މިފަހަރުގެ ހައްޖުގެ އަޅުކަން އަދާކުރާނެ އުމުރުން އެންމެ ދުވަސްވީ ހާޖީ މައްކާގެ މާތްބިމަށް ދެވިއްޖެއެވެ.
މިފަހަރުގެ ހައްޖުގެ އަޅުކަން އަދާކުރާނެ އެންމެ ދޮށީ ހާޖީއަކީ އިރާގަށް ނިސްބަތްވާ އަލްޖީރިއާގައި ދިރިއުޅެމުން އަންނަ އުމުރުން 130 އަހަރުގެ ސާރާހޫދާ އެވެ. އޭނާ ސައުދީއަށް ގޮސްފައިވަނީ އިއްޔެގެ ވަގުތެއްގައި ސައުދީގެ ފްލައިޓެއްގައެވެ.
ސާރާ ސައުދީގެ ޖިއްދާއަށް އައުމުން އެޤައުމުގެ ކަމާއި ބެހޭ އޮފިޝަލުން ވަނީ އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. ފޮޓޯތަކުންް ފެންނަ ގޮތުގައި ސާރާ ފުރޮޅުލީ ގޮނޑީގައި އިންއިރު، އުމުރުން އެހާ ދުވަސްވިނަމަވެސް އޭނާގެ މޫނުމަތި ފެންނަނީ ވަރަށް އުޖާލާކޮށެވެ. އަލްޖީރިއާގެ ބައެއް ނޫސްތަކުން ބުނެފައިވަނީ ސާރާ އެ އުމުރުގައި ހުރުމުގެ މައިގަނޑު ސަބަބަކީ އޭނާ ކެއުމުގައި ގެންގުޅޭ އުސޫލްތަކާއި ހަށިގަނޑު ޤަވާއިދުން ޗެކްކުރަމުންދާތީއެވެ.
އޭނާ ހައްޖަށް ދިއުމުގެ ކަންކަން ހަމަޖެއްސުމުގައި އަލްޖީރިއާގެ ހައްޖާބެހޭ އިދާރާއިން ވަރަށްބޮޑު އެހީތެރިކަމެއް ލިބިފައިވާކަމަށް އެޤައުމުގެ ނޫސްތަކުން ބުނެއެވެ.
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ކޮންމެ އަހަރަކުވެސް އެކި އުމުރު ފުރައިގެ މީހުން ހައްޖަށް ދެއެވެ. މީގެ ތެރޭގައި އުމުރުން ވަރަށް ދޮށީ މީހުން ހިމެނެއެވެ. ހައްޖުގެ އަޅުކަން އަދާކުރުމަށް މިފަހަރު މައްކާއަށް 1.3 މިލިއަނަށްވުރެ ގިނަ މީހުން ޒިޔާރަތްކުރާނޭކަމަށް މައްކާގެ ރީޖަނަލް އޮތޯރިޓީން ބުނެެވެ.