މިއީ އުސައިދު އަލީ އޭނާގެ ފޭސްބުކްގައި ލިޔެފައިވާ އަސަރުގަދަ ލިއުމެކެވެ. ލިއުން ޚާއްސަކޮށްފައި ވަނީ އޭނާގެ އަނބިމީހާއަށެވެ. އަނބިމީހާ މީގެ ދެ އަހަރު ކުރިން ވަނީ މިދުނިޔެއާ އަލްވަދާޢުކިޔާފައެވެ.
ވަގުތަކީ ފަތިހުގެ ވަގުތެވެ. ފަތިސް ނަމާދުން އަވަދިވެގެން އައިސް ގެއަށް ވަނުމަށް ގޭގެ ދޮރު ހުޅުވާލީމެވެ. ދެލޮލުން ކަރުނަ ފޫއްދަލީ މީގެ 2 އަހަރާއި 11 މަހުގެ ކުރީގެ ހަނދާންތަކެވެ. ގޭގެ ސިޓިންރޫމްގެ މަޑު އަލިކަމުގެ ތެރޭގައި މަތިޖަހާލައިފާ ހުންނަ ކޮފީތައްޓެވެ. ފަތިހުގެ އެވަގުތު ގޭތެރެއަަށް ވެރިވެފައިވާ ހަމަހިމޭންކަމުގެ ތެރެއިން އާއްމުކޮއް އިވެމުންދާ قران ކިޔެވުމުގެ އަޑެވެ. ދޮރުހުޅުވާލުމާއި އެކު ސިޓިންގރޫމްގައި ކޮފީތަށި އިންނާނޭ މަޑުމަޑުން ބުނެލާ އަޑެވެ. އިރުކޮޅެއްފަހުން ކިޔެވުމުގެ އަޑު ކެނޑި ސައިހަދަންވީތޯ މަޑުމަޑުން އަހާލާ އަޑެވެ. ބުރަކަށީގައި މަޑުމަޑުން ފިރުމާލުމާއިއެކު ކޮނޑު މަތީގައި ބޯއަޅާލާ އަޅާލުމެވެ. އެއީ އެދުވަހެވެ. ފާއިތުވެ ގޮސްފައިވާ ދުވަސްތަކެވެ. މިއީ އޭގެ 2 އަހަރު ފަހެވެ. އެހެންނަމަވެސް އެހަނދާންތަށް މިއަދުގެ ހަނދާންތަކެކޭ އެއްފަދައިން މިހިތުތެރޭ ވަނީ ހަރުލައްވާލާފައެވެ. ބައެއް ފަހަރު ހިނިތުންވުން ގެނުވަމުންނެވެ. އަނެއްބައި ފަހަރު ހިތުގައި ޖެހި ގިސްލާ ރޮއްވާލަމުންނެވެ. ހުރިހައި ދުވަހެއްގެވެރި ﷲ އަށް حمد ހުއްޓެވެ.
ޔާﷲ، އިބަ ﷲއަށް ނިކަމެތި އަޅާ حمد ކުރަމެވެ. އަދި شكر ކުރުން حق ގޮތުގައި އިބަ ﷲއަށް شكر ކުރަމެވެ. އިބަ ﷲ މިނިކަމެތި އަޅާއަށް ހެޔޮ ލަފާ صَالِحٌ އަންބަކު ދެއްވީމުއެވެ. އަދި އެކުރު ދުވަސްކޮޅުގައި އަޅަމެންގެ ހިތްތަކަށް ފިނިކަން ގެނެސްދެއްވާ އަޅަމެން ދެމީހުންނަކީ ދުނިޔެ އާއި އާޚިރަތަށް މަސައްކަތްކުރާ ބަޔަކު ކަމުގައި ލެއްވީމުއެވެ. ދީނީ ކަންތައް ތަކުގައި މިއަޅާގެ އަންހެނުން ވަނީ ނިކަމެތި އަޅާއަށްވުރެ އެތައްގުނައެއް ކުރިއަރާގޮސްފައެވެ. އަދި މިއަޅާގެ ހަޔާތުގައި ހެޔޮ ކަންތައްތަކަށް މަގުދައްކާޗާޓަކަށް ވިއެވެ. އެހިނދު ނިކަމެތި އަޅާގެ ދިރިއުޅުން ވަނީ ހުރިހައި ގޮތަކުން ފުރިހަމަވެ ހިތްފުރާލާފައެވެ. ދީނީ ކަންތައްތަކުގައި ނިކަމެތި އަޅާއަށްވުރެ ކުރިއަރާ ދިޔަފަދައިން އިބަﷲއާއި ބައްދަލުކުރުމުގައިވެސް އޭނާ ވަނީ ކުރިއަރައި ގޮސްފައެވެ.
ޔާﷲ، ނިކަމެތި އަޅާއަށްވުރެ އޭނާގެ އަމަލު އިބަ ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ. ރޭގަނޑު ދަންވަރު އަރާމު ތަންމަތި ދޫކޮއް އިބަ ﷲ އަށް އަޅުކަން ކުރުމަށް އިންއިނުމާައި، ގިޔާމުގައި އޭނާ ހުރި ހުރުމާއި، ކީރިތިقران ން ކިޔެވި އަކުރުތަކާއި، ސިއްރިއްޔާތުގައި ކުރި صدقات ތަކާއި އޭނާގެ ދުލުން ބޭރުކުރި ޒިކުރު ތަކާއި އަދި އެހެނިހެންވެސް ހެޔޮ އަމަލުތައް އިބަ ﷲ މޮޅަށް ދެކެދެނެ ވޮޑިގެންވެއެވެ. ޔާﷲ، ނިކަމެތި އަޅާގެ ހަޔާތުގައި 28 ޑިސެމްބަރ 1986 ވީ މިދެލޮލުން އުފާވެރި ކަމުގެ ކަރުނަ ފާއްދާލި ދުވަހަކަށެވެ. އެހެނީ އެދުވަހަކީ އިބަ ﷲ މިނިކަމެތި އަޅާއަށް އަންބެއްގެ ގޮތުގައި އިބަ ﷲގެ އަޅުތަކުން ތެރެއިން صَالِحٌ އަޅަކުދެއްވި ދުވަހެވެ. އިންސާނަކަށް މިދުނިޔޭގައި ދެއްވާ މަތިވެރި نعمة ތަކުގެ ތެރޭގައި صَالِحٌ އަންބަކު ދެއްވުން ހިމެނޭކަމުގައި ބުނާތީ އަޑުއަހަމެވެ.
ޔާﷲ އިބަ ﷲ މިއަޅާއަށް އެ نعمة ދެއްވިއެވެ. އަލަހަމްދު ﷲ. ހަމައެފަދައިން 30 ޖުލައި 2021 ގައިވެސް މިދެލޮލުން އުފާވެރިކަމާއި ހިތާމައިގެ ކަރުނަ ފާއްދާލިއެވެ. ހިތާމައަކަށްވީ 35 އަހަރުވަންދެން ލިބިލިބިހުރި نعمة ތަކަށް ނިމުންއައުމެވެ. ހީވީ ދިރިހުއްޓާ ހިތް ވަކިވެގެން ދިޔަހެނެވެ. ހިތް ފަޅަފަޅައިގެން ދިޔަހެންނެވެ. 35 އަހަރުގެ ހަނދާންތައް އަމާނާތެއްގެ ގޮތުގައި ހަވާލުކޮއްފައެވެ. އެކުރު މުއްދަތުގައި ލިބުނު نعمة ތަކުގެ އަގު ވަޒަންކުރާނީ ކޮންފަދަ އަކުންބާއެވެ. ދުވަހަކުވެސް އަޑު ބާރުކޮއް އެއްޗެއްބުނެ ޒުވާބު ކޮއްފައެއް ނުވެއެވެ. އަބަދުވެސް ފެނިފައިވަނީ އެލަދުރަކި ހިނިތުންވުމެވެ. އެއީ ދެފަރާތުގެ އާައިލާ އެކުގައި ގޮއްޖަހާލަދިން ވާގަޑެވެ. މިހަޔާތް އުޖާލާކޮއްލަދިން ދަންމަރެވެ. އާޚިރަތުގެ ގޯތި ސާފުކޮއްލަން އަބަދުވެސް އެހީތެެރިކަންދިން މިހަޔާތުގެ ނަސީބެވެ. ރޭގަނޑުގެ ހަމަހިމޭން ފަހު ދަންފަޅީގެ ސޯނާގަޑިއެވެ. ގޭގެ މައި އޮޅިގަނޑެވެ. ކޮންމެ ހާލަތެއްގައިވެސް ބޯއަޅާލަން ލިބިފައިވާ ކޮނޑެވެ. ހާސްވެ ހިތްނުތަނަވަސްވާ ކޮންމެ ފަހަރެއްގެ ކައުންސިލަރެވެ. އުފާވެރިކަން ގެނެސްދޭ ކޮންމެ ހާލަތެއްގެ ހިނިތުންވުމެވެ. އެވަކި ވުމަކީ މިހަޔާތުގެ ހުޅުކޮޅަށް ލިބުނު ފަނޑުކަމެކެވެ. ފޫނުބެއްދޭ ވަރުގެ ހިތްދަތިކަމެކެވެ. އުމުރު އެއްކޮއް އެކުގައި ހޭދަކުރުމަށް މިއަތުގައި ހިފާލިއަތް ބީވެ ދިޔައީއެވެ. ހޭދަކުރެވުނު 35 އަހަރަކީ އިރުއޮއްސުމުން ނިދާލާފައި ފަތިހު ހޭލުމާއި ދޭތެރޭ ފެނުނު ހުވަފެނެއްފަދަ އިހުސާސެއް ކުރުވަމުންނެވެ. އެކަނިވެރިކަން މިހިތަށް ވެރި ކުރުވަމުންނެވެ. ނުފިލާނޭ ހަނދާންތަކަކާއި ރިހުމެއް މިހިތުގައި ބިންވަޅު ނަގުވާފައެވެ. ހަޔާތަކީ ހާދަ ކުރުއެއްޗެއްކަން ސާބިތު ކޮއްދެމުންނެވެ. އުފަލަކަށްވީ ނިކަމެތި އަޅާގެ ފަރާތުން ދެމުން އައި ޙިދުމަތްތަކަށް ނިމުން އައިކަމުގައި ވީނަމަވެސް އިބަ ﷲގެ نعمةގެގޯތީގައި އޭނާއަށް ލިބޭނޭ نعمةތަކާއި ޚިދުމަތްތައް އެތައްގުނައެއް އިތުރުވާނޭ ކަމަށް ޤަބޫލުކުރެވޭތީއެވެ.
އަދި އެހިނދުން ފެށިގެން އޭނާއަށް ތަދެއް، ވޭނެއް، ހިތާމައެއް ވަރުބަލިކަމެއް އިޚުސާސް ކުރަން ނުޖެހޭނެކަމަށް ޤަބޫލުކުރެވޭތީއެވެ. އޭނާގެ އަމަލުތަކަށް އެތައް ގުނަ ސަވާބުން ހެޔޮ ދަރުމަ މިންވަރު ކުރައްވާނެކަމަށް ޤަބޫލު ކުރެވޭތީއެވެ. އަދި އޭނާގެ އާޚިރަތަކީ އެކަލާނގެ ނިޢުމަތްތަކުނަ ފުރިގެންވާ ސުވަރުގޭގެ ނިޢުމަތްތައް ކަމަށް ޤަބޫލު ކުރެވޭތީއެވެ. އޭނާގެ ކަށްވަޅު މިދުނިޔޭގައި ބޭނުން ކުރި ތަންމައްޗަށްވުރެ އަރާމުވެފައި ފުރިހަމަވާނެ ކަމަށް ޤަބޫލުކުރެވޭތީއެވެ. އެހެނީ އެކަށްވަޅު ވާނީ ﷲ سُبْحَانَهُ وَتَعَالَى ގެ ތަނަވަސް ވެގެންވާ نعمةގެ ގޯތި جنة الفردوسގެ ތަނަވަސްވެގެންވާ ބަގީޗާތަކުތެރެއިން ބަގީޗާއެއްކަމުގައި ޤަބޫލުކުރެވޭތީއެވެ. އަދި އެ ބަގީޗާގެ އަލިކަމަކީ އެކަލާނގެ ނޫރުފުޅުތަކުތެރެއިން އަލިގަދަނޫރެއް ކަމުގައި ޤަބޫލުކުރެވޭތީއެވެ.
ޔާﷲ، އޭނާއަކީ އާދައިގެ ނިކަމެތި ކުއްޖެކެވެ. ތަނަވަސް ކަމެއް ނެތް އާދައިގެ އާއިލާއަކަށް އުފަން ކުއްޖެކެވެ. މިދުނިޔޭގައި މަޝްހޫރުކަމެއް ލިބިފައިވާ ކުއްޖެއް ނޫނެވެ. އަދި އޭނާގެ ކުރު ހަޔާތުގައިވަނީ ވަރަށް ގިނަ ތަކުލީފުތަކާައި، ވޭނާއި، ހިތްދަތިކަމާއި މަޑުމައިތިރިކާމާއި، ކެތްތެރި ކަމާއި އެކު ކުރިމަތިލާފައެވެ. އެހެނަސް އިބަ ﷲވަނީ މީސްތަކުންނަށް ނުފެންނަ ރީތި ކަމަކާއި، މަޝްހޫރު ކަމަކާއި މުއްސަނދި ކަމެއް އޭނާ އަށްދެއްވަވާފައެވެ. އެއީ އޭނާގެ ހިތުގެ އާއި ހުލްގާއި އަމަލުތަކުގެ ރީތިކާމާއި، ފުރިހަމަކަމާއި، މުއްސަނދިކަމާއި މަޝްހޫރުކަމެވެ. އިބަ ﷲ نعمة ތަކުގެ ބޮޑުކަމާއެވެ. ޔާﷲ، ނިކަމެތި އަޅާގެ އަންހެނުންނަށް ދެއްވިފަދަ نعمة ތަކަށްވުރެ އެތައް ގުނައެއް އިތުރު نعمةތައް މިއަޅާގެ ދަރިންނާއި ކާފަ ދަރިފުޅަށް ދެއްވާފާނދޭވެ. އެކުދިންނީ އެކުދިންގެ މަންމަ/މާމަ ފަދަ އީމާންތެރި، އޯގާތެރި ހެޔޮ ލަފާ صَالِحٌ تقوى ވެރި ބަޔެއްކަމުގައި ލައްވާދޭވެ. އެއުރެންގެ ކުއްތައް އަފޫކުރައްވާ މަރުގެ ސަކަރާތްތައް ލުއިކުރައްވާ، ކަށްވަޅުގެ ފިތުނަ އާއި އަޒާބުން ރައްކައުތެރި ކުރައްވާ ނަރަކައިން މުއްތި ކުރައްވާ އެކުދިންގެ މަންމަ/މާމަ އާއި އެކު جنة الفردوسގައި ލައްވާދޭވެ. ޔާﷲ، މިއަޅާގެ އަންހެނުންގެ ހަޔާތުގައި ކުޅަ އެންމެހައި ހެޔޮ އަމަލެއް އިބަ ﷲ މޮޅަށް ދެކެދެނެވޮޑިގެންވެއެވެ. ޔާﷲ އޭނާގެ އެ އަމަލުތައް ޤަބޫލު ކުރައްވާފާދޭވެ. އަދި އޭގެ ބަދަލު އިބަ ﷲގެ ނިނުމެއްނުވާ ފުއްސެވުމާއި ސަވާބުން އޭނާގެ އާޚިރަތް މުއްސަނދި ކުރައްވާދޭވެ. އޭނާ އަށް އޭގެ ބަދަލުގައި جنة الفردوس އިން ބުއިމުގެ އާރުތަކާއި ބަގީޗާތަކާއި ގަނޑުވަރެއް ދެއްވާދޭވެ. އަދި އޭނާއާއި ކައުސާހިބާ محمد رسول ﷲ صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ އާއި ބައްދަލު ކޮއްދެއްވާދޭވެ.