logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ދައުލަތް ހިންގުމުގެ އޮނިގަނޑު މުރާޖައާކޮށް ކުޑަކުރާނަން: ރައީސް

ހަރަދުތައް ކުޑަކުރުމުގެ ގޮތުން ދައުލަތް ހިންގުމުގެ އޮނިގަނޑު މުރާޖައާކޮށް ކުޑަކުރާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ ޕީއެންސީއިން މިރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ.މުއިއްޒު ވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އެމަނިކުފާނު ކުރެއްވުމަށް ނިންމަވާފައިވާ ބައެއް މުހިއްމު ކަންކަން ހިއްސާކުރައްވާފައެވެ. މިގޮތުން ދައުލަތް ހިންގުމުގެ އޮނިގަނޑު ކުޑަކުރުމަށް މަޖިލިސް މެމްބަރުންގެ އަދަދާއި، ކައުންސިލް މެމްބަރުންގެ އަދަދު މަދުކުރުމުގެ މުހިއްމުކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ އަދަދު މިހާރު މިއޮތް އަދަދުން 77 ކަށް ދަށްކުރުމަށް ހުށަހަޅުއްވާނޭ ކަމަށެވެ. ރައްޔިތުން މަޖިލީހުގައި މިހާރު 93 މެމްބަރުން ތިއްބަވައެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ ސައިޒު ކުޑަކުރައްވަންޖެހޭކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި މިހާރު މި ދާގޮތަށް ދަނީނަމަ ރައްޔިތުން މަޖިލީހުގައި ތިއްބަވާ މެމްބަރުންގެ އަދަދު ސަތޭކަ ނުވަތަ އާބާދީ ބޮޑުވަމުންދާ ނިސްބަތުން މެމްބަރުންވެސް އިތުރުވަމުންދާނޭ ކަމަށެވެ. މަޖިލީޙުގައި ތިއްބަވާ މެމްބަރުންގެ އަދަދު އެގޮތަށް އިތުރުވަމުންދިއުމަކީ އެއްވެސް މާނައެއްހުރިކަމެއް ނޫންކަމަށާއި އެންމެރަނގަޅުކަމަށް ފެންނަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ތިއްބެވި އަދަދަށް މެމްބަރުން ތިއްބެވުންކަމަށެވެ. 17 ވަނަ ރައްޔިތުން މަޖިލީޙުގައި މެމްބަރުންގެ ގޮތުގައި ތިއްބެވީ 77 މެމްބަރުންނެވެ.

"ވަރަށްގިނަ މުއައްސަސާތައް އުފައްދާފައި އެބަހުރި ޤާނޫނުތަކުން. އަދި ޤާނޫއަސާސީންވެސް. މިނިވަން ކޮމިޝަންތައް. އެކި ކަހަލަ ބޮޑީތައް. މިތަންތަންވެސް އާދަޔާހިލާފަށް ބޮޑެތި އަދަދުތަކުން ކޮމިޝަނަށް މެމްބަރުންތައް ހަމަޖައްސާފައި ހުންނަނީ ޤާނޫނުތައް ހުންނަގޮތުން. އަޅުގަނޑު ޤަބޫލުކުރާގޮތުގައި ފަސް މީހުން، ހަތްމީހުން 10 މީހުން، މިހާގިނަ އަދަދުތަކުން ކޮމިޝަންތަކުގައި ތިބޭކަށް ނުޖެހޭ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އިހުލާސްތެރިކަމާއިއެކު ރައްޔިތުންނަށް ހިދުމަތްކޮށްދިނުމަށް ބޮޑު ޓީމެއް އޮންނާކަށް ނުޖެހޭކަމަށާއި، މިފަދަ ކޮމިޝަންތަކުގައި ޤާނޫނީގޮތުން މެމްބަރުން ކަނޑައަޅާފައި ތިބި އަދަދުތައް މަދުކުރައްވާނޭކަމަށެވެ. މި ބަދަލު ގެނައުމަށް ޤާނޫނުތަކަށް އިސްލާހު ގެނައުމަށް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅުއްވާނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އެއް ޒާތެއްގެ މަސައްކަތްކުރާ ކޮމިޝަންތައް އެއްކޮށްލައި އެ ކޮމިޝަންތަކުން ކުރާ މަސައްކަތް ސްޓްރީމްލައިން ކުރެވި ސީދާ ރައްޔިތުންނަށް ފައިދާވާގޮތަށް ހައްދަވާނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ދައުލަތް ހިންގުމުގެ އޮނިގަނޑު ބައްޓަންކުރައްވަން ފެނިވަޑައިގަންނަވާ ގޮތްތަކާއި ބެހޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އާބާދީގެ ގޮތުން ކުދި ރަށްރަށުގައި ފަސް ކައުންސިލަރުން ބޭތިއްބުމުގެ ބަދަލުގައި ކައުންސިލަށް ރައީސަކާއި، ނައިބު ރައީސެއް ހޮވުމުން ފުދޭނޭކަމަށް ވިދާޅުވެފައެވެ. މިގޮތުން މިހާރު އަތޮޅު ކައުންސިލަރުން ހޮވުމުގެ ކަންކަން ކުރިއަށްގެންދާގޮތަށް ބަލާއިރު، މިކަމަކީ އެއްވެސް މާނައެއް ހުރި ކަމެއް ނޫންކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ޢެމްބަސީތަކަށް ތިފޮނުވާމީހުން މަދުކޮށްބަލަ. ހާދަލާރިއެކޭ އެ ސަލާމަތްކުރެވެނީ، ތަނެއްދޮރެެއް ނޭގޭމީހުން އެމްބަސީތަކަށް ފޮނުވައިގެން މުޅި ފޮރިން ސަރވިސް ހަލާކުވަމުން އެދަނީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *