logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ޙަސަން އާޒިމްގެ ގަލަމުން: މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ޙަޔާތްޕުޅުން އިބުރަތެއް

ކާމިޔާބު މީހަކަށް ވުމަކީ ކޮންމެ މީހަކުވެސް ބޭނުންވާ ކަމެކެވެ. އެގޮތުން ކާމިޔާބު މީހުން އެ ކާމިޔާބީއާއި ހަމައަށް ދަތުރުކުރި ގޮތަކީ ކޮބައިތޯ ގިނަބަޔަކު ބަލާ ހަދައެވެ. އަދި އެފަދަ މީހުންގެ ވާހަކަތަކަށް ގިނަ ބައެއްގެ ޝަޢުޤު ހުރެއެވެ. ކާމިޔާބު ހުރިހާ އެއްމެންގެ ވާހަކައިގަވެސް މައިގަނޑު ގޮތެއްގައި ވަނީ ދާދި އެއްގޮތް ސިފަތަކަކާއި ކަންތައް ތަކެކެވެ. އެއީ ހިތްވަރާއި އަޒުމާއި އެކުރާ ކަމެއް، ތެދުވެރިކަމާއިއެކު ގަދައަޅާ މަސައްކަތް ކުރުމެވެ. މި ލިއުމުގައި އަޅުގަނޑުގެ އަސްލު މަޢުލޫއަށް ޖެހިލާނަމެވެ.

ހުކުރު ދުވަހުގެ ހުކުރަށް ފަހު ޚަބަރުތައް ބަލާލުމަށް ފޯނު ނަގާ ފޭސްބުކަށް ވަދެލީމެވެ. ޝައުޤުވެރިކަން ހުއްޓުނީ ހެއްޔާންބޯ ޝޯގައި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަބަލް އަބްދުއްރަޙީމް އަބްދުﷲ ދެއްވަމުން ގެންދެވި އިންޓަވިއެކެވެ.

އެމަނިކުފާނުގެ ޙަޔާތުގެ ކާމިޔާބުގެ ސަބަބުތަކާއި އަދި ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތަކާއި އުފާތަކާ މެދު ދެއްކެވި ވާހަކަތައް އަޑު އަހާލުމަށް ފަހު އެކަންކަމުން އަނެކުންނަށް އިބްރަތް ހާސިލު ކުރެވޭފަދަ އެތައް ކަމެއް ހުރުމުން އެކަންކަން ފާހަގަ ކޮށްލުން ރަނގަޅު ކަމުގައި އަހަރެންގެ ހިތަށް އެރިއެވެ. އެގޮތުން މި ލިއުމުގައި އަބްދުއްރަޙީމް އަބްދުﷲ ގެ ޙަޔާތްޕުޅުން އިބުރަތް ލިބޭ ބައެއް ކަންކަން ފާހަގަ ކޮށްލާނަމެވެ.

އެއްމެ ފުރަތަމަ ކަމަކީ އެމަނިކުފާނު ވަރަށް ހަގު އުމުރުފުޅުގައި ބައްޕާފުޅު ނިޔާވުމުން އާއިލާއަށް އެ ލިބުނު ހިތްދަތި އަދި ދަތި ވަގުތުގައި އާއިލާގެ ހުރިހާ މެންބަރުން ގުޅިގެން އެކުގައި އުޅުއްވި އުޅުއްވުމެވެ. ޚާއްޞަ ގޮތެއްގައި އާއިލާގައި އެންމެ ދޮށްޓައް ތިއްބެވި ބޭފުޅުން ދެން ތިބި ކުދިން ގޮވައިގެން އެންމެން އެކުގައި އުޅުއްވި އުޅުއްވުމެވެ.

ދެވަނަ ކަމަކީ ޙަޔާތުގައި ކުރިމަތިވާ ގޮންޖެހުންތަކާއި ހިތްދަތިކަމާއި އުނދަގޫ ތަކަކީ އެކަމުގެ ސަބަބުން ހިތްވަރު ލިބި ކަންކަމާއި ކުރިމަތިލުމަށް ލިބޭ ހިތްވަރެއް ކަމެކެވެ. އަދި ޙަޔާތުގައި ކުރުމަތިލާން ޖެހުނު ކޮންމެ ޙާލަތަކާއި ހިތްވަރާއިއެކު ކެރިގެން ކުރިމަތިލާ ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމުގެ މުހިއްމު ކަމެވެ.

ތިންވަނަ ކަމަކީ އެމަނިކުފާނުގެ ސިޔާސީ ޙަޔާތްޕުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުންނާއި ދަރިންގެ ފަރާތުން ލިބިލެއްވި އަދި ލިބެމުންދާ އެހީތެރިކަމާއި ހިތްވަރެވެ. ކޮންމެ މީހަކަށް ވެސް ކާމިޔާބާ ހަމައަށް ވާސިލްވުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރާ ބަޔަކީ އާއިލީ މެންބަރުންނެވެ. އަނބިދަރިންނާއި އާއިލާގެ އެހީތެރިކަމާއިނުލާ ކާމިޔާބީއާ ހަމައަށް ދަތުރު ކުރުން ވާނީ ވަރަށް ބުރަ އުނދަގޫ ކަމަކަށެވެ.

ހަތަރު ވަނަ ކަމަކީ ސިޔާސީ ކަމެއްވިޔަސް އަދި ދިރިއުޅުމުގެ ކަމެއްވިޔަސް ކަންނެތް މީހުނަށް ކާމިޔާބާ ހަމައަށް ނުދެވޭނެ ކަމާއި އެކަމަށްޓަކައި ކަންނެތްކަން ދޫކޮށްލާ ހީވާގި މީހަކަށް ވާން ޖެހޭ ކަމެވެ. ކާމިޔާބީ އަކީ ނަފުސުގެ ތެދުވެރިކަމާއެކު ގަދައަޅާ މަސައްކަތް ކުރާ މީހުންނަށް އޮންނަ ކަމެއް ކަމެވެ. މިއަދު އަޅުގަނޑުމެންނަށް އެއްމެ ބޭނުން ވެފައިވަނީ މިކަންތަކެވެ. ކަންނެތްކަން ދޫކޮށްލާ ހަރުދަނާ މުރާލި މީހުންނަށް ވުމެވެ.

ފަސްވަނަ ކަމަކަށް ފާހަގަ ކުރެވުނީ މައިންބަފައިންނަށް ލިބޭނެ އެންމެ ބޮޑު އުފަލަކީ އަދި އެންމެ ބޮޑު ފަޚުރަކީ ދުނިޔޭގައި ތިއްބާ އެމީހުންގެ ދަރިން ކާމިޔާބު ހާސިލުކޮށް މަތީ މަޤާމުތަކުގައި ތިބޭ ތަން ފެނުން ކަމުގައެވެ. އަދި ދަރިންނަށްޓަކައި މައިންބަފައިން ފަޚުރުވެރިވާން ޖެހޭ ކަމެވެ. ދަރިންގެ ފަރާތުން މައިންބަފައިންނަށް ލޯބި ލިބޭނީ ވެސް މައިންބަފައިންނަކީ ވެސް ދަރިންނަށްޓަކައި ފަޚުރުވެރިވާ އެ ދަރިންނަށް ތަޢުރީފުކުރާ ބަޔަކަށް ވެގެންނެވެ. މިކަމަކީ މައިންބަފައިންނާއި ދަރިންގެ މެދުގައިވާ ލޯތްބާއި ގުޅުން ވަރުގަދަކުރުމަށް ކޮންމެހެން މުހިއްމު ކަމެކެވެ.

ވަރަށް ބޮޑު ތެދުފުޅެކެވެ. މީހެއް ވިޔަސް އާއިލާއެއް ވިޔަސް ރަށެއް ވިޔަސް ޤައުމެއް ވިޔަސް ކާމިޔާބީ ގުޅިފައިވަނީ އެކުވެރިކަމާއި އެއްބައިވަންތަކަމާއި އެހީތެރިކަމާއެކު އެންމެން އެކުގައި ގުޅިގެން ހިތްވަރާއި ހީވާގި ކަމާއިއެކު ކުރާ މަސައްކަތާއެވެ.

އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ކާމިޔާބު މީހަކަށް ވުމަށް ބޭނުންވެއެވެ. އެހެންނަމަވެސް ކާމިޔާބު މީހަކަށް ނުވަތަ ބަޔަކަށް ވުމަށްޓަކައި ހިނގަން ޖެހޭ މަގުން ހިނގަނީ ވަރަށް މަދުބައެކެވެ. ކާމިޔާބު ބަޔަކަށް ވުމަށްޓަކައި އޮންނަން ޖެހޭ އެކުވެރިކަމާއި ގުޅުމެއް ގިނަ ބައެއްގެ ތެރޭގައި ނޯވެއެވެ. ބުރަވެއްޖެ، ހަޑިވެއްޖެ މަސައްކަތެއް ކުރާކަށް ގިނަ ބަޔަކު ބޭނުމެއް ނުވެއެވެ. ކާމިޔާބާ ހަމައަށް ވާސިލުވެވެންދެން ގިނަ ބަޔަކަށް އެއްގޮތެއްގައި ސާބިތުވެ ނުތިބެވެއެވެ. ޚާއްޞަގޮތެއްގައި އަދުގެ ޒުވާނުންނަކީ މިހާރަށްވުރެ ހަރުދަނާ ބަޔަކަށްވާންޖެހެއެވެ. ދިރިއުޅުމަށްޓަކައި ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރަން ކެރޭ ބަޔަކަށް ވާން ޖެހެއެވެ. ކާމިޔާބު ހާސިލުވުން އޮތީ ހިތްވަރާއެކު ގަދައަޅާ ކުރާ މަސައްކަތުގައެވެ.

 

 

 

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *