logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ނިމިދިޔަ ހައްޖު ހުތުބާގެ ވާހަކަތައް ދިވެހި މުުޖުތަމަޢުއާ ގުޅި މޫލާފައިވާ މިންވަރު

މިއަހަރުގެ ހައްޖު ދުވަހު ޙަރަމްފުޅުގެ އިމާމު އައްޝައިޚް މާހިރު އަލް މުއަޤްލީ ދެއްވި ހުތުބާއާމެދު ފުންކޮށް ވިސްނާލުމުން، ފާހަގަ ކުރެވެނީ އަދުގެ މުޖުތަމަޢުގެ ހާލަތާ އެ ހުތުބާ ގުޅުވާލާފައިވާލެއް ފުރިހަމަކަމެވެ. ކޮންމެ ކަމެއްވެސް ބަޔާންކޮށް ދެއްވީ ޤުރުއާނާއި ސުންނަތުގެ އަލީގައި ހެކި ދައްކަވަމުންނެވެ. އަޅުގަނޑު މަސައްކަތް މިކުރަނީ މިހުތުބާގެ މުހިއްމު ތާސީރު ރާއްޖޭގެ މުޖުތަމައަށް ފައްތާލެވޭތޯއެވެ. އިބުރަތަކަށްޓަކައެވެ.

އިމާމްގެ ހުތުބާގައި މާތް ﷲ އަށް ތަޤުވާވެރިވުމަށް ގޮވައިލެއްވުމާއެކު ތައުޙީދުގެ މަތީގައި ސާބިތުވުމަށާއި، ޝިރުކުން އެއްކިބާވުމަށް ގޮވައިލެއްވިއެވެ. އަދި ސަލާމާތްވާނެ މަގަކީ އެއީ ކަމުގައި ބަޔާންކުރެއްވީ އެންމެ އާދައިގެ މީހާއަށް ވެސް ވިސްނާހާ ތިލަކޮށެވެ.

އަޅުގަނޑުމެންގެ މުޖުތަމައުގެ އަދުގެ ހާލަތަށް ވިސްނާއިރު، އާދަހިފާފައިވަނީ ތަޤުވާވެރިވުމާ ބީރައްޓެހި އުސޫލުތަކެވެ. ކުޑަކުދިންނާއި ޒުވާނުންނާއި ޖުމްލަކޮށް މުޅި މުޖުތަމައުގައިވެސް އޮތީ ޝިރުކުރުގެ ޢަމަލުތައް ފެތުރުފައެވެ. ސިހުރު ހެދުމެވެ. ރަމަލު ޖެހުމެވެ. ނަސީބުގެ ބެލުމެވެ. މިހެންގޮސް އެތައް ކަމެއް ލިސްޓްކޮށްލެވިދާނެއެވެ. މިކަންކަމަކީ ޝިރުކުރުގެ ޢަމަލުތަކެވެ. އެއީ ހަލާކުގެ މަގެވެ. ހުތުބާގައި ފާހަގަކޮށްފައިވާ ފަދައިން ސަލާމަތްކަން އޮތީ އެކަންކަމާ ދުރުވެގެންނެވެ. ﷲއަށް ތަގުވާވެރިވެގެންނެވެ.

އިމާމުގެ ހައްޖު ހުތުބާ ކުރިއަށް ގެންދަވަމުން ނަމާދުތަކަށް ރައްކާތެރިވުމަށް ގޮވައިލެއްވިއެވެ. އަދި އެއީ ނަމާދުގެ ސަބަބުން ފާޙިޝް ކަންތައްތަކާއި، މުންކަރާތްތަކުން މީހާ ދުރުކޮށްދޭ ކަމެއް ކަމުގައި ވާތީކަމުގައި ވިދާޅުވިއެވެ. މިވާހަކަ ގެނެސް ދިވެހި މުޖުތަމައަށް ފައްތާލާއިރު ފެންނާން އޮތީ ފާހިޝްކަންކަމަށް ދެވި ހިފާފައިވާ އާބާދީއެކެވެ. ޖީލެކެވެ. ނަމާދު ކުރުމާއި ދުރެވެ. އެހެންކަމުން ހައްޖު ހުތުބާއިން އެލިބިދޭ އިބުރަތް އަހަރެމެން ބަލައިގެންފިނަމަ އޮތީ ކާމިޔާބާއި އުފާވެރިކަމެވެ. ރައްކާތެރިކަމެވެ.

ގެއްލުންތަކުން ރައްކާތެރިވުމަށް ގޮވައިލެއްވުމަށާއި ގެއްލުން ލިބިގަތުމެއް އަދި ގެއްލުން ދިނުމެއް ނެތްކަން ބަޔާންކުރެއްވުމާއެކު ޢާއިލީ ގުޅުންތަކަށް ރައްކާތެރިވުމަށް ގޮވައިލެއްވުމުގެ އިތުރުން ވެރިންނަށް ކިޔަމަންތެރިވުމަށާއި އަމާނާތްތަކަށް ރައްކާތެރިވުމަށް ގޮވައިލެއްވިއެވެ. މިކަންކަމަށް ފުންކޮށް ވިސްނާލުމުން ދިވެހި މުޖުތަމަޢުން ފެންނަނީ ހިތާމަވެރި މަންޒަރެކެވެ. މާރާމާރީ ހިންގުމާއި މަސްތުވާތަކެތި ބޭނުންކޮށް ތިމާގެ އަމިއްލަ ނަފްސު ހަލާކުގެ ތެރެއަށް ވައްޓާލުމާއި ވެރިންނަށް އިހްތިރާމް ނުކުރުމާއި ހިޔާނާތްތެރިކަން ވަނީ މޫލައި ފުނަށް ހެދިފައެވެ. ތިމާގެ ޒިންމާތަކަށް އަމާނާތްތެރިއެއް ނުވެއެވެ. މީހުން ހަވާލުކޮށްފައިވާ އަމާނާތަށް ހިޔާނާތްތެރިވަނީއެވެ. ދައުލަތުގެ މުދަލާއި ރައްޔިތުންގެ ފައިސާއަށް ބިރެއް ނެތި ހިޔާނާތްވަނީއެވެ. ހުތުބާގައި މިކަންކަން ފާހަގަކޮށްފައިވަނީ ގެއްލުމާއި ހަލާކުގެ މަގުގެ ގޮތުގައެވެ.

އިސްލާމްދީނުގެ ފަސް ޟަރޫރިއްޔަތު އިމާމް ބަޔާންކޮށްދެއްވިއެވެ. އެއީ؛ ދީން ޙިމާޔަތް ކުރުމާއި ނަފްސު ޙިމާޔަތް ކުރުމާއި ބުއްދި ރައްކާތެރި ކުރުމާއި އަބުރުރައްކާތެރި ކުރުމުގެ އިތުރުން މުދާ ރައްކާތެރި ކުރުމެވެ. އަދި މުޖުތަމަޢު ސަލާމަތުން ބޭއްވޭނީ މަތީގައިވާ ފަސްކަންތަކަށް ރައްކާތެރިވެގެންކަން ބަޔާކުރެއްކުރެއްވުމާއެކު ރަސޫލުން ފޮނުއްވުމުގެ ބޭނުމަކީ މުޖުތަމަޢު ޖާހިލުކަމުން ސަލާމަތްކޮށްދިނުން ކަމަށް ވިދާޅުވިއެވެ.

މުޖުތަމައުގެ އަދުގެ ހާލަތު އޮތީ މިގޮތަށް ހެއްޔެވެ؟ ޖާހިލިއްޔަ ޒަމާނުގެ އާދަކާދައަށް މުޖުތަމަޢުގެ އަމާޒުހުރީ ހިފާފައެވެ. އަބުރާއި ނަފްސު ކަތިލުމާއި އަނެކުންގެ މުދަލަށް ހިމާޔަތް ދިނުމެއް ރައްކާތެރިކަން ދިނުމެއް މިހާރަކު ނުވެއެވެ. ސޯޝަލް މީޑިއާގެ ވާހަކަތައް ތަރުޖަމާކޮށްލުމުންނާއި ދިވެހި ފުލުހުންގެ ތަފާސްހިސާބުތަކާއި ރެކޯޑުތަކާއި ވާހަކަތައް އަޑުއަހާލުމުން، ހައްޖު ހުތުބާގައި ފާހަގަކުރައްވާފައިވާ މި މިމުހިއްމު ކަންކަމަށް ހިޔަނިއެޅިފައިވާ މިންވަރު މި މުޖުތަމައުން ސާފުކޮށް ފެންނާން އެބަހުއްޓެވެ.

ވަކި ކަމެއް ނެތެވެ. ހައްޖު ހުތުބާގައި އިމާމު ކުރުކޮށް ދުނިޔޭގެ މުސްލިމުންނަށް ދެއްވީ އިބުރަތުން ފުރިގެންވާ ނަސޭހަތްތަކެވެ. އެއްބައެއް އަނެއްބައެއްގެ މުދާ ބާޠިލުގޮތުގައި ކެއުން ޙަރާމްކުރެއްވިކަން ބަޔާންކުރެއްވުމާއެކު މީސްތަކުންގެ އަބުރަށް އަރައި ނުގަތުމަށާއި މަލާމާތްނުކުރުމަށް ގޮވައިލެއްވިއެވެ. ނުބައިކަންކަން ހުއްޓުމަށް މަސައްކަތްކުރުމަށާއި އަނިޔާވެރިންނަށް ޤިޔާމަތްދުވަހުގެ ޢުޤޫބާތްހުރިކަން ބަޔާންކޮށްދެއްވިއެވެ.

އަނެކުންގެ މުދަލަށް އަރައިގަތުމަކީ ކޮންމެ ގޮތަކުންވެސް މުދާވެރިކަން ލިބިގަތުމަށް ދެވިހިފާފައިވާ ދިވެހި މުޖުތަމައުގެ އެންމެ ހިތްދަތި އެއް ސިފައެވެ. މީހުންގެ އަބުރަށް އަރައިގަތުމާއި މަލާމާތްކުރުމަކީ ކޮންމެ ދުވަހެއްގެ އާދައެކެވެ. އާދައިގެ ކަމެކެވެ. ނުބައިކަންކަން ހުއްޓުވަނީ މިއަދު ކާކު ހެއްޔެވެ؟ އަނިޔާވެރިންނަށް ޤިޔާމަތްދުވަހު ޢުޤޫބާތް ހުރިކަމަށް އިމާމު ހުތުބާގައި އެވިދާޅުވަނީ އަދުގެ މުޖުތަމައުގައި އެކަންކަން އިންތިއާއަށް ގޮސްފައިވާ ކަންކަމުގެ ވާހަކައެވެ. މުޅި މުޖުތަމައުން ފެންނަނީ އަނިޔާވެރިކަމެވެ. އިހުމާލެވެ. ގަސްތުގައި ދޭ އަނިޔާއެވެ. ނިޒާމުގެ ތެރެއިން ރޭވިގެން ދެވޭ އަނިޔާއެވެ. މިކަންކަމާ ދުރުވުމަށް މިފަހަރުގެ ނިމިދިޔަ ހައްޖު ހުތުބާއަކީ ނަމޫނާއެކެވެ. ފަރުވާއެކެވެ. ނަސޭހަތެކެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *