ޖަރުމަނުގެ ފުޓުބޯޅައިގާ މުހިންމު ކުޅުންތެރިއެކެވެ. މަތިއަސް ސަމަރއަކީ 1996 ވަނަ އަހަރު އިނގިރޭސިވިލާތުގައި ބޭއްވި ޔޫރޯ ޖަރުމަނަށް ހޯދައިދިނުމުގެ އެންމެ އިސް ރޯލެއް އަދާކުރި ކުޅުންތެރިއާއެވެ. އެމުބާރާތުގައި ސަމަރގެ ޕާފޯމެންސްގެ ސަބަބުން އެއަހަރުގެ ބެލޮންޑޯވެސް މަތިއަސް ސަމަރއަށްވަނީ ލިބިފައެވެ. އަދި، 1996 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީވެސް މަތިއަސް ސަމަރއެވެ. ސަމަރވަނީ ޖަރުމަނުވިލާތަށް 51 މެޗު ކުޅެދީ 8 ގޯލްޖަހައިދީފައެވެ.

5- ކްރިސްޓިއާނޯ ރޮނާލްޑޯ (ޕޯޗުގަލް)

ކްރިސްޓިއާނޯ ރޮނާލްޑޯގެ ޔޫރޯ ކެރިއަރު ފެށިގެން އައީ 2004 ވަނަ އަހަރު އަމިއްލަ ޤައުމުގައި ބޭއްވި ޔޫރޯ މުބާރާތުންނެވެ. ކްރިސްޓިއާނޯ ރޮނާލްޑޯއަކީ މިހާތަނަށް ޔޫރޯގެ އެންމެ ގިނަ ރެކޯޑުތަށް ހަދާފައިވާ ކުޅުންތެރިއާއެވެ. އެގޮތުން، 6 ފަހަރު މޭން އޮފް ދި މެޗްގެ އެވޯޑް ހޯދާފައިވެއެވެ. ޖުމްލަ 14 ގޯލާއެކު ރޮނާލްޑޯއަކީ މިމުބާރާތުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިއާވެސް މެއެވެ. އަދި، 2004 އިން ފެށިގެން ޔޫރޯގެ 5 މުބާރާތެއްގައި ރޮނާލްޑޯވަނީ ކުޅެދީފައެވެ. އެވެސް ރެކޯޑެކެވެ. ޔޫރޯގެ އޯލްޓައިމް ފޭވަރިޓް ޓީމުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނެއެވެ.

6- އިކަރ ކަސިއަސް (ސްޕެއިން)

އިކަރ ކަސިއަސް އަކީ ސްޕެއިންގެ ފުޓުބޯޅައިގެ ދިގު ތާރީޚުގައި މިހާތަނަށް ދުއް އެންމެ މޮޅު ގޯލްކީޕަރެވެ. ކަސިއަސް ރިޕްލޭސް ކުރެވޭނެ ފެންވަރުގެ ގޯލްކީޕަރެއް އަދިވެސް ސްޕެއިނަކު ނެތެވެ. އިކަރ ކަސިއަސްއަކީ 2000 ވަނަ އަހަރުގެ ޔޫރޯއިން ފެށިގެން 2012 ވަނަ އަހަރުގެ ޔޫރޯއާއި ހަމައަށް ސްޕެއިންގެ ގޯލު ބެލެހެއްޓި ގޯލްކީޕަރެވެ. އަދި، ސްޕެއިންގެ ރަންޖީލުގައި ލީޑުކޮށްދީ ޖެހިޖެހިގެން ދެފަހަރު ސްޕެއިންއަށް ޔޫރޯގެ ޗެމްޕިއަންކަން ހޯދައިދިން ކީޕަރެވެ. އަދި، މީގެ އިތުރުން ކަސިއަސްއަކީ މިމުބާރާތުގެ އެންމެ ގިނަ ކްލީން ޝީޓް ހެދި ގޯލްކީޕަރެވެ. އެއީ 9 ކްލީން ޝީޓެވެ. 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *