logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ހުޅުމާލެއިން ބިން ހިއްކާ ސަރަހައްދުގައި ހުރި އުޅަނދުތައް މި މަހުގެ 23 ގެ ކުރިން ނަގަން އަންގައިފި

ހުޅުމާލެ ފޭސް 3 ހިއްކާ ސަރަހައްދުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނާތީ އެ ސަރަހައްދުގައި އަޅާފައިވާ ރަތް ކުލައިގެ ސިލްޓް ސްކްރީންގެ އުތުރުގައިވާ ކަނޑު އުޅަނދުތައް ނަގަން އަންގައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތަކުގެ ސަބަބުން މަސައްކަތަށް ދަތިވާ ކަމަށާއި ބިން ހިއްކުމުގެ ތެރޭގައި އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމުގެ ގޮތުން އެ ސަރަހައްދުގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އަންގާ ކަމަށެވެ.

އަދި ވަކިން ހާއްސަކޮށް އެ ސަރަހައްދުގައި ރަތް ކުލައިން ފާހަގަވާނޭ ގޮތަށް އަޅާފައިވާ ސިލްޓް ސްކްރީންގެ އުތުރުގައިވާ އުޅަނދުތައް މި މަހުގެ 23 ވަނަ ދުވަހުގެ ކުރިން ނެގުމަށް އެޗްޑީސީން އެދިފައިވެއެވެ.

އަދި މި މަހުގެ 23 ގެ ފަހުން އެ ސަރަހައްދުގައި އެއްވެސް އުޅަނދެއް އަޅާފައި ބޭއްވުމަކީ މަނާ ކަމެއް ކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.

ހުޅުމާލެ ފޭސް 3 ހިއްކާ ސަރަހައްދުގެ މަސައްކަތް ފެށުމަށް އެކި ފަހަރުގެ މަތިން އެޗްޑީސީން ވަނީ އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އަންގާފައެވެ.

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މި މަޝްރޫއަކީ މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ތަފާތު ދަތިތަކުން އަރައިގަތުމަށް ހިންގަމުންދާ ތަރައްގީގެ މަޝްރޫއުތަކުގެ ބައެކެވެ. އެގޮތުން ހުޅުމާލެ ފޭސް 3 ގައި 63 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައިވާއިރު، މި މަޝްރޫއު ވަނީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީ) އާ މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު ހަވާލުކޮށްފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *